ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

"ތީ ކާކު؟" އިނގެރޭސިން ޒިޔާން އެހިއެވެ.

ފައިސަލާ ދިމާއަށް ބަލަހައްޓައިގެން އިނދެ ޒިޔާން އެ ސުވާލުކުރުމުން ފައިސަލް ކުޑަކޮށް ހައިރާންވިއެވެ. މަޑުމަޑުން އެތެރެއަށް ވަނެވެ. އެނދުމަތީގައި އޮތް ފޮތާއި ގަލަން ފެނުނީ އެ ވަގުތުއެވެ. އޭގައި ގޮޅިކުޅެފައި ހުއްޓެވެ. ފެންނަނީ މުޅީން ވެސް އެކަކު ޖަހާފައިހުރި ފާހަގަތަކެވެ. ތިން ފާހަގަޖަހައިގެން ގޮޅިދިމާކޮށް، ރޮނގުދަމައިފައިވަނީ ވެސް ފެންނަންހުރި ފާހަގައެވެ. ފައިސަލް ނިންމި ގޮތުގައި އެއީ ޒިޔާން ޖެހި ފާހަގައެވެ. ފެންނަނީ އެހެންވެއެވެ. ޒިޔާން ކުރިމަތީގައި އެހެން "މީހަކު" އެބައިނެވެ. އޭނަ ޖެހި ފާހަގަ ފައިސަލަށް ނުފެންނަނީއެވެ.

"ޑެޑީ ފެންނަންހުއްޓާ ތީ ކާކުހޭ ތި އަހަނީ ކީއްވެ؟" ބޮޑަށް ކައިރިވަމުން ފައިސަލް އެހިއެވެ. "ކީއްވެ ތި ހެނީ؟ ކީއް ތި ކުރަނީ؟"

ޒިޔާން ކުއްލިއަކަށް ޒިޔާންގެ ކުރިމައްޗަށް ބަލައިލިއެވެ. ބަލައިލި ގޮތުން ހީވަނީ، އެ ތަނުގައި އިން މީހެއްގެ މޫނަށް ބަލައިލިހެންނެވެ. އޭނަ ކޮންމެވެސް އެއްޗެއް ބުނިހެންނެވެ.

"ޒިޔާން!" މަޑުމަޑުން ފައިސަލް ގޮވައިލިއެވެ. "މި ކޮޅަށް ބަލާ!"

ޒިޔާން ކުއްލިއަކަށް ފައިސަލަށް ބަލައިލިއެވެ. ކަންބޮޑުވުމާއި ހާސްކަން މޫނުމަތިން ފާޅުކުރަމުންނެވެ. ފައިސަލް ހިތަށްއެރިއެވެ. ޒިޔާނަށް ދެ ފައިސަލް ފެންނަނީހެއްޔެވެ؟ ޒިޔާން މަޑުމަޑުން، ނުފެންނަ ފައިސަލް ކައިރިއަށް ޖެހިލިއެވެ. އަސްލު މީހަކީ އެއީކަމުގައި ޒިޔާން ނިންމީއެވެ. ކޮންމެވެސް ސަބަބަކާހެދިއެވެ.

"ތީ ކާކުތަ؟" ފައިސަލާ ދިމާއަށް ޒިޔާން އެހެން ބުނެފައި، ކުރިން ބެލި ދިމާއަށް އެނބުރިފައި ބުނެލިއެވެ. "އެއީ ކާކުތަ ޑެ..."

ޒިޔާނަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އަނެއްކާ ފައިސަލާ ދިމާއަށް ބަލައިލިއެވެ. ކުރިން ބެލި ދިމާއަށް ބަލައިލިއެވެ. ޒިޔާން ބިރުގަންނަން ފެށިއެވެ. ފައިސަލް ނިންމި ގޮތުގައި، ކުރިން އެ ތަނުގައި އިން މީހާ ޒިޔާނަށް ގެއްލުނީއެވެ. އެ ހިސާބުން ޒިޔާންގެ ބުއްދި އޮޅުންބޮޅުންވީއެވެ. ހަގީގަތުގައި ވެސް އެއީ ބިރުވެރިކަމެކެވެ.

"ކާކު ދެންމެ މި ތާ އިނީ؟ ތީ ކާކު؟" ޒިޔާން އެހިއެވެ.

ޒިޔާންގެ ހާސްކަން ފިލުވައިލުމަށް ޓަކައި އެތައް ވާހަކައެއް ފައިސަލް ދެއްކިއެވެ. ދޮގުހަދަން ވެސް ޖެހުނެވެ.

"މި ބުނީނު މީހަކު ހުރިހެން ޒިޔާނަށް ހީވީއޭ،" ފައިސަލް ބުންޏެވެ. "މަންމަ ނުފެންނާތީ ޒިޔާން މާ ބޮޑަށް ދެރަވަނީ. ސްޓްރެސްވަނީ. ކުރީ ދުވަހު ވެއްޓެން ވެސް ވެއްޓުނެއްނު. ޑޮކްޓަރު ވެސް ބުނި އެހެންވާނޭ! ހިނގާ ނިދަމާ! ދަތްއުނގުޅައިފިންތަ؟"

ފައިސަލް ދެއްކި ހުރިހައި ވާހަކައެއް ޒިޔާން ގަބޫލުކުރިހެނެއް ފައިސަލަކަށް ހިއެއްނުވެއެވެ. ގިނަ ވާހަކަތައް ފައިސަލަށް ވެސް ދެކޮޅެއްނުޖެހެއެވެ. ޒިޔާން އެހިއެވެ. ފެނުނު މީހާ ބައްޕަގެ ސިފައިގައި ފެނުނީ ކީއްވެގެންހެއްޔެވެ؟ ބައްޕަ އައުމުން އޭނަ ގެއްލުނީ ކީއްވެގެންހެއްޔެވެ؟ ގޮޅިކުޅުނު ކަރުދާހުގައިވާ ދެވަނަ ފާހަގައަކީ ކާކުގެ ފާހަގައެއްހެއްޔެވެ؟

"ތި ސުވާލުތަކަށް ވުރެ ބައްޕައަށް މުހިންމީ ތި ކަން ހައްލުކުރުން،" ކަރުދާސްގަނޑު ވީދައިލަމުން ފައިސަލް ބުންޏެވެ. "ބައްޕަ ގެންނާނަން ކިޔަވާ މީހެއް. އޯކޭތަ؟"

ޒިޔާން އެއްބަހެއްނުވިއެވެ. އެއްބަސްވީ ހޮސްޕިޓަލަށް ގޮސް ޑަކުޓަރަށް ދައްކާށެވެ. ފައިސަލަށް އެނގެއެވެ. އެހެނެއް އެ މައްސަލަ ހައްލެއްނުވާނެއެވެ. އެކަމަކު ފައިސަލަކީ، ކޮންމެ ކަމެއް ވެސް ދަރިފުޅު ރުއްސައިގެން ކުރަން ބޭނުންވާ ބައްޕައަކަށްވާތީ، ރުގުޔާ މަޑުޖައްސައިލީއެވެ. ނާމާންކަމުން ގޭތެރެ ސަލާމަތްކުރުމަށް ޓަކައި ފައިސަލް އަމިއްލައަށް ކުރެވޭނެ ހުރިހައި ކަމެއް ކުރިއެވެ.

އާމިރާގެ ހަނދާންތައް ވަޅުޖައްސައިލުމުގެ މަސައްކަތް ފައިސަލް މަޑުމަޑުން ފެށިއެވެ. ގެއިން ދިޔަ އިރު އާމިރާ ނުގެންގޮސް ބަހައްޓާފައިހުރި ހެދުންތައް ލޯމަތިން ގެއްލުވައިލިއެވެ. ބޮލުގައިއަޅާ ބުރުހާއި، ކިރިމާއި، ލޯޝަންގެ އިތުރުން، ސެންޓުފުޅިއަކާއި، ފައިވާނަކާއި، ދެ ބޫޓު ވެސް ފޮރުވިއެވެ. އެ ކަން ކުރީ ޒިޔާން ނިދުމުން، ފައިސަލް ކޮޓަރީގެ ދޮރު ތަޅުލައިގެން އިނދެއެވެ. އައިސްއަލަމާރި މަތީގައި ހުރި ކުޑަ ފޮޓޯއަކާއި، އައިސްއަލަމާރީގައި ތަތްކޮށްފައިހުރި ކުޑަ ފޮޓޯ ފައިސަލްގެ ލޮލުގައި އަޅައިގަތީ ދުވާލުއެވެ. އެ ފޮޓޯ ނެގިތަނާ ޒިޔާން ކޮޓަރިން ނުކުތެވެ. އަލުން ފޮޓޯގަނޑު ބަހައްޓާނެ ވަގުތެއް ފައިސަލަކަށް ނުލިބުނެވެ.

"މަންމަގެ ފޮޓޯތައް އުކާލަނީތަ؟" ހިތްހަމަނުޖެހިފައި ޒިޔާން އެހިއެވެ.

"ނޫންނޫން!" ކުރިން ހުރި ތަނުގައި ފޮޓޯތައް ބަހައްޓަމުން ފައިސަލް ބުންޏެވެ. "ހަމަ ބަލައިލީ!"

ހަވީރު ގަޑިން ފަހެއްޖަހަނީއެވެ. ފައިސަލްއާއި ޒިޔާން މަޑުމަޑުން ދުވަމުން އައިސް ދަރުބާރުގެ ކައިރިއަށް ހުއްޓުނެވެ. ދެ މީހުން ވެސް ތިބީ ވަރުބަލިވެފައެވެ. އެކުގައި ހިނގާފައި އައިސް، ފައިސަލްގެ ސައިކަލު ހުންގާނުގައި އަޅުވާފައިވާ ކޮތަޅުން ދެ ފެންފުޅި ނެގިއެވެ. ފުޅި ހިފައިގެން މޫދު ކައިރިއަށް ގޮސް ވާޓަރު މަތީގައި އިށީނެވެ. އޭރު އެ ތަނުގައި ކަސްރަތަށް ދުވާ މީހުންނާއި، ނަލައަށް ހިނގާ މީހުން ވެސް އުޅުނެވެ.

"ޑެޑީއަށް ހީވަނީ މިއަށް ވުރެ ހަންރެޑް ޕްލަސް ނޫނީ ރައިބީނާ މާ ރަނގަޅުވާނެހެން،" ފައިސަލް ބުންޏެވެ. "ނޫނީ ކުރުނބާ ފަނި ފިނިކޮށްގެން ގެންނަމާ؟ މި ތާ ކައިރީ ތަންތަނުގަ ހުރެ ވެސް ދާނެ."

"އެނަޖީ ޑްރިންކެއް ޓްރައިކުރަމާ؟" ޒިޔާން އެދުނެވެ.

ފައިސަލް އަތުގެ އިޝާރާތުން، އެ ހިޔާލު ކަމުނުދާ ވާހަކަ ބުންޏެވެ. ހަގީގަތުގައި ފައިސަލް ތައްޔާރުވީ މުޅީން އެހެން ވާހަކައެއް ދައްކާށެވެ. ދެން ފެށީ އެ މަސައްކަތެވެ.

"ދަރިފުޅާ! ޑެޑީ އެބަ އޮތޭ އައިޑިޔާއެއް އަހާލަންވެފަ،" ކަރުކެހިލައިފައި ފައިސަލް ބުންޏެވެ. "ގެއަށް މަންމައެއް ގެނައުމަކީ ކޮން ކަހަލަ ކަމެއް؟ ކޫލްވާނެހެން ހީވޭތަ؟"

"އެހެން މަންމައެއް؟" ވިސްނައިލާފައި ޒިޔާން އެހިއެވެ. "ސްޓެޕް މަމް؟"

"އާނ!" ވަރަށް ކުޑަ ކަމެއްހެން ހީވާ ކަހަލަ ރާގެއްގައި ފައިސަލް ބުންޏެވެ.

ޒިޔާނަށް އެއީ ކުޑަކަމަކަށް ނުވިއެވެ. ވިސްނެން ފެށީ ޒިޔާނާ ދޭތެރޭގައި އެކަންޏެއް ނޫނެވެ. ބައްޕައަކަށް ވެސް ނޫނެވެ.

"ފަހުން މަންމަ އަތުވެއްޖެއްޔާ ދެން ކިހިނެއްހަދާނީ؟" ޒިޔާން ކުރީ ފައިސަލް އުންމީދުކުރި ސުވާލެއް ނޫނެވެ.

"ގުޑް ޕޮއިންޓް! އެކަމަކު މަންމަ ނައިއްސިއްޔާ؟" ފައިސަލް އެހިއެވެ.

އެހެން ވިސްނާކަށް ޒިޔާން ބޭނުމެއް ނޫނެވެ. ޒިޔާން ދެކޭ ގޮތުގައި، ކޮންމެވެސް ދުވަހަކުން މަންމަ އަންނަން ޖެހޭނެއެވެ. ބުނާނެ އެއްޗެއް ނޭނގިގެން، އިރުކޮޅެއްވަންދެން ޒިޔާން ފެންބޯލަބޯލާ އިނެވެ.

"ޑެޑީ އެހެން މީހަކާ މެރީކުރަންތަ ތި އުޅެނީ؟" ޒިޔާން ސުވާލުކުރިއެވެ. "އެއީ އެހާ ރަނގަޅު ކަމެއްތަ؟ ޒިޔާނަކަށް ނޭނގޭ ބޮޑެތިމީހުން ވިސްނާހެން ވިސްނާކަށް އެކަމަކު މަންމަ ދެރައެއް ނުވާނެތަ؟"

"މެރީ ނުކުރަންވީ؟" ފައިސަލް ވެސް ކުރީ ސުވާލެކެވެ. "ދަރިފުޅު ނުގަބޫލުކަމެއް ޑެޑީ ނުކުރާނަން. އެއީ ކީއްވެ؟ ދަރިފުޅަށް ވުރެ މުހިންމު އެކަކު ވެސް ބައްޕައަކަށް ނުހުންނާނެ. އެންމެ ފަހަރަކު ނޫނެކޭ ބުނަން ޖެހޭނީ."

ޒިޔާންގެ އެކުވެރިއެއްގެ ވެސް ދޮންމަންމައެއް ހުރެއެވެ. އޭނައަށް އެއީ ވަރަށް ހިތި ތަޖުރިބާއެކެވެ. ޒިޔާން ބޭނުމީ އިންކާރުކުރާށެވެ. އެހެނަސް އަދި އެއް ސުވާލަށް ފަހުގައެވެ.

"ޑެޑީ ބޭނުންތަ މެރީކުރަން؟" ޒިޔާން އެހިއެވެ. "ޑިސައިޑް ކޮށްފިންތަ މެރީކުރަން؟"

"ޑެޑީ ފުރަތަމަ ބަލަން ބޭނުމީ ދަރިފުޅަށް އޯކޭތޯ،" ތެދުވަމުން ފައިސަލް ބުންޏެވެ. "މިސާލަކަށް ވިސްނާލަބަލަ! މީ ކިހާ ހިތްގައިމު ވަގުތެއް. އެއޮތީ މޫދު. ނުލާހިކު ރީތި ވައިޖެހޭ! ރާޅުޖަހާ އަޑު އެބަ އިވޭ! އަޅެ ސަޅިއެއް ނޫންތަ؟ އެކަމަކު ދަރިފުޅު އެކަނިމާއެކަނި މި ތަނުގަ އިންނަންޖެހިއްޖެއްޔާ ކިހިނެއްވާނީ؟"

ފޫހިވާނެކަން ޒިޔާނަށް ވިސްނެއެވެ. އެކަނިވާނެކަމާއި، ފައިސަލް ބުނަން އެ އުޅެނީ ކީކޭކަން ވެސް ޒިޔާނަށް ވިސްނެއެވެ.

"ޒިޔާން ބޭނުން ޑެޑީ އުފާވާން. އެކަމަކު، މަންމަ އަތުވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟" ޒިޔާން އަނެއްކާ ވެސް އެ ސުވާލުކުރިއެވެ.

"އަނެއްކާ ވެސް ގޮސް ފެށިތަނުގަ މި ޖެހުނީ. ޑެޑީއަށް އެނގިއްޖެ މިހާރު ހަދަންވީ ގޮތް." ފުރަތަމަ ފިޔަވަހި ނިމުނުކަމަށް ބަލާފައި ފައިސަލް ބުންޏެވެ.

ހުޅުމާލޭގެ ހަމަހިމޭން މަގެއްގައި، އާދައިގެ ދުވެއްޔެއްގައި ދުއްވާފައިދިޔަ ސައިކަލުގެ ކުރީގައި އިނީ ފައިސަލެވެ. ފަހަތުގައި ރިންދާއެވެ. ޒިޔާންއާއި ރިންދާގެ ގުޅުން ބަދަހިކުރުމަށް ޓަކައި ފައިސަލް ރާވައިފައިވާ ގޮތް ފައިސަލް ކިޔައިދިނެވެ. ރިންދާގެ ކަންބޮޑުވުމަކީ ޒިޔާންގެ ރުހުން ނުލިބިދާނެތީއެވެ. ބޭރަށް ފާޅުނުކުރާ ހިތްހަމަނުޖެހުމެއް ވެސް އޮތެވެ. ފައިސަލްގެ ޒާތީ ނިންމުންތަކަށް ދަރިފުޅުގެ ނުފޫޒުފޯރަންޖެހޭހެއްޔެވެ؟ އެހައި މިނިވަންކަން ދަރިފުޅަށް ދޭންޖެހޭހެއްޔެވެ؟ ރިންދާގެ ދަރިޔަކަށް ރިންދާގެ އެއްވެސްކަމަކާ ފާޑެއްނުކިޔޭނެއެވެ.

"ޕޭރަންޓުންގެ ކަންކަމަށް ދަރިންގެ ރުހުން ވަރަށް އިންޕޯޓަންޓުވާނެ ދޯ؟" ރިންދާ ކުޑަކޮށް ތުއިވެލާފައި ބުންޏެވެ. "ޒިޔާނަށް އަހަރެން ކަމުނުގޮއްސިއްޔާ އަހަރެން ވެސް ބޭނުމެއް ނުވާނެ މި ރިލޭޝަންޝިޕް ކުރިޔަށް ގެންދާކަށް. ހިނގާ އަދި އިހަށް ޑިލޭކޮށްލަމާ! ޓައިމް ލިބިގެން މި ކަން ކުރަންވާނީ."

"އެ ޓައިމޭ މި ދެނީ!" ފައިސަލް ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ޑިލޭކުރާކަށް. ރެޑީވެގެން ހުރޭ! އަހަރެން އަންނާނަން ބަލާ!"

"އެކަމަކު މެރީނުކޮށް އަހަރުމެން އެއްކޮށް ތަންތަނަށް.." ރިންދާއަށް ބުނެވުނީ އެ ހިސާބަށެވެ.

"އެންމެން ވެސް ދާ ތަނަކަށް އަހަރުމެންނަށް ވެސް ދެވެންޖެހޭނެއްނު!" ފައިސަލް ކުރުކޮށްލިއެވެ. "އެކަމަކު ހަނދާންކުރާތި! ޒިޔާންގެ ރުހުންހޯދުމަކީ ރިންދާގެ ކަމެއް. އަހަރެން ހަމަ އެކަނި ބުނާނީ ތީ ފްރެންޑެކޭ. ޓެސްޓެއް މި ދެނީ. ފާސްވާންޖެހޭނެ."

ދަތުރުދިޔައީ ވިލިނގިއްޔަށެވެ. ފައިސަލާއި، ޒިޔާނާއި، ރިންދާއެވެ. ދޯނިމަތިން ރިންދާއަކަށް މާ ގިނަ ފުރުސަތެއް ނުލިބުނެވެ. ޒިޔާން ހުރިހައި ވާހަކައެއްދައްކަނީ ބައްޕަޔާއެވެ. އެ ވާހަކައިގެ ތެރެއަށް ވަންނަން ރިންދާ ދެތިން ފަހަރަކު މަސައްކަތްކުރިއެވެ. ކާމިޔާބެއްނުވިއެވެ. ފައިސަލް އިޝާރާތުން އެންގިއެވެ. މަސައްކަތްކުރާށެވެ. ފެތުރި އުތުރުމަށް ތައްޔާރުވަމުންދިޔަ ހިތްހަމަނުޖެހުން ދިރުވައިލުމަށް ފަހުގައި، ހިތްތިރިކަމާއި ކެތްތެރިކަން ރިންދާ އިސްކުރިއެވެ.

"ޒިޔާނަށް ފަތަން އެނގޭތަ؟" ރިންދާ އެހިއެވެ.

"ޒިޔާން ވަރަށް ބާރަށް ފަތަން ދޯ ޑެޑީ؟" އެ ފަހަރު ވެސް ޒިޔާން ދޯދިނީ ފައިސަލަށެވެ. "ޑައިވިންއަށް ވެސް ދަން. ޑެޑީގެ ފްރެންޑަށް ކިތައް މީޓަރަށް އަޑިއަށްދެވޭ؟"

ރިންދާ ދުވަހަކު ވެސް އެ ގޮތަކަށް ނުފީނައެވެ. ވީމާ، ރިންދާއަށް ހީވީ އެއީ މަލާމާތެއްހެންނެވެ. ރިހޭފައި މައްޗަށް ފޮއިވެއްޓުނީ އެ މަލާމާތުގައި ފައިސަލް ވެސް ބައިވެރިވިހެން ރިންދާއަށް ހީވީމައެވެ.

"ތެދެއް ރިންދާ؟" މާ ބޮޑު ފިކުރެއް ނެތި ފައިސަލަށް އެހުނެވެ. "ދުވަހަކު ވެސް ޑައިވިންއަށް ދިޔައިންތަ؟"

އެ ހިސާބުން ރިންދާގެ ކެތްތެރިކަން ކޮޅުންލިއެވެ.

ނުނިމޭ