ހުއްދަގޮތުގައި މުދާ ހޯދުމާއި މަސްލަހަތުތަކަށް ރިއާޔަތްކުރުން
ހުއްދަގޮތުގައި މުދާ ހޯދުމާއި މަސްލަހަތުތަކަށް ރިއާޔަތްކުރުން

މުދާ މިލްކު ކޮށް އޭގެ ބޭނުންކުރުމަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ ހައްގެކެވެ. މިގޮތުން އިންސާނާގެ ދިރިއުޅުމުގެ ކަންކަން އަބުރުވެރި ގޮތެއްގައި އެކަމަކު އަދުލުވެރި ގޮތެއްގައި ފުއްދުމަށްޓަކައި އިންސާނާއަށް މުދާ މިލްކު ކުރުން ހުއްދަވާ ގޮތްތަކާއި ހުއްދަނޫން ގޮތްގޮތާއި ހުއްދަގޮތުގައި މުދާ ހޯދާއިރު ތަބާވާން ޖެހޭ ކަންކަމުގެ ތަފާތު ހުކުމްތައް އިސްލާމީ ޝަރީޢަތުގައި ބަޔާންކުރެއެވެ. މިހުކުމްތައް ބިނާވެފައިވަނީ އިސްލާމްދީން ގަބޫލުކުރާ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މައްޗަށެވެ. މިގޮތުން ﷲ ދެއްވާ މުދާ ހެޔޮކަންކަމަށް ހޭދަކޮށް މުޖުތަމައުން ފަގީރުކަން ނައްތާލުމުގެ އުސޫލުތަކާ ބެހޭގޮތުން ކުރީގެ ލިޔުމެއްގައިވާނީ އަލިއަޅުވާލާފައެވެ. މިލިޔުމުގައި މިބަލައިލަނީ ހުއްދަގޮތުގައި މުދާހޯދުމާއި މުޖުތަމައުގެ މަސްލަހަތުތަކަށް ރިއާޔަތް ކުރުމާ ބެހޭ ބައެއް އުސޫލުތަކަށެވެ.

ހުއްދަގޮތުގައި މުދާ ހޯދުމާއި މަސްލަހަތުތަކަށް ރިއާޔަތްކުރުން
ހުއްދަގޮތުގައި މުދާ ހޯދުމާއި މަސްލަހަތުތަކަށް ރިއާޔަތްކުރުން

މުދާ މިލްކު ކުރުމުގައި ސަމާލުކަން ދޭން އެންމެ މުހިންމު އުސޫލަކީ ހުއްދަގޮތުގައި މުދާ މިލްކު ކުރުމެވެ. މިގޮތުން މުދާ މިލްކު ކުރުން އިސްލާމްދީނުގައި ހުއްދަ ގޮތްތައް މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެ އެވެ. އެއް ބަޔަކީ އިންސާނާ އެ މިލްކު ކުރުމަށްޓަކައި މަސައްކަތެއް ކުރުމަކާ ނުލައި މިލްކު ކުރުން ހުއްދަ ކޮށްފައިވާ ގޮތްތަކެވެ. އެއީ ހިބައާއި، ވަސިއްޔަތާއި ތަރިކަ މުދަލާއި ހަދިޔާ ފަދަ ގޮތްތަކެވެ. ދެވަނަ ބަޔަކީ މަސައްކަތްކޮށްގެން މުދާ މިލްކު ކުރުން ހުއްދަ ކޮށްފައިވާ ގޮތްތަކުން މުދާ މިލްކު ކުރުމެވެ. އޭގެ ތެރޭގައި ތަފާތު އުފެއްދުންތައް އުފެއްދުމާއި، މަސައްކަތްތައް ކުރުން ހިމެނެއެވެ. މިގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި ކުރުން ފަދަ ތަފާތު މަސައްކަތްތައް ހިމެނެއެވެ.

މީގެ ތެރެއިން މުދާ މިލްކު ކުރުމުގެ އެންމެ މުހިން ވަސީލަތެއްގެ ގޮތުގައި އިސްލާމްދީން ދެކެނީ މަސައްކަތް ކޮށްގެން މުދާ ހޯދުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި އެންމެ ހެޔޮކަންބޮޑު އާމްދަނީ އަކީ އެމީހެއްގެ އަމިއްލަ އަތުން މަސައްކަތްކޮށްގެން ހޯދި އެއްޗެކެވެ (އަޙުމަދު އަދި އަލްޙާކިމް). ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ ހެޔޮ ނިޔަތުގައި ކޮށްފިނަމަ އަޅުކަމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. އަދި އެއީ އިސްލާމްދީނުގައި ވަރަށް މަތީ ގަދަރެއް ދެވިފައިވާ ކަމެކެވެ. އަނެއްކޮޅުން މަސައްކަތް ނުކޮށް، އެހެން މީހުން އަތުން ސަލާން ޖަހައިގެން އެއްޗެއް ހޯދުމަކީ އިސްލާމްދީން ނަފުރަތު ކުރާ ކަމެކެވެ.

ހުއްދަގޮތުގައި މުދާ މިލްކު ކުރުމަށްޓަކައި އިސްލާމްދީނުގައި މަނާކޮށްފައިވާ އެންމެހާ ގޮތްތަކުން މުދާހޯދުމުން ދުރުހެލިވާން ޖެހޭނެ އެވެ. މިގޮތުން އެކަމަކުން އެއްވެސް ފަރާތަކަށް ބޭއިންސާފު ވެވޭ ގޮތުގައި ކުރެވޭ މުއާމަލާތުތަކުން މުދާ މިލްކުކޮށްގެން ނުވާނެ އެވެ. އެހެންކަމުން ރިބާކެއުމާއި، ޖުވާކުޅުމާއި، ފޭރުމާއި، ވައްކަމާއި، އިހުތިކާރު ކުރުން ފަދަ ކަންކަމަކީ އެހެން ބަޔަކަށް ވެވޭ ބޭއިންސާފެއް ކަމަށް ވާތީ އިސްލާމްދީން އެގޮތްތައް ހުއްދަ ނުކުރެއެވެ. އަދި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކުރެވޭ މުއާމަލާތުތަކުން ވެސް މުދާ މިލްކުކޮށްގެން ނުވާނެ އެވެ. މިސާލަކަށް ސިފަބަޔާން ވެގެން ނުވާ ތަކެތި ވިއްކުމާއި، މުދަލުގައި ހުންނަ އައިބުތައް ފޮރުވާފައި ވިއްކުން ފަދަ ކަންކަމަކީ އަނެކާއަށް އޮޅުވާލައިގެން ކުރާ މުއާމަލާތު ކަމަށް ވާތީ އެގޮތްތައް ހުއްދައެއް ނޫނެވެ.

ހުއްދަނޫން ތިން ވަނަ ބާވަތަކީ ވަކި ފަރުދަކަށް ވިއަސް އަދި ޖަމާއަތަކަށް ވިއަސް ގެއްލުމެއް ލިބެނިވި ގޮތުގައި ކުރެވޭ މުއާމަލާތުތަކެވެ. ރަލާއި އެހެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ހަށިވިއްކުމާއި، އަދުއްވުންނާ އެކު ވިޔަފާރި ކުރުން ފަދަ މުއާމަލާތުގެ ސަބަބުން މަދު ބަޔަކަށް މަންފާތަކެއް ލިބުނަސް އެއީ އެތައް ގޮތަކުން ބަލާއިރު އެހެން ބަޔަކަށް ނުވަތަ މުޅި މުޖުތަމައަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވާތީ އެފަދަ މުއާމަލާތު ވެސް އިސްލާމްދީން ހުއްދައެއް ނުކުރެއެވެ. ވީމާ މިފަދަ ކަންކަމުން ދުރުހެލިވެ މުދާ މިލްކު ކުރުމަށް ހަލާލު މަގު އެކަނި އިޚުތިޔާރު ކުރަން ލާޒިމުވާނެ އެވެ.

ހަލާލުމަގުން މުދާމިލްކުކުރަން ޖެހޭއިރު މުޖުތަމައުގެ މަސްލަހަތުތަކަށް ވެސް ރިއާޔަތް ކުރަން ޖެހެއެވެ. މުދަލުގެ ހަގީގީ މިލްކުވެރިޔަކީ މާތްﷲ ކަމަށް ވާއިރު އިންސާނުންނަކީ އެ މުދަލާ މެދު އަމާނާތްތެރިވާން ޖެހޭ ބައެކެވެ. މާތްﷲ އަންގަވާފައި ވަނީ އެ ތަކެއްޗާ މެދު އެކަލާނގެ އިންސާނުން ޚަލީފާވެރިން ކަމުގައި ލެއްވި ތަކެތިން އިންސާނުން ހޭދަ ކުރުމަށެވެ (އަލްޙަދީދު 7) އެހެންވީމާ އިންސާނާ ޚަލީފާއަކަށް ވާތީ އެ ހައިސިއްޔަތުން މުދަލަށް ލިބިފައިވާ މިލްކިއްޔަތަކީ ވަކި ފަރުދަކު ބޭނުންހާ ގޮތަކަށް ބޭނުންކުރުމަށް ލިބިފައިވާ މިލްކިއްޔަތެއް ނޫނެވެ.

މުދަލަކީ ހެޔޮ ކަންކަން ކުރުމަށް އޮތް ވަސީލަތަކަށްވީ ހިނދު މުޖުތަމައުގެ މަސްލަހަތާ ނުލައި ހެވެއް ނޯންނާނެ އެވެ. ވީމާ އެކަމަށް ރިއާޔަތް ކުރަން ޖެހެއެވެ. މިގޮތުން މުދަލުގެ މިލްކުވެރިޔާ ހަގީގަތުގައި އޭނާގެ މުދަލުން އަދާ ކުރަން މިޖެހެނީ އިޖުތިމާއީ ވަޒީފާއެއްކަން ދެނެގަންނަން ޖެހެއެވެ.

މުޖުތަމައުގެ މަސްލަހަތުތައް ހިފަހައްޓައިދޭ އުސޫލުތަކުން އެއް އުސޫލަކީ އާންމުކޮށް އެންމެންނަށް ބޭނުންވާ ޟަރޫރީ މުދާ އިޙުތިކާރު ނުކުރުމެވެ. އެބަހީ ފަހުން ބޮޑުއަގުގައި ވިއްކުމަށް މުދާ ފޮރުވާފައި ނުބެހެއްޓުމެވެ.

އިސްލާމީ ދައުލަތުގެ ފަރާތުން އިންސާފުވެރި ގޮތެއްގައި އާންމުންނަށް މިފަދަ މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ތިނެއްޗެއްގައި އެންމެހާ މީސްތަކުންނަކީ އޭގެ ބައިވެރިންނެވެ. އެއީ ފެނާއި، (ނަޢަމްސޫފި ކާ) ހުޔާއި، އަލިފާނެވެ." އެހެން ހަދީސެއްގައި ލޮނު ވެސް ބަޔާން ކުރައްވާފައި ވެއެވެ. ހަދީސް އިލްމުވެރިން ވިދާޅުވާ ގޮތުގައި މި ހަދީސްގައި ވަކި ޚާއްޞަ ތަކެތި ބަޔާންކުރެވިފައި ވިއަސް މީސްތަކުންގެ ދިރިއުޅުމަށް އެއާ ނުލައި ނޫޅެވޭނެ ހަމަ ކޮންމެ އެއްޗަކަށް ޤިޔާސް ކުރެވޭނެ އެވެ.

އެހެންކަމުން އިޙުތިކާރު ކޮށްގެން މީސްތަކުންގެ ބޭނުންތައް ނާޖާއިޒު ގޮތުގައި ހިފުމަށް ފުރުސަތު އޮންނަ، ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ލާޒިމުވާ އެއްވެސް މުދަލެއް ވަކި ފަރުދެއްގެ ނުވަތަ ވަކި ބައެއްގެ އަތްމައްޗަށް މިނިވަންކޮށް ދޫކޮށްލެވިގެން ނުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އޭގެ ބަދަލުގައި މިފަދަ މުދާ ޖެހޭނީ ދައުލަތުން އާންމުންނަށް ހަމަހަމަ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސާށެވެ. ނުވަތަ އެކަމަށް އެކަށޭނަ ގާނޫނުތަކާއި ގަވައިދުތައް ހަދައި އެއަށް އަމަލު ނުކުރާ މީހުންނަށް އަދަބު ދެވޭނެ އިންތިޒާމު ދައުލަތުން ރާވަން ޖެހޭނެ އެވެ.

މުދާ މިލްކު ކުރުމުގައި މުޖުތަމައުގެ މަސްލަހަތު ހިފަހައްޓައިދޭ އުސޫލުތަކުގެ ތެރެއިން އަނެއް އުސޫލަކީ ސަފީހުންގެ މުދާ ހިފެހެއްޓުން ނުވަތަ ފްރީޒް ކުރުމެވެ. ސަފީހުންނަކީ މުދަލުން ވިޔާނުދާ ގޮތުގައި ބޭކާރު ޚަރަދުކޮށް އިސްރާފު ކޮށް އުޅޭ މީހުންނެވެ. އިސްލާމްދީނުގައިވާ ގޮތުން މުދަލެއް މިލްކު ކުރާ ކޮންމެ މީހަކުވެސް އޭގެ ބޭނުން ހިފަން ޖެހެނީ ހުއްދަ ކަންކަމުގަ އެވެ. އަދި ހުއްދަ ކަންކަމުގައިވެސް މެދުމިނުގައެވެ.

އިސްރާފު ކުރުމެއް އަދި މުށްބާރު ކުރުމެއް ނެތިއެވެ. އަލްއަޢުރާފު ސޫރަތުގެ 31 ވަނަ އާޔަތުން މިކަން އެނގެއެވެ. ދުނިޔަވީ އުފާތަކާއި މަޖާކުރުމާއި ހަރާމް ކަންކަމުގައި މުދާތައް އިސްރާފު ކޮށް ބޭކާރު ޚަރަދުތައް ކުރަމުން ގެންދާ މީހަކު ފެނިއްޖެ ނަމަ އޭނާގެ ބެލެނިވެރިންނަށް ނުވަތަ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވަނީ އޭނާގެ މުދާ ހިފަހައްޓައި ފްރީޒް ކުރުމެވެ. ނަމަވެސް އެ މުދަލުން އޭނާއަށް ކާންދީ، އަންނައުނުދޭން ޖެހޭނެ އެވެ. އަދި އޭނާއަށް ހެޔޮ ނަސޭހަތް ދޭން ޖެހެއެވެ. ހަމަމަގަށް ރުޖޫއަވުމުން މެނުވީ އެފަދަ މީހަކަށް އެމުދާ ދީގެން ނުވާނެއެވެ. ސަބަބަކީ މުދަލަކީ ވަކި ފަރުދަކަށް އޭގެ ބޭނުން ކުރުމުގެ މިލްކިއްޔަތު ލިބިފައިވާ އެއްޗެއް ކަމަށްވިއަސް މުޅި މުޖުތަމައުގެ މަސްލަހަތު އޭގައި އެކުލެވޭނެތީ އެވެ. އެހެންވެ ސަފީހުންނަށް މުދާ ނުދޭށޭ އެންގެވި އާޔަތުގައި އެމުދާ ނިސްބަތް ކޮށްފައިވަނީ ވެސް އެމީހުންގެ ބަދަލުގައި މުޅި މުޖުތަމަޢަށެވެ.

މިނޫނަސް މުދާމިލްކުކޮށް އޭގެ ބޭނުންކުރުމުގައި މުޖުތަމައުގެ މަސްލަހަތުތަކަށް ރިއާޔަތް ކުރާ އެހެން އުސޫލުތައް ވެސް އިސްލާމްދީނުގައި ވެއެވެ. އެކަންކަމަށް އެހެން ލިޔުމެއްގައި އަލިއަޅުވާލާނަމެވެ.