ސަޕޯޓަރުންގެ ހިތަށް ތަދުވާ ކަމެއް ނުކުރާނަން: އާދަމް ޝަރީފް
ސަޕޯޓަރުންގެ ހިތަށް ތަދުވާ ކަމެއް ނުކުރާނަން: އާދަމް ޝަރީފް

ދަ ޑިމޮކްރެޓްސްއާ އެކު މަޝްވަރާ ކުރިޔަސް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންގެ ހިތަށް ތަދުވާ ވަރުގެ ކަމެއް ނުކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން އަންނަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން ނިންމައިފަ އެވެ.

މަޝްވަރާތަކުގެ މާ ގިނަ ތަފްސީލެއް އެ ދެ ޕާޓީން ހާމަ ނުކުރި ނަމަވެސް ދާދި ފަހުން ނަޝީދުގެ ހިއްސާ އޮންނަ ނޫހަކުން ވަނީ ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އާއި ނަޝީދު ވެސް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ބުނެފަ އެވެ. އޭގެ ބަދަލުގައި ނެރޭނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓެއް ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ތެރޭގައި މައްސަލަ ވަރަށް ބޮޑަށް ގޯސްވެ ސެނެޓްގެ މެންބަރުން ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.

ސެނެޓްގެ ރުހުން ނުހޯދައި ދަ ޑިމޮކްރެޓްސް އާ މަޝްވަރާ ކުރުމާއި ނަޝީދުގެ ނިޔަތާ މެދު ސުވާލު އުފައްދައި އެ ޕާޓީގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އެ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އެ މައްސަލަ އާ ގުޅިގެން އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މުޅި ފޯކަސް އޮތީ ޔާމީން މިނިވަންކޮށް އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމެވެ.

އެކަން ކުރާއިރު ސަޕޯޓަރުން ނުރުހޭ ފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަޕޯޓަރުންގެ ހިތަށް ތަދުވާ ވަރުގެ ކަމެއް، ޕާޓީގެ އަސާސްތަކާ ހިލާފު ކަމެއް ނުކުރާނެ. ވަސްވާސް އުފައްދަން ޖާގައެއް ނުދޭނަން. އުންމީދާއި ސާބިތުކަމާއި އިތުބާރާއެކު ތިއްބަވާ،" ސަޕޯޓަރުންނަށް މެސެޖެއް ދެއްވަމުން އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ޕާޓީ ތެރެއިން ބައެއް ފާޑު ކިޔުން އަމާޒުވި ނަމަވެސް ޕީޕީއެމް/ޕީއެންސީން ދަ ޑިމޮކްރެޓްސް އާ މަޝްވަރާ ކުރުން ހުއްޓާލަން ނުނިންމަ އެވެ. މިއަދު 1:00 ގައި ވެސް އެ ދެ ޕާޓީގެ އިތުރު ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.