ޖަދަލު
ޖަދަލު

އާދިއްތަ ދުވަހާ ގުޅޭ

ދޮރުމަތީގައި ހުރީ ޒިޔާނެވެ. ފައިސަލް ފަސްއެނބުރިފައި ފައިސަލްގެ އެނދަށް ބަލައިލިއެވެ. އޭރު ވެސް ބިއްދޮށަށް އެނބުރިގެން ޒިޔާން އޮތެވެ. ފައިސަލްގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ޖިންނީންގެ ތެރޭގައި ނަކަލުގެ ދެ ވައްތަރެއް އުޅޭ ވާހަކަ ފައިސަލަށް އޮތީ އިވިފައެވެ. އެއްވައްތަރަކީ، އަސްލު މީހާ ވެސް ފެންނަ ހިސާބުގައި ހުންނަ ނަކަލެވެ. އަނެއް ވައްތަރަކީ، އަސްލު މީހާ ނުފެންނަ ހިސާބެއްގައި އުޅޭ ނަކަލެވެ. އެހެން އަވަށެއްގައި ނުވަތަ އެހެން ގައުމަކުން ވެސް އެ ނަކަލު ފެނިދާނެއެވެ. ކުރިން ފައިސަލް އެ ވާހަކަ ގަބޫލެއްނުކުރެއެވެ. އެ ފަދަ ނަކަލެއް ފައިސަލަށް ފެންނާނެކަމަކަށް ވެސް އުންމީދެއްނުކުރެއެވެ. ހަމަލޮލަށް ފެނުމުން ފައިސަލަށް ކުރެވުނީ، ބުނަން ނޭނގޭ ކަހަލަ ބިރުވެރި އިހުސާސެކެވެ. ބިރުކަނޑައިލާފައި ގޮސް އެ ނަކަލާ ވާހަކަދައްކާކަށް ނުކެރުނެވެ. ބަލަން ހުންނާކަށް ވެސް ނުކެރުނެވެ. އެ ވަގުތު އެ ނަކަލު މަގަތަށް ފުރޮޅިލިއެވެ. ހަމަ އެ ދަނޑިވަޅުގައި ޒިޔާން އެތެރެއަށް ވަންނަން ވެސް އުޅުނެވެ. ޒިޔާން ހުއްޓުވައިފައި، ޒިޔާންގެ އަތުގައިހިފައިގެން ފައިސަލް ކޮޓަރިން ނުކުމެފައި ދޮރުލެއްޕިއެވެ. ޒިޔާންގެ ކޮޓަރިއަށް ދިޔައެވެ. އޭރު ވެސް ފައިސަލްގެ މުޅި ހަށިގަނޑަށްހުރީ ފާޑެއްގެ ގޮތެއްވެފައެވެ.

"ޒިޔާން ބޭނުމީ ޑެޑީގެ ރޫމްގަ އޮންނަން،" ޒިޔާން ބުންޏެވެ. "ޕްލީޒް!"

ފައިސަލް އެ އަޑެއްނާހައެވެ. ޖަވާބެއް ވެސް ނުދެއެވެ. އިރުނާރަނީހެއް ފައިސަލްގެ ކޮޓަރިއަކަށް ފައިސަލެއް ނުވަންނާނެއެވެ. ޒިޔާނަށް ހުރިހައި އެއްޗެއް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ ޒިޔާންގެ ކޮޓަރިއަށް ވަދެފައި، އެކި ވާހަކަދައްކައިގެން ޒިޔާން ނިންދެވިއެވެ. ހޭލައިއޮތީ