ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ
ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ

ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން އެދުނު ގޮތަށް، ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި މަރުތަޅު އެޅި، އީދު ބަންދުގެ ކުރިން މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މުހިންމު މަސައްކަތްތަކެއް ނުނިންމަ އެވެ.

އެއާ އެކު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ދައުރު ނިންމާލާފައި ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެހެންވެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ދައުރުން ބޭރުން ޖަލްސާތައް ބާއްވައި ދޭން އެމްޑީޕީން އެދުނެވެ.

މަޖިލީހުގެ ގަވާއިދުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސަށް ލިބޭ 14 ދުވަސް އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު، އެމްޑީޕީން އެދުނު ގޮތަށް ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

އަދި މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަންޖެހުނެވެ.

އެކަމަކު އޭގެ ފަހުން، މިދިޔަ މަހުގެ 22 ވަނަ ދުވަހު އޮތް ދެވަނަ ދައުރުގެ ފަހުގެ ޖަލްސާގެ ރިޔާސަތާ ނަޝީދު ވަނީ "ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވީ" ކަމަށް ވިދާޅުވެ، ހަވާލުވެވަޑައިގެންފަ އެވެ.

އެ ދުވަހު ވެސް ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އެޖެންޑާކޮށް، ބަހުސް ކުރިއަށް ގެންދެވި އެވެ. އެކަމަކު ވޯޓަށް އަހައި އެ މައްސަލަ ނިންމުން އެ ޖަލްސާގައި ކުރިއަށް ނުގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.