02 ޖުލައި 2023 - 11:40

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ޅ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ކޮކޫން މޯލްޑިވްސް އިން ފަހަތުން އަރައި 3-2 އިން ލެ މެރީޑިއަންގެ މައްޗަށް ކުރި ހޯދައިފި އެވެ.
ލެ މެރީޑިއަން ރިސޯޓްގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ލެ މެރީޑިއަން އިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އަހުމަދު ހާނިފް އެވެ.
އޭގެ މިނިޓެއް ފަހުން ކޮކޫންގެ ކެޕްޓަން މުހައްމަދު ޝުހެއިލް ނަތީޖާ އެއްވަރު ކޮށްދީފައި ވަނިކޮށް މާ ގިނައިރެއް ނުވެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މުހައްމަދު ނަބީލް އެޓީމަށް ލީޑު ހޯދައިދިނެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ހަސަން ޒަރީރު އެވެ. މެޗު ނިމެނިކޮށް ލެ މެރީޑިއަންގެ ދެވަނަ ގޯލު ވެސް ޖަހައިދިނީ ހާނިފް އެވެ.
ޅ. އަތޮޅު ޒޯންގައި ވާދަ ކުރަނީ ވެސް ދެ ޓީމެވެ. މި ދެޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ.
މި އަތޮޅުގެ ޗެމްޕިއަން ޓީމު ކުޅެން ޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ. ކުއާޓާ ފައިނަލްގައި ވާދަ ކުރަން ޖެހޭނީ ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް އާ ދެކޮޅަށެވެ. ޖޯލި މޯލްޑިވްސް ކުއާޓާ އަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.