02 ޖުލައި 2023 - 21:38

މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް މަރުވި މީހާއަކީ އެ ގެއަށް ވައްކަންކުރަން ވަން މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހ. ހާޅަލަމާ ގްރައުންޑް ފްލޯގައި "ހަބަރު ހުސްވެފައި" އޮއްވާ ފެނުނު މީހާއަކީ އެ ގެއިން ކަރަންޓު ކޭބަލެއް ވަގަށް ނަގަން ވަދެ އުޅުނު މީހެއް ކަމަށެވެ. އަދި އޭނާ މަރުވީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.
މަރުވެފައި އޮއްވައި ފެނުނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"ނިޔާވި މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައި ހުރި ކަމުގެ ނިޝާންތައް ހުރި،" ފުލުހުން ބުންޏެވެ.
އެ މީހާ ވެއްޓިފައި އޮތް ތަނުން ވައްކަން ކުރަން ބޭނުންކުރާ އާލަތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި، އެއީ ވައްކަންކުރުމުގެ ރެކޯޑު ވެސް އޮތް މީހެކެވެ.