ކުޅުން ހުއްޓާލުމަށް ފަހު ފެބްރިގާސް ކޯޗިން އަށް
ކުޅުން ހުއްޓާލުމަށް ފަހު ފެބްރިގާސް ކޯޗިން އަށް

ކޯމޯ، އިޓަލީ (ޖުލައި 02) - ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލުމަށް ފަހު ކޯޗިންގައި ކުރިއަށްދާން ސެސް ފެބްރިގާސް ނިންމައިފި އެވެ.

ކުޅުން ހުއްޓާލުމަށް ފަހު ފެބްރިގާސް ކޯޗިން އަށް
ކުޅުން ހުއްޓާލުމަށް ފަހު ފެބްރިގާސް ކޯޗިން އަށް

ކާމިޔާބު ކެރިއަރަކަށް ފަހު ފެބްރިގާސް ކުޅުން ހުއްޓާލިކަން އިއުލާންކުރި އިއްޔެ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ފެބްރިގާސް ކޯޗިންގައި ފެންނާނީ އޭނާ އެންމެ ފަހުން ކުޅުނު އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް، ކޯމޯ 1907 ގެ ރިޒާވް އަދި ޔޫތު ޓީމުތަކުންނެވެ.

ކުޅުން ހުއްޓާލިއިރު ފެބްރިގާސް ހުރީ ކޯމޯއާ އެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދައިގެންނެވެ. ކޯމޯ ދޫކޮށް އެޓީމުގެ ކޯޗުގެ މަގާމަށް ބަދަލުވީ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވަ އެވެ.

"ކުޅުން ހުއްޓާލުމަށް ފަހު ދެން ފެންނާނީ ކޯޗިންގައި. މިއީ އަހަރެންނަށް ދެކޮޅު ނުހެދޭ ވަރުގެ ރަނގަޅު ޕްރޮޖެކްޓެއް. އަހަރެންގެ ހިތް މި ޓީމަށް މިހާރު ވެސް ދޫވެއްޖެ" ކޯމޯ ޓީމުން ލިބުނު ފުރުސަތާ ގުޅިގެން ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔާ ކުރީ 20 އަހަރު ކުޅެފަ އެވެ.

އުމުރުން 10 އަހަރުގައި ބާސެލޯނާގެ ލަ މާސިއާ އެކެޑަމީއާ 1997 ވަނަ އަހަރު ގުޅުމަށް ފަހު 2004 ވަނަ އަހަރު ފެބްރިގާސް ބަދަލުވީ އާސެނަލް އަށެވެ. އާސެނަލްގައި ހޭދަކުރި މުއްދަތުގައި ފެބްރިގާސް ވަނީ 212 މެޗު ކުޅެ އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އާސެނަލް ދޫކޮށް 2011 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ސްޕެނިޝް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް އަދި ޔޫއެފާ ސުޕަ ކަޕް ފެބްރިގާސް ހޯދި އެވެ. އޭގެފަހުން ޗެލްސީއާ ގުޅީ ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. ޗެލްސީ ދޫކޮށް ފެބްރިގާސް ދެން ފެނުނީ ފްރާންސްގެ މޮނާކޯ އިންނެވެ. އެޓީމުގައި ތިން އަހަރާއި ބައި ހޭދަކުރުމަށް ފަހު އިޓަލީ އަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ސްޕެއިން ގައުމީ ޓީމަށް ފެބްރިގާސް ވަނީ 110 މެޗު ކުޅެފަ އެވެ. ސްޕެއިންގެ ރަން ޖީލުގެ ދުވަސްވަރު ފެބްރިގާސް ވަނީ އެ ޓީމާ އެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި ޔޫރޯ ޗެމްޕިއަންކަން 2008 އަދި 2012 ވަނަ އަހަރު ހޯދައިފަ އެވެ.

"ވޯލްޑް ކަޕް އާއި ޔޫރޯ ކާމިޔާބުކޮށް އިންގްލެންޑާއި ސްޕެއިންގައި އަހަރެން ހުރިހާ ކާމީޔާބީއެއްހެން ހޯދިން. މިއީ އަހަރެން ހަނދާނުން ނުފިލާނެ ކެރިއަރެއް. އަހަރެން ކުޅުނު ހުރިހާ ކްލަބެއްގެ އަގު ވަޒަންކުރާނަން" ފެބްރިގާސް ބުންޏެވެ.