ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރަނީ
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރަނީ

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ނުވަ ލައްކަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ 25ގެ ނިޔަލަށް ރާއްޖެއަށް ވަނީ މިދިޔަ އަހަރަށް 14 ޕަސެންޓް އިތުރަށް ޓޫރިސްޓުން އައިސްފަ އެވެ. އެއީ ގާތްގަނޑަކަށް 110،000 ޓޫރިސްޓުން އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު ޓޫރިސްޓުން އަންނަ މިންވަރަށް ބަލައިފި ނަމަ މި ފެށޭ މަހު، އެއް މިލިއަން ޓޫރިސްޓުން އައުމުގެ ފުރުސަތު އެބަ އޮތެވެ. މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވީ އޮގަސްޓް މަހު އެވެ.

ޓޫރިސްޓުންގެ އަދަދު އެހާ ބޮޑަށް އިތުރުވީ، މި އަހަރުގެ ފުރަތަމަ ހަތަރު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމުންނެވެ. މި އަހަރުގެ ފުރަތަމަ ދެ މަހު މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 30-20 ޕަސެންޓު އިތުރަށް ޓޫރިސްޓުން އަ އެވެ.

އެހެން ނަމަވެސް، މިދިޔަ މަހުން ފެށިގެން ޓޫރިސްޓުންގެ އަދަދުތައް ވަނީ ދަށަށް ގޮސްފަ އެވެ.

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާ އާއި ރަޝިޔާއިންނެވެ. އެ ދެ ގައުމުން ވެސް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 76،000 ޓޫރިސްޓުން އަ އެވެ.

އިޓަލީ އާއި ޖަރުމަނާއި ޗައިނާއިން ވެސް ވަނީ 50،000 އަށް ވުރެ ޓޫރިސްޓުން އައިސްފަ އެވެ. މި އަހަރުގެ މިހާތަނަކަށް އެވްރެޖްކޮށް ދުވާލަކު 5،000 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިހާރު ފެންނަ ހުރި ނަންބަރުންތަކުން، ރާއްޖެއަށް މިއަހަރު އެއަށް ވުރެ އިތުރަށް ޓޫރިސްޓުން އައުމުގެ ފުރުސަތު އެބަ އޮތެވެ.