ބޫޓާން ބަލިކޮށް ބަންގްލަދޭޝް ސެމީއަށް، ހިތްދަތިވީ ރާއްޖެ
ބޫޓާން ބަލިކޮށް ބަންގްލަދޭޝް ސެމީއަށް، ހިތްދަތިވީ ރާއްޖެ

ފަހަތުން އަރައި 3-1 އިން ބޫޓާން ބަލިކޮށް، ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދައިފި އެވެ.

ގުރޫޕް ބީގެ ފަހު މެޗުގައި މިރޭ ބަންގްލަދޭޝް މޮޅު ވުމާ އެކު އެޓީމު ސެމީ އަށް ދިޔައީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެއްވަނަ ހޯދީ މިއަދު ހަވީރު ރާއްޖެ ބަލިކޮށް، ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބު ކުރި ލެބަނަން އެވެ.

މިރޭގެ މެޗުގައި ބޫޓާނުން ދެ ގޯލުގެ ތަފާތުން ބަންގްލަދޭޝް ބަލިކުރި ނަމަ، ގުރޫޕްގެ ދެވަނަ ލިބޭނީ ރާއްޖެ އަށެވެ. ނަމަވެސް ބޫޓާން ބަލިވުމުން އެ ފުރުސަތު ނުލިބި، ރާއްޖެ މިވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވި މުބާރާތުން ކަޓައިފަ އެވެ.

ސެމީ ފައިނަލްގައި ބަންގްލަދޭޝް ކުޅެން ޖެހޭނީ، ގުރޫޕް އޭގެ އެއްވަނަ ހޯދި ކުވެއިތާ ދެކޮޅަށެވެ. އަދި ލެބަނަން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު އިންޑިއާ އާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ.

ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ބަންގްލަދޭޝްގެ ސޮހޭލް ރާނާ އެވެ. ނަމަވެސް ބޫޓާންގެ ކީޕަރު ޔެލްޓްޝެން ޒަންގްޕޯ ވަނީ ބޯޅަ ދިފާއު ކޮށްފަ އެވެ. އެއަށް ފަހު ބޫޓާނުން ވަނީ ވަރުގަދައަށް ކުޅެ ބަންގްލަދޭޝް ކޮޅަށް ގޯލު ވެސް ޖަހައި ލީޑު ނަގައިފަ އެވެ. ބޫޓާނުންލީޑު ނެގީ 12 ވަނަ މިިނިޓުގައި ސެންޑާ ޑޯޖީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ ފަހުން ހާފުގެ މެދަކާ ހަމައިން ބޫޓާންގެ ނިމާ ވަންގްޑީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކުރީ 21 ވަނަ މިނިޓުގައި ޝެއިހް މޮރްސަލީން ކާމިޔާބު ކޮށްދިން ގޯލުންނެވެ، އަދި އެޓީމުން ލީޑު ނެގީ 32 ވަނަ މިނިޓުގައި ބޫޓާން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ބަންގްލަދޭޝްގެ ރާކިބް ހުސޭން ފޮނުވާލި ބޯޅައެއް ގޯލަށް ވަނީ ބޫޓާންގެ ޑިފެންޑަރު ޕުންޓްޝޯ ޖިގްމޭ ގައިގައި ޖެހިފަ އެވެ. އޭގެ ހަތަރު މިނިޓު ފަހުން ހަނި އޭންގަލުން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބަންގްލަދޭޝް އަށް ލީޑު ފުޅާ ކޮށްދިނީ ރާކިބް އެވެ.

ފަހު ހާފުގައި ބޫޓާނުން ކުޅުން ރަނގަޅުކޮށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިި އެވެ.