30 ޖޫން 2023 - 15:28

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވާދަ ނުކުރައްވާނެ ކަމަށް ބުނެ ނަޝީދުގެ ހިއްސާ އޮންނަ "އޯޝަން ވީކްލީ" ގައި ޖެހި ސުރުހީއަކާ ހުރެ ޕީޕީއެމްގެ ސެނެޓު މެންބަރުން ތެރޭ ބަހުސް ހޫނުވެ އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ޖެހޭނެ ކަމަށް ބުނެ ޕާޓީގެ ލީޑާޝިޕަށް ޕްރެޝާކުރަން ފަށައިފި އެވެ.

ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަވާ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީން އަންނަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމަކަށް ގެނައުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެއީ ޕީޕީއެމުން ރިޔާސީ ޓިކެޓް ދީފައިވާ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ލަފަޔާ އެއްގޮތަށް ކުރިއަށްވާ މަޝްވަރާތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ ލީޑާޝިޕުން މިދިޔަ ހަފްތާގެ ތެރޭގައި "އޯޝަން ޕަބްލިޝާޒް" ގެ އޮފީހުގައި ޑިމޮކްރެޓްސްގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވާއިރު ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ދެ ވަނަ ބައްދަލުވުން ބާއްވައިފަ އެވެ.
މަޝްވަރާތައް ކުރިއަށް ދަނިކޮށް، ނަޝީދުގެ ލިޔުންތައް ވެސް ޝާއިއުކުރާ "އޯޝަން ވީކްލީ" ގެ މިއަދުގެ އަދަދުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ނަޝީދާއި ޔާމީނެއް ވެސް ނޫން ކަމަށާއި ނުކުންނަވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް ކަމަށެވެ.
މި ލިޔުމުގެ މައްސަލާގައި، ޕީޕީއެމް ސެނެޓްގެ ވަޓްސްއެޕް ގްރޫޕްގައި އެތައް މެންބަރުންނެއް ވަނީ ނުރުހުން ފާޅު ކުރައްވައި ޕާޓީގެ ލީޑާޝިޕުން މި ލިޔުން ކުށްވެރިކުރަން ޑިމާންޑްކޮށްފަ އެވެ.
ޕީޕީއެމް ސެނެޓްގެ މެންބަރެއް ކަމަށްވާ ހަމްދާން ޝަކީލް އެ ގްރޫޕްގައި ވިދާޅުވީ އޯޝަން ވީކްލީ އަކީ ނަޝީދު ހިންގަވާ ނޫހެއް ކަމަށާއި އެ މަނިކުފާނުގެ ޕާޓީއާ އެކު މަޝްވަރާތައް ފަށާފައި ވަނިކޮށް ގުޅިފައިވާ ކެނޑިޑޭޓެއް ނެރޭ ވާހަކަ ދެއްކުމުން ޕީޕީއެމް އިން ހަނު ހުރެގެން ނުވާނެ ކަމަށެވެ.
އެފަދަ ކަންކަން އެގޮތަށްވާ ނަމަ އާންމު މެންބަރުން ޕީޕީއެމަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށާއި އެ މައްސަލާގައި ޕާޓީން ބަޔާނެއް ވެސް ނެރެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ދިފާއުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީނަކީ ކެނޑިޑޭޓް ކަމަށް އެ ޕާޓީގެ ލީޑަރުން އަބަދުވެސް ޕޯޑިއަމްތަކުގައި ވިދާޅުވަމުން ދާއިރު "އޯޝަން ވީކްލީ" ގައި ހަބަރެއް ޖެހުމުން އެކަން ގަބޫލު ކުރަންވީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ.
"ބަޔަކު ނޫހެއްގައި އެއްޗެއް ޖެހުމަކީ ޕީޕީއެމްގެ ވިސްނުމަކަށް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްއާ ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ އެ ޕާޓީއަކީ އިންޑިއާ އަށް ވަރަށް ބޮޑަށް ތާއީދުކުރާ ޕާޓީއަކަށް ވާތީ އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފަ އެވެ. އަދި ޔާމީން ކުރިން ވިދާޅުވި "މިނިކާ ބާޒުތަކަކީ" އެއީ ނޫންތޯ ވެސް ބައެއް މެންބަރުން ސުވާލު ކުރެއްވި އެވެ. އަދި އަނެއްބައި މެންބަރުން ޑިމޮކްރެޓްސް ސިފަކުރެއްވީ ޕާޓީގެ ތެރޭގައި އަޅާ "ފަންޏެއް" ގޮތުގަ އެވެ.
