28 ޖޫން 2023 - 13:40

ބޮޑު އީދާ ދިމާކޮށް ނ. މަނަދޫގެ މަޝްހޫރު ޑާންސް ގްރޫޕް "ހިޔަލަ" އިން މި އަހަރު ވެސް ވަރަށް ރީތި ވީޑިއޯ ލަވައެއް ނެރެފި އެވެ.

ހިޔަލަ ގްރޫޕުން ބުނި ގޮތުގައި މިއަދު ނެރުނު މި ލަވަ ހާއްސަކުރީ ވެސް ދިވެހިންގެ އީދާ ގުޅޭ ސަފާގީ ހަރަކާތެއް ކަމަށްވާ ކޯޑިއާ އެވެ. މި ލަވައަށް ކިޔަނީ ވެސް "ކޯޑި" އެވެ.

ސްޓޯރީ ޓެލިން ކޮންސެޕްޓަކަށް ގެނެސްދިން މި ލަވައިގެ މަންޒަރުތައް ނެގީ ރ. ރަސްގެތީމުގަ އެވެ. އެ ރަށުގެ ވަރަށް ގިނަ މީހުންނާއި ހިޔަލަ ޑާންސް ގްރޫޕްގެ ނެށުންތެރިން ވެސް މި ލަވައިން ފެނެ އެވެ.
މި ލަވަ ގެނެސްދިނީ ކޯޑިއާ ގުޅުވައި ރޮމޭންޓިކް ތީމަކަށެވެ. އެހެން ރަށެއްގައި އުޅޭ މީހަކު އީދަށް އެހެން ރަށަކަށް ކުރި ދަތުރެއްގައި ދިމާވާ އަންހެން ކުއްޖަކަށް ހިތްކިޔާ ހިސާބުން ހިނގާ ކަންތައްތަކެވެ.
ހިޔަލަ ގްރޫޕްގެ އޮފިޝަލަކު ބުނީ މި ލަވައިގެ މިއުޒިކް ތައްޔާރުކުރީ ދޮޅުމަސް ދުވަހުން ކަމަށެވެ. ؛ލަވައިގެ ކޮންސެޕްޓް ރާވައި މަސައްކަތް އެއްކޮށް ނިންމާލަން ގާތްގަނޑަކަށް ތިންމަސް ދުވަސް ހޭދަވި ކަމަށެވެ. އަދި ރަސްގެތީމުގައި މި ލަވަ ޝޫޓްކުރަން ވެސް ފަސް ދުވަސް ހޭދަކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
"މި ފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ރަސްގެތީމު ރައްޔިތުންނާއި ހާއްސަކޮށް މަންނަ އަށް،" އޭނާ ބުންޏެވެ.
އަމިއްލަ ރާގުގެ މި ލަވައިގެ ވީޑީއޯ ކޮންސެޕްޓް ތައްޔާރުކުރީ މަނަދޫ ޒުވާނެއް ކަމަށްވާ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. މި ލަވައިގެ ޅެމާއި ރާގު ވެސް ހެދީ އޭނާ އެވެ. އަދި އޭނާއާ އެކު މި ލަވަ ޑައިރެކްޓުކުރީ އަހްމަދު އަބްދުﷲ (އޭޑީ) އެވެ. ކެމެރާ ކުރުމާއި ވީޑީއޯ އެޑިޓިން އަދި މިކްސިންގެ މަސައްކަތް ކުރީ ވިޝާލް އާމިރު އެވެ.
މި ލަވައިގެ އޯޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްކުރީ އެރާ ރިކޯޑްސް އިންނެވެ.
ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ބޮޑުބެރު ލަވަކިޔުންތެރިޔާ ހަމްދާން ސަލީމް (އަންނަ) އެވެ.
ހިޔަލަ ގްރޫޕުން މިދިޔަ އަހަރު އީދާ ދިމާކޮށް ނެރުނު "ސަގާފީ ތަރާނާ" ވީޑިއޯ ލަވައަށް ވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ލަވައަށް ޔޫޓިއުބުގައި 200،000 އާ ގާތްކުރާ އަދަދަކަށް ވިއުސް މިހާރު ލިބިފައިވެ އެވެ. އެ ގްރޫޕުން އަންނަނީ ރަށްރަށުގައި ސްޓޭޖު ޝޯތަކާއި ރިސޯޓާ އަދި އެހެން ބޮޑެތި ޝޯތަކުގައި ވެސް ޕާފޯމްކުރަމުންނެވެ.