ލެބަނަން އަތުން ބަލިވެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓުމުގެ ބިރު
ލެބަނަން އަތުން ބަލިވެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓުމުގެ ބިރު

ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލެބަނަން އަތުން 1-0 އިން ބަލިވެ، ރާއްޖެ ފުރަތަމަ ފަހަރަށް މުބާރާތުގެ ގުރޫޕް ސްޓޭޖުން ކެޓުމާ ގާތަށް ހިނގައްޖެ އެވެ.

ރާއްޖެ ހިމެނޭ ގުރޫޕް ބީގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މިރޭ ބޫޓާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. ލެބަނަން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނަ ޔަގީން ކޮށްފައި ވާއިރު، ބަންގްލަދޭޝް އާއި ރާއްޖެ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބޫޓާން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ރާއްޖެއަށް ސެމީ ފައިނަލްގެ ޖާގައެއް ލިބެން އޮތް ހަމައެކަނި ގޮތަކީ ދެ ގޯލުގެ ތަފާތުން ބޫޓާން މިރޭގެ މެޗުގައި ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) ސަސްޕެންޝަނުން އެނބުރި އައިސް މިއަދުގެ މެޗުގައި ސްޓާޓް ކުރި އިރު، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ވެސް މިއަދު ވަނީ ސްޓާޓް ކޮށްފަ އެވެ. ކުރީ ދެ މެޗުގައި ވެސް ރީނދޫ ކާޑު ދެއްކުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑް ވެފައިވާ މުހައްމަދު އިރުފާން ގެ ބަދަލުގައި މި މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނީ ހަސަން ޝިފާޒް (ޑުންގާ) އެވެ.

ފުރަތަމަ ދެ މެޗަށް ވުރެ ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ވިއްސަކަށް މިނިޓު ތެރޭ ދެ ހަމަލާއެއް ފޮނުވާލި އެވެ. ނަމަވެސް އިބްރާހިމް އައިސަމް އާއި ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އޭރިއާ ބޭރުން ފޮނުވާޅި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ.

ލެބަނަން އިން ގޯލު ޖެހީ މެޗުގެ 23 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުންނެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އެޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، ކެޕްޓަން ހަސަން މާތޫކް އެވެ. ގޯލަށް ފަހު ފަސްވަރަކަށް ިނިޓަށް ލެބަނަން އިން މެޗު ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ފަހުން ރާއްޖޭން އަނެއްކާ ވެސް ކުޅުން ރަނގަޅު ކުރި އެވެ. ލެބަނަން އިން ރާއްޖެއަށް ނުރައްކާ ކުރި ވަގުތު މާތޫކް ބޮލުން ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް ދިފާއު ކުރި އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލެބަނަންގެ ޑިފެންޑަރު މެކްސިމް އައުން އޯވާހެޑަކުން ފޮނުވާލި ނުރައްކާތެރި ބޯޅައެެއް ވެސް ކީޕަރު ހުސެއިން ދިފާއު ކުރި އެވެ. ނަމަވެސް ރާއްޖެއިން ވަނީ މި ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގޯލަށް ބޯޅަ ފޮނުވާލުން ނޫން އެހެން ހުރިހާ ކަމެއް ރާއްޖޭން ވަނީ މި މެޗުގައި އިމްޕްރޫކް ކޮށްފަ އެވެ.