29 ޖެނުއަރީ 2017 - 22:23

ޔަންގޫން (ޖެނުއަރީ 29) - މިއަންމާގައި ވެރިކަން ކުރާ އަން ސަން ސޫކީގެ ޕާޓީގެ މުސްލިމް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް ކޯ ނީ ގަޔަށް އެއާޕޯޓުގެ ބޭރުގައި ބަޑިޖަހާ މިއަދު އަވަހާރަކޮށްލައިފި އެވެ.
ގޮތް ނޭނގޭ ބަޔަކު ބަޑިން ހަމަލާދީ އޭނާ އަވަހާރަކޮށްލީ އިންޑޮނީޝިއާ އަށް ކުރި ރަސްމީ ދަތުރަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެން، ޓާމިނަލްގެ ބޭރުން ހުންނަވަނިކޮށެވެ. މި ހަމަލާގައި ޓެކްސީ ޑްރައިވަރަކު ވެސް ވަނީ މަރުވެފަ އެވެ.
ކޯ ނީ ގަޔަށް ބަޑި ޖެހި ހާދިސާގެ ތުހުމަތުގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް މި ހަމަލާގެ ފަހަތުގައި ވަނީ ކޮން ބޭނުމެއް ކަމެއް އަދި ނޭނގެ އެވެ.
މިއަންމާގެ އަޣުލަބިއްޔަތު ނެތް މުސްލިމުންގެ ތެރޭގައި މަޝްހޫރު ބޭފުޅެއް ކަމަށްވާ ކޯ ނީ އަށް ހަމަލާދީފައި މި ވަނީ ރަކީން ސްޓޭޓުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް މިއަންމާ ސިފައިން ވަރަށް އަނިޔާ ކުރަމުންދާ ދުވަސްވަރެއްގަ އެވެ.
ސްކޫލް ދައުރުގައި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ކޯ ނީ ވަނީ ސިޔާސީ ގައިދީއެއްގެ ގޮތުގައި ބަންދުކޮށްފަ އެވެ. މިނިވަންވުމާ އެކު ވަނީ އަން ސަން ސޫކީގެ ޕާޓީގައި މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. މިއަންމާގެ ސިފައިން ޑްރާފްޓް ކުރި ގާނޫނު އަސާސީ އިސްލާހު ކުރުމުގައި ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. މިއަންމާ މުސްލިމް ލޯޔާސް އެސޯސިއޭޝަން އުފެއްދުމުގައި ކޯ ނީ ވަނީ މިިދޔަ އަހަރު މުހިންމު ރޯލެއް އަދާ ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ މުސްލިމުންގެ ހައްގުތަކައިގެން ތެދުވުމަށް ގޮވާލައްވައިފަ އެވެ.