"ލީޑަޝިޕުން ދަ ޑިމޮކްރެޓްސް އަށް އަންގަން އެބަޖެހޭ ހަރުދަނާ ގޮތެއްގައި ސިޔާސީ ހަރަކާތެއް ހިންގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މި ވެރިކަން ބަދަލުކުރުމަށް ޕީޕީއެމް އިސްވެ އުފައްދާ ސަރުކާރަކަށް އެއްބާރުލުން ނުދެވޭ ނަމަ އަމިއްލަ ހާލާ އެކު ސިޔާސީ މަސައްކަތް ކުރުމަށް،" އެ ގްރޫޕްގައި މެންބަރަކު ވިދާޅުވި އެވެ.
މި މައްސަލާގައި ޕީޕީއެމްގެ އެތެރޭގައި ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ޝިޔާމް މިއަދު އެކަމާ ގުޅޭ ގޮތުން ޓްވީޓެއް ވެސް ކުރެއްވި އެވެ. އެ ޓުވީޓެއްގައި ވަނީ އޯޝަން ވީކްލީގައި ޖެހި ވާހަކަތަކަށް ފާޑު ވިދާޅުވެފަ އެވެ.
ޝިޔާމް ވިދާޅުވީ "އޯޝަން ވީކްލީ އިން ވެސް ހުވަފެނީ ވާހަކަ ދައްކަން ފެށީ: ކަމަށެވެ. ރިޔާސީ އިންތިހާބަށް ޕާޓީއަކުން އެންމެ ފުރަތަމަ ދެއްކެވި ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އަންނަ މަހު 23 ގައި ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ވަންނާނީ ވެސް އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އެއްވެސް ޕާޓީއަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެނެޓްގެ މެންބަރެއް ކަމަށްވާ ހުސެން ރަޝީދު (މެޓްރިކްސް) ވިދާޅުވެފައި ވަނީ އޯޝަން ވީކްލީގައި އެ އޮތީ ނަޝީދު ބޭނުންފުޅުވާ ގޮތް ކަމަށާއި މި ލިޔުން ފެނި ޕީޕީއެމްގެ އާންމު މެންބަރުން ކަންބޮޑުވާނެ ކަމަށެވެ.
"ތި ޑިމޮކްރެޓްސްގެ އެކަކު ވެސް ޕީޕީއެމް އަކަށް، ރައީސް ޔާމީނަކަށް ހެވެއް ނޭދޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ ސިޔާސީ ކަންކަން ކުރުމަށް ޔާމީން އަންގަވަނީ އެ ކަންކަމުން ނުކުންނާނެ ނަތީޖާ އެނގިވަޑައިގެން ހުންނަވާ ކަމަށާއި އެއް ކެންޑިޑޭޓުގެ ވާހަކަ އަކީ ޕީޕީއެމުން ބަލައިގަންނާނެ އަދި ދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ.
"ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ވާހަކަ އާއި ރައީސަށް ވާދަ ނުކުރެއްވިއްޖެއްޔާ މިވެނި މީހަކު ނެރެން ބުނެ ވެސް ޕީޕީއެމް އަށް ބަހުސް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޓޮމް ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ މަގުމަތީ ހަރަކާތައް ރާވައި ހިންގުމުގައި އިސްކޮށް ހުންނަވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ޔާމީން އެންމެ އެދިވަޑައިގަންނަވާ ކަމަކީ މަގުމަތީ ހަރަކާތްތައް ވަރުގަދަކުރުން ކަމަށް ވާއިރު 131 ސެނެޓަރުންގެ ތެރެއިން 50 ޕަސެންޓު ވެސް މަގުމަތީ ހަރަކާތަށް ނުނިކުންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެކަން ނުކޮށް ޕާޓީގެ ލީޑަޝިޕްގެ މަސައްކަތާ މެދު ސުވާލު އުފައްދާތީ އޭނާ ފާޑު ވިދާޅުވި އެވެ.
"މޮޅެތި ވާހަކަ ނުދައްކަވާ. ލީޑަޝިޕުން ކަންކަން ކުރައްވާނީ ރައީސް ޔާމީން އަންގަވާ ގޮތަކަށް، އަންގަވާ މިންވަރަކަށްކަން ޔަގީންކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން ބުނަމުން ދިޔަ ނަމަވެސް، މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ނިމޭނެ ކަމާ މެދު ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފަ އެވެ. އެ މައްސަލައިގެ ތިން ގަޒިއްޔާއެއް ހައި ކޯޓުގައި ފަށާފައި ވާއިރު އަދި އެ ތިން ގަޒިއްޔާގެ އިސްތިއުނާފީ ހުށަހެޅުންތައް ހުށަހަޅައި ވެސް ނުނިމެ އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން އޮތީ އަންނަ މަހުގެ 23 ގަ އެވެ. އޯގަސްޓް މަހުގެ ފުރަތަމަ ހަތްތާ ތެރޭ އެ މުއްދަތު ހަމަވާނެ އެވެ.