03 ޖުލައި 2023 - 10:36

ފްލޮރިޑާ (ޖުލައި 3) - އެމެރިކާގެ އިންޓަ މަޔާމީ އަށް ސޮއި ކުރި، ލިއޮނެލް މެސީ އެ ސިޓީ އަށް ދިިރިއުޅުން ބަދަލު ކުރުމުގެ ކުރިން ފަސްވަނަ ގެއެއް އެ ސިޓީން ގަންނަން ނިންމައިފި އެވެ.

މަޔާމީގައި މިހާރު ވެސް މެސީގެ ހަތަރުގެ އެއް އެބަހުއްޓެވެ. އެ ހަތަރު ގޭގެ އަގަކީ 15 މިލިއަން ޑޮލަރެވެ. އެއީ ކުރިން އޭނާ ގަނެފައިވާ ގެތަކެކެވެ.
މިފަހަރު މެސީ ގެއެއް ގަންނަން މަސައްކަތް ކުރަނީ ސީދާ އޭނާ އާއި އާއިލާ ދިރިއުޅެން މަޔާމީގެ ސީވިއު ސަރަހައްދުންނެވެ.
މަޔާމީގެ އެކްސްކްލޫސިވް ޕޯޝޭ ޑިޒައިން ޓަވަރުގައި މެސީގެ މިލްކިއްޔާތުގައި 4،400 އަކަފޫޓުގެ އެޕާޓްމަންޓެއް އެބަހުއްޓެވެ. އަދި ކޮލިންސް އެވެނިއުގައި ހުންނަ ރެގަލިއާ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާ އެއްކޮށް މެސީ ވަނީ ގަނެފަ އެވެ. އަދި ޓްރަމްޕް ރޯޔަލް ޓަވަރުން ލަގްޒަރީ ދެ ޔުނިޓް ވެސް މެސީ ނަމުގައި ހުރެ އެވެ.
އެ ސިޓީގެ މޫދު ސަރަހައްދު ފެންނަގޮތަށް ހުންނަ ޕޯޝް ޓަވަރުން 2017 ގައި ހަތް މިލިއަން ޑޮލަރަށް އެޕާޓްމެންޓެއް ގަތުމަށް ފަހު މެސީ ވަނީ އޭގެ ދެތިން އަހަރު ފަހުން އެއަށް ވުރެ ބޮޑު އެޕާޓްމެންޓެއް ހަ މިލިއަން ޑޮލަރަށް ގަނެފަ އެވެ. އޭގެ ފަހުން ޓްރަމްޕް ރޯޔަލް ހޮޓެލްގެ ދެ އެޕާޓްމަންޓެއް 800،000 ޑޮލަރު ދީގައި މިލްކު ކުރި އެވެ.
ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބް ދޫކޮށްލަން މެސީ ނިންމުމުން، އޭނާ ގެންދަން ސައުދީ އަރަބިއާގެ އަލް ހިލާލްއިން ވެސް މަސައްކަތް ކުރި އެވެ. އެ އެއްބަސްވުމުގެ ދަށުން ބިލިއަނެއްހާ ޑޮލަރު އޭނާ އަށް ލިބެން އޮތެވެ. ނަމަވެސް މަޔާމީ އަށް ބަދަލުވީ ކްލަބްގެ ހިއްސާ އާއި އެޕަލް ޓީވީގެ ފައިދާއިން ވެސް ޕަސަންޓް ވެސް ލިބޭ ގޮތަށް އޮތުމުންނެވެ.
މެސީ ގެނައުމަށް ފަހު މަޔާމީން އެ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސީ ކުރިން އޭނާ އާއެކު ބާސެލޯނާ އަދި އާޖެންޓީނާގެ ޓީމުގައި ވެސް މަސައްކަތް ކުރި ޓާޓާ މާޓިނޯ އެވެ. މެސީ އާއެކު ޕީއެސްޖީ އަށް ކުޅުނު ސާޖިއޯ ރާމޯސް އެ ކްލަބަށް ގެންދަން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
ކޯޗު ކަމާ ހަވާލުވުމަށް ފަހު ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޓިނޯ ބުނީ މެސީ އާއި ރާމޯސްއާ ވެސް ވާހަކަ ދެއްކި ކަމަށެވެ.
"ބައެއް ފަހަރު މީހުން މަޔާމީއޭ ބުނީމަ ބައެއް މީހުންނަށް ހީވަނީ ޗުއްޓީ ހޭދަކުރަން އަންނަ ތަނެއް ގޮތަށް. އެކަމަކު އެ ދެ ކުޅުންތެރިން މިތަނަށް އަންނަނީ ޗުއްޓީ ހޭދަކުރާކަށް ނޫން. އެ މީހުން މިތިބީ މަސައްކަތްކޮށް ވާދަކޮށް މޮޅުވާން. އެއީ އެމީހުންގެ ލޭގައި ހުރި ކަމެއް،" މާޓީނޯ ބުންޏެވެ.
މަޔާމީގެ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް އަވަހަށް މެސީ ރަސްމީކޮށް ތައާރަފްކޮށްދޭނެ އެވެ. އެމެރިކާގެ މޭޖާ ލީގުގެ އޮފިޝަލުން ބުނީ މެސީ ތައާރަފު ކުރުން ވަނީ އެ ލީގުގެ ތާރީހުގައި ބާއްވާ އެންމެ ހާއްސަ ހަފުލާ އަށް ކަމަށެވެ.