އާސެނަލްއިން ހަވާޓްޒް ސޮއިކުރުވައިފި، މިހާރު ރައިސްއާ އެކު އެއްބަސްވުމަކަށް
އާސެނަލްއިން ހަވާޓްޒް ސޮއިކުރުވައިފި، މިހާރު ރައިސްއާ އެކު އެއްބަސްވުމަކަށް

ލަންޑަން (ޖޫން 28) - އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލުން ގެންނަން މަސައްކަތްކުރި ކައި ހަވާޓްޒްގެ ސޮއި ހޯދައި ޑެކްލަން ރައިސްއާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޗެލްސީގައި ހުރި ޖަރުމަނުގެ ފޯވާޑް ހަވާޓްޒްގެ ސޮއި އާސެނަލުން ހޯދީ 82 މިލިއަން ޑޮލަރަށެވެ. ހަވާޓްޒް، 24، އާ އެކު އާސެނަލުން އެއްބަސްވުން ހެދީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މީގެ ތިން އަހަރު ކުރިން ޖަރުމަނުގެ ބެޔާން ލެވަކޫސެން އިން ހަވާޓްޒް ޗެލްސީ އަށް ބަދަލުވީ 89 މިލިއަން ޑޮލަރަށެވެ. މިދިޔަ ސީޒަނުގައި ދަށްކޮށް ފެނުނު ޗެލްސީ ޓީމަށް ހަވާޓްޒް ނުވަ ގޯލު ޖެހި އެވެ.

ޗެލްސީ އަށް ބަދަލުވެ 2021 ވަނަ އަހަރު އެ ކްލަބުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ހަވާޓްޒް ފައިނަލުގައި ޖެހި ގޯލުން މޮޅުވެގެންނެވެ. ޗެލްސީގައި ޕްރިމިއާ ލީގު 91 މެޗު ކުޅެ 19 ގޯލު ހަވާޓްޒް ޖެހި އެވެ.

ޗެލްސީ އަށް އަލްވަދާއު ކިޔުމަށް ފަހު ހަވާޓްޒް ބުނީ އާސެނަލްއާ އެކު އޭނާގެ އަމާޒަކީ ތަށި ހޯދުން ކަމަށެވެ.

ވެސްޓް ހޭމް ޔުނައިޓެޑްގެ ކެޕްޓަން ރައިސް، 24، އާސެނަލަށް ވިއްކާލަން އެއްބަސްވީ 132 މިލިއަން ޑޮލަރަށެވެ. ދެ ކްލަބުން މިހާރު މަޝްވަރާ ކުރަމުން އަންނަނީ އެއްބަސްވުމުގެ މުއްދަތާއި ފައިސާ ދެއްކުމާއި ގުޅޭގޮތުންނެވެ.

އާސެނަލުން ރައިސް ހޯދުމަށް މީގެކުރިން ކުރި ދެ ބިޑަށް ވެސްޓް ހޭމް އިން ވަނީ ނޫނެކޭ ބުނެފަ އެވެ. އެ މުއްދަތުގައި މެންޗެސްޓާ ސިޓީ އިން ވެސް ރައިސް ހޯދުމަށް ބިޑް ކުރި އެވެ. އެކަމަކު ގިނަ މަޝްވަރާތަކަކަށް ފަހު ވެސްޓް ހޭމް އިން ނިންމީ އާސެނަލްގެ ތިން ވަނަ ހުށަހެޅުން ގަބޫލުކުރާށެވެ.

ރައިސް ވަނީ މިިދިޔަ ސީޒަނުގައި ވެސްޓް ހޭމް ޔުނައިޓެޑާ އެކު ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ވެސްޓް ހޭމްއާ އެކު ރައިސް ހަދައިފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ އަހަރު އެވެ.

ވެސްޓް ހޭމްގެ ޔޫތު އެކެޑަމީ އިން 2017 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވެ ރައިސް ވަނީ 245 މެޗު އެ ޓީމަށް ކުޅެ 15 ގޯލު ޖަހައިފަ އެވެ. މިހާރު ރައިސް އަކީ އިންގްލެންޑްގެ މިޑްފީލްޑުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ. އިންގްލެންޑްގެ ޓީމަށް ރައިސް ވަނީ 43 މެޗު ކުޅެފަ އެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައި އާސެނަލް ވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފަ އެވެ. ލީގަށް ވާދަކުރުމުގެ އަޒުމާއި ޗެމްޕިއަންސް ލީގުގެ ރަނގަޅު ހިސާބަކަށް ދިއުމަށް އަމާޒުކޮށް އާސެނަލްގެ ސްކޮޑް ވަރުގަދަކުރަން ޖެހޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.