02 ޖުލައި 2023 - 11:12

ދުވާލަކު ކިޔޭ ޓުވީޓްތަކުގެ އަދަދަށް ވަގުތީ ލިމިޓެއް ކަނޑައަޅާފައިވާ ކަމަށް ޓުވިޓާގެ ވެރިފަރާތް އަދި މަހުޖަން އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
މަސްކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިފައި ނުކުރާ އެކައުންޓްތަކުން ދުވާލަކު 1،000 ޓުވީޓް ކިޔޭ ގޮތަށް ލިމިޓެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އަލަށް ހަދާ އެކައުންޓްތަކުގެ ލިމިޓަކީ 500 އެވެ. އަދި "ވެރިފައިޑް" ސްޓޭޓަސް ލިބިފައިވާ އެކައުންޓްތަކަށް މިވަގުތު ލިމިޓްކޮށްފައި ވަނީ ދުވާލަކަށް 10،000 ޓުވީޓެވެ.
މަސްކް އެންމެ ފުރަތަމަ ކަނޑައެޅުއްވީ އެއަށް ވުރެ ވެސް ކުޑަ ލިމިޓްތަކެކެވެ. ނަމަވެސް އެކަން އިއުލާންކުރެއްވިތާ ގަޑިއެއްހާއިރުގެ ތެރޭގައި އޭނާ ވަނީ އެ އަދަދުތަކަށް ބަދަލު ގެންނަވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ވަގުތީ ލިމިޓްތަކަކީ "ޑޭޓާ ސްކްރޭޕިން އާއި ސިސްޓަމް މެނިޕިއުލޭޝަން"ގެ ކަންކަން ހައްދުފަހަނައަޅާފައި ވާތީ އެކަންކަން ހައްލުކުރުމަށް ކުރި ކަމެކެވެ.
"ސިސްޓަމް މެނިޕިއުލޭޝަން" އޭނާ މާނާކުރެއްވި ގޮތެއް ތަފުސީލެއް ނުކޮށްދެއްވަ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ މާނަކުރައްވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ބޮޑެތި ލޭންގުއޭޖް މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޑޭޓާ ސްކްރޭޕް ކުރުމެވެ.
މި ބަދަލާ ގުޅިގެން ޓުވިޓާ ބޭނުންކުރާ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަސްކްއަށް އަމާޒުވެފަ އެވެ.