02 ޖުލައި 2023 - 18:48

މި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމޭއިރު، ގިރާވަރާ ހަމައަށް އެ ބްރިޖު އޮންނާނީ ގުޅާލެވިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކ. ގުޅިފަޅުން އިތުރު ބިން ހިއްކަން ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިދިނުމާ އެކު އެ މަޝްރޫއު އެންމެ ފުރިހަމަ ވާނީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން އަޅާ ބްރިޖުގެ މަސައްކަތް ނިމުމުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރު އެވެ.
"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ވެސް ނިމި، ބޭނުންކުރަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.
"އެއަށްފަހު ދެން ކުރަން އޮތް ކަމަކީ އެ ބްރިޖު ގޮސް ގިރާވަރު ފަޅާ ގުޅާލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން."
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެންމެފަހުން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ވަރަށް ލަހެވެ. އަދި ކުރިން އަންދާޒާކުރި ގޮތަށް މި އަހަރުގެ ތެރޭގައި މާލެ-ވިލިމާލެ އެކަނި ވެސް ގުޅާލާ ނުނިމޭނެ އެވެ.