02 ޖުލައި 2023 - 17:04

ސިޔާސީ ގޮތުން ތަފާތު ފިކުރުގެ ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އިން އެއް ވިސްނުމެއްގައި މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެއްވެސް ސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވައި ރުޅިގަދަވެ، ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުތަކެއް ކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީ އާއި ޑިމޮކްރެޓްސް އިން ބޭއްވި ތިން ވަނަ މަޝްވަރާ ބައްދަލުވުމަށް ފަހު އޯޝަން ލައިބްރެރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި ދެ ޕާޓީން މަޝްވަރާ ކުރަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމޭނެ ގޮތްތަކެއް ހޯދުމަށެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ދެ ޕާޓީން ވަކިވަކި ކެނޑިޑޭޓުން ނެރޭނެ ކަމަށާއި އެހެން ނަމަވެސް އެއް ކެނޑިޑޭޓަކަށް އެއްބަސްވާން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ.
ކެނޑިޑޭޓެއް ނެރުމާއި ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ޕީޕީއެމްގެ ސެނެޓްގެ މެންބަރުންނާ މަޝްވަރާ ނުކޮށް ހިންގާތީ އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ސުޖާ ވިދާޅުވީ ޕީޕީއެމް އިން ޑިމޮކްރެޓްސް އާ ވާހަކަ ދައްކަނީ އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީންގެ އިރުޝާދާ އެކީގައި ކަމަށެވެ.
އެތެރޭގެ މައްސަލަތަކެއްގެ ސުވާލު ނޫސްވެރިން ކުރަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސުވާލުތައް ވަކިވަކި ނޫސްވެރިންނަށް ފޮނުވާތީ ކަމަށް ސުޖާ ތުހުމަތު ކުރެއްވި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު ކިހިނެއް ވެގެން މި އުޅެނީ ނޫސްވެރިންނަށް ސްޕޮންސާ ދީގެން ސުވާލު އުފައްދަނީ... އަޅުގަނޑު މި ދަންނަވަނީ މި ސުވާލު ނުކުރައްވާ ތިބޭފުޅުން. ޕީޕީއެމްގެ ކެނޑިޑޭޓު ހުންނާނެ. އެއީ ރައީސް ޔާމީން،" ސުޖާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ އާއެކު މަޝްވަރާތައް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މެންބަރުންނަކީ 2018 ގެ ކުރިން އަދި އޭގެ ފަހުން ވެސް ޔާމީނަށް ވައްކަމާއި ހިޔާނާތުގެ ތުހުމަތުތައް ކުރައްވި މެންބަރުންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެފަދަ މައްސަލަތަކުގައި ޔާމީން އާ މެދު ދެކެވަޑައިގަންނަވާ ގޮތް ބަދަލުވީތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަމްރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތަކީ އެންމެ މީހަކު ކުރި ކަމެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
ޔާމީން އާ މެދު ޑިމޮކްރެޓްސް އިން ދެކެމުން އައި ގޮތް ބަދަލުވީތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވައި އަމްރު ގެންދެވީ މި ސަރުކާރުގެ ހިޔާނާތްތަކުގެ ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ. ތިބޭފުޅުން ދެން ޖައްސަވަން ބޭނުން ހެޑްލައިނެއް ޖައްސަވާ،" އަމްރު ވިދާޅުވި އެވެ.
ތިން ޕާޓީން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރެން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އަމްރު ވިދާޅުވުމުން އެ ކެނޑިޑޭޓަކީ ޔާމީން ނަމަވެސް ތާއީދު ކުރައްވާނެތޯ ނޫސްވެރިން ސުވާލު ކުރި އެވެ.
އެ ސުވާލަށް އަމްރު އެއްގޮތަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ "ތިއީ ރައީސް އޮފީހުން ފޮނުވާ ސުވާލެއް" ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ވަކާލާތު ކުރާ "އިންޑިއާ އައުޓް" ކެމްޕެއިންނާ ގުޅޭ ގޮތުން ޑިމޮކްރެޓްސްގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ވެސް އަމްރު ޖަވާބެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ ދެ ޕާޓީއަކަށް ވާތީ ތަފާތު ސިޔާސަތުތައް ހުންނާނެ ކަމަށާއި ވިސްނުމަކީ ސަރުކާރު ބަދަލު ކުރުން ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދު ކުރަންތޯ ނުވަތަ ނޫންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އަމްރު އެއްވެސް ޖަވާބެއް ނުދެއްވައި އަނެއްކާވެސް ވިދާޅުވީ އެއީ ރައީސް އޮފީހުން ބޭނުންވާ ހެޑްލައިން ޖަހަން ކުރާ ސުވާލެއް ކަމަށެވެ.
"ރައީސް އޮފީހުން މިވެނި ގޮތަކަށް ހެޑްލައިން ޖަހާށޭ އަންގައިފައި އޮތީތީ އެ ހެޑްލައިން ޖެހޭނެ ގޮތެއް ހޯދުމަށްޓަކައި ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ތިބޭފުޅުންނަށް ތި ލިބޭ ފައިސާއަކީ ރައްޔިތުންނަށް ލިބޭ ޓެކްސް ފައިސާ." އަމްރު ތުހުމަތު ކުރެއްވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިން ވަނީ އެ ތުހުމަތު ދޮގު ކޮށްފަ އެވެ. އަދި އޭގެ ހެކި ދައްކަން ވެސް އެދުނެވެ. އެހެން ނަމަވެސް ސުޖާ ވެސް ވިދާޅުވީ އެއީ "އަފްރާޝިމް މައްސަލާގައި އިމްރާން އަތުގައި ހެކި އޮތް ކަމަށް ވިިދާޅުވުން" ކަހަލަ ކަމެކެވެ. އެއީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށް ސުޖާ އަމިއްލަ އަށް ވެސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ފަހުން ވިދާޅުވީ ކަންބޮޑުވުމަކީ ސަރުކާރުގެ ކުންފުނިތައް ނޫސްތަކުގައި އިސްތިހާރު ޖަހާ މައްސަލަ އެވެ.
މީޑިއާތަކަށް ތުހުމަތު ކުރުމަށް މުޅި ނޫސްވެރިންގެ ބައްދަލުވުމުގެ މައުލޫއު އެނބުރިގެން ދިޔަ ނަމަވެސް ޕީޕީއެމް/ޕީއެންސީ އަދި ޑިމޮކްރެޓްސްގެ ގުޅުމާ ބެހޭ މުހިންމު އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ.