28 ޖޫން 2023 - 13:54

އީދު ނަމާދަށް ފަހު މިއަދު ދިރާގުން ކުރިއަށް ގެންދިޔަ "އީދު ބޮނޑިބަތް" ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން ވަނީ ބޮނޑިބަތް ބަހާފަ އެވެ. އޭގެ ތެރޭގައި ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތި ހިމެނެ އެވެ.
މާލޭގައި "އިދު ބޮނޑިބަތް" ބެހީ ސަލްޓަން ޕާކު ސަރަހައްދުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި އެ ހަރަކާތް ކުރިއަށް ގެންދިޔައީ އާބަންކޯއާ ގުޅިގެންނެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މި ދިޔަ އަހަރު ކުރިއަށް ގެންދިޔަ އީދު ބޯކިބާ ހަރަކާތަށް ވެސް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އެ ފަދަ ތަރުހީބެއް މިއަދު ކުރިއަށް ގެންދިޔަ އީދު ބޮނޑިބަތް ހަރަކާތަށްވެސް ލިބުނު ކަމަށް ވިދާޅުވި އެވެ.
ޖައިޝާން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.