29 ޖޫން 2023 - 13:49

ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދަން އިއުލާންކުރި ކަލާފާނު ސްކޫލްގެ ޓީޗަރު އަބިން ސީ ރާޖް އިންޑިއާއިން ހައްޔަރުކޮށް، ރާއްޖެއަށް ނާދެވޭ ގޮތަށް ބްލެކްލިސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކެރެލާއަށް ނިސްބަތްވާ އަބިން އަކީ ކަލާފާނު ސްކޫލުގެ ގްރޭޑް 9ގައި އިކޮނޮމިކްސް ކިޔަވައިދެމުން ދިޔަ ޓީޗަރެވެ. އޭނާ ހޯދަން އިންޑިއާ ފުލުހުން އިއުލާންކޮށްފައިވަނީ ފޭކް ސެޓްފިކެޓްތަކެއް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މައްސަލައެއް ފަޅާއެރުމާ ގުޅިގެންނެވެ.
އޭނާ ހޯދަން އިއުލާންކުރިއިރު ހުރީ ރާއްޖޭގަ އެވެ. އެކަމަކު ސްކޫލް ޗުއްޓީ ފެށިފައިވާތީ ވަޒީފާއަށް ނުނިކުމެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހުސާން "މިހާރު"އަށް ވިދާޅުވި ގޮތުގައި އިންޑިއާ ފުލުހުން އޭނާ ހޯދާކަން މިނިސްޓްރީއަށް އެނގުނީ ޗުއްޓީއަށް ގައުމަށް ދިޔުމަށް ޓިކެޓް ނަގާފައިވަނިކޮށެވެ. އެހެންވެ އެކަން ދިވެހި ފުލުހުންނަށާއި އިމިގްރޭޝަނަށް ވަގުތުން އެންގި ކަމަށެވެ.
އެ ދެ އިދާރާއަށް މިނިސްޓްރީން އެކަން އެންގިއިރު އޭނާ ވަނީ ފުރައިގެން ގޮސްފަ އެވެ. އެކަން އިންޑިއާ ފުލުހުންނަށް ދިވެހި ފުލުހުންގެ ފަރާތުން އެންގި ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާއަށް އަބިން ދިޔުމާ އެކު އެ ގައުމުގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް، ބަންދުކޮށްފަ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިނިސްޓްރީން މިހާރު އަންނަނީ އަބިން ވަޒީފާއިން ޓާމިނޭޓް ކުރުމުގެ ކަންކަން ކުރަމުންނެވެ. އަދި އޭނާއަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓް ކުރުމުގެ ކަންކަން އިމިގްރޭޝަންއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި އަބިންއަކީ އެ ގައުމުގައި އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެކެވެ.
ކެރެލާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އަބިންގެ ޕާސްޕޯޓްގެ މައުލޫމާތު ސާފުކޮށް، އިންޑިއާގެ ފުލުހުން ވަނީ އޭނާގެ ރައްޓެއްސެއްގެ ފޯނުން ގުޅައި ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާގެ މައްޗަށް ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓް ހެދި ކަމުގެ ތުހުމަތުކުރެ އެވެ.
މިހާރު ފަޅާއަރައިގެން އުޅޭ މައްސަލައަކީ އޭނާއާ އެކު ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގައި މަސައްކަތްކުރި ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ދެ ލައްކަ ރުޕީސްއަށް ފޭކް ސެޓްފިކެޓެއް ހަދައިދިން މައްސަލައެކެވެ. އެއީ ކަލިންގާ ޔުނިވާސިޓީގެ އަސްލާ އެއްގޮތަށް ހަދައިދީފައިވާ ޑިގްރީ ސެޓްފިކެޓެކެވެ. އެކަމެއް ފަޅާއެރީ ނިކިލްއާ ޖެހުނު ޒާތީ މައްސަލައެއްގައި އެހެން މީހަކު އެކަން ރިޕޯޓްކުރުމުން ފުލުހުން ކުރި ތަހުގީގުންނެވެ.
ނިކިލް ވަނީ ފުލުހުންނަށް ދިން ބަޔާނުގައި އޭނާއަށް ފޭކް ސެޓްފިކެޓް ހަދައިދިން މީހަކީ އަބިން ކަމަށް ބުނެފަ އެވެ.