11 ޖޫން 2016 - 11:03

ސްޓީވެން ސޮޑަބާގްގެ ކުރިއަށް އޮތް ފިލްމު އިއުލާން ކުރުމާ އެކު، ފިލްމަށް އެތައް ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މި ފަހަރުގެ ފިލްމު ވަރަށް ހާއްސަ އެވެ. ސަބަބަކީ ވަރަށް ވަރުގަދަ ކާސްޓެއް މި ފަހަރު ފިލްމުން ފެނިގެން ދާނެތީ އެވެ.
"ލޯގަން ލަކީ" ގެ ކާސްޓަށް އެންމެ ފަހުން އިތުރުވި މަޝްހޫރު ތަރިއަކީ ދެ ފަހަރެއްގެ މަތިން އޮސްކާ ހާސިލްކޮށްފައިވާ ބަތަލާ ހިލަރީ ސްވޭންކް އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އެންމެ ފަހުން ނިކުތް ޖޭމްސް ބޮންޑްގެ ހަތަރު ފިލްމުގައި ބޮންޑްގެ ރޯލް ކުޅުނު ޑެނިއަލް ކްރެއިގާއި ޗެނިން ޓެޓަމް، މައިކަލް ޝެނަން، ކެތަރީން ހީގްލް އަދި އެޑަމް ޑްރައިވާ ފަދަ ތަރިން ހިމެނެ އެވެ.
މި ހިސާބުން އަދި ލިސްޓް ނިމުނީކީ ނޫނެވެ. "ލޯގަން ލަކީ" ގެ ކާސްޓުންގެ ތެރޭގައި "ފެމިލީ ގާއި" ގެ ކްރިއޭޓަރު ސެތު މެކްފާލެން އާއި "ދަ ގާލްފްރެންޑް އެކްސްޕީރިއަންސް" ގެ ތަރި ރިލޭ ކިއޯ ވެސް ހިމެނެ އެވެ.
ވައްކަމުގެ ބޮޑު ހާދިސާއެއް ދައްކުވައިދޭ އަދި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ތާވަލްކޮށްފައިވާ "ލޯގަން ލަކީ" ޕްރޮޑިއުސް ކުރަނީ މާކް ޖޯންސަން، ގްރެގަރީ ޖެކޮބްސް އަދި ރެއިޑް ކެރޮލިން ގުޅިގެންނެވެ.
ފިލްމުގެ ކާސްޓަށް ސްވޭންސް އިތުރުވެގެން ދިއުމާ އެކު، ފިލްމަށް ކުރެވޭ އުންމީދުތައް މިހާރު ހުރީ ވަރަށް އުހުގަ އެވެ.
"މިލިއަން ޑޮލާ ބޭބީ" ފަދަ ފިލްމުތައް ކުޅެފައިވާ ސްވޭންސްކް، 41، މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ނަފުސާނީ ބައްޔެއް ކުރިމަތިވެފައިވާ މީހެއްގެ ދިރިއުޅުން ދައްކުވައިދޭ ޑްރާމާ "55 ސްޓެޕްސް" ގަ އެވެ.
"ލޯގަން ލަކީ" ގެ ޑައިރެކްޓަރު ސޮޑަބާގަކީ ކާމިޔާބު އަދި މަޝްހޫރު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރެވެ.
އޭގެ ތެރޭގައި "އޯޝަންސް" ސީރީޒްގެ ފިލްމުތަކާއި "އެރިން ބްރޮކޮވިޗް" ފާހަގަކޮށްލެވެ އެވެ.