02 ޖުލައި 2023 - 11:23

ހައްޖުގެ އަޅުކަން އަދާކޮށް ނިމުނު ފަހުން ދިވެހި ހައްޖާޖީއަކު ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވީ، ނ. ހޮޅުދޫ މީހެއް ކަމަށްވާ ގާސިމް އިބްރާހިމް، 70، އެވެ.
ގާސިމާ އެކު ހައްޖަށް ގޮސް ހުރި އޭނާގެ ދޮށީ ދަރިފުޅު، އިބްރާހިމް ޒަކީ "މިހާރު" އަށް ބުނީ ބައްޕަ ނިޔާވެފައި އޮއްވައި ފެނުނީ ފަތިސް ނަމާދަށް ވުޟޫކުރަން ފާހަނާއަށް ވަނުމަށް ފަހު ޚަބަރެއް ނުވެ ލަސްވެގެން ބެލިއިރު ކަމަށެވެ.
އިބްރާހިމް ބުނީ ބައްޕަ އަކީ ކޮލެސްޓްރޯލާއި ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހެއް ކަމަށާއި ސިއްހީ އެހެން ކަމެއް ކުރިން އެނގިފައި ނެތް ކަމަށެވެ.
ގާސިމްގެ ހަޔާތުގައި ކުރި ފުރަތަމަ ހައްޖުގެ އަޅުކަމަށް ފަހު ތަވާފުކޮށް ރޭ ސައުޔު ވެސް ކޮށް ނިންމި ކަމަށާއި އޭގެ ފަހުން ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް އާއިލާއިން ބުންޏެވެ.
"ބައްޕަ އަބަދު ވެސް ބުނާނެ ހައްޖަށް ދާން ބޭނުންވާ ވާހަކަ. ރޭގައި ބުނި ބައްޕައަށް ދެން މިކަން ކުރެވުނީ ނޫންހޭ." ޒަކީ ބުންޏެވެ.
"ވަރަށް އުފާވެފައި ހުރީ ހައްޖަށް އާދެވުނީމަ."
ގާސިމް ނިޔާވިއިރު އަންބަކާއި އޭނާގެ ހަތަރު ދަރިން އެބަތިއްބެވެ.
ރާއްޖޭން ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެފައި އޮއްވައި ވެސް މިދިޔަ ހަފްތާގައި ވަނީ ފެނިފަ އެވެ. އެ މީހާ ގެއްލުނީ އަރަފާތަށް ދިއުމުގެ ކުރިން މިނާގައި ތިބިރެ އެވެ.