01 ޖުލައި 2023 - 18:08

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
މާދަމާގެ އިތުރުމް ކޯޓުން ވަނީ އަންނަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން މިމަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ވެސް ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފަ އެވެ.
ޔާމީންގެ އިތުރުން އިތުރު ބަޔަކަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ. އެ މައްސަލާގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު ބޭއްވުމަށެވެ. އެ މައްސަލާގެ އަޑުއެހުންތައް އަންނަ ހަފުތާގައި ވެސް ބާއްވަން ކޯޓުން އޮތީ ތާވަލްކޮށްފަ އެވެ.
އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
ޔާމީންގެ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން ވެސް ވަނީ ފަށައިފަ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމާ ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިވަގުތު އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށްފިނަމަ އެ އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނެ އެވެ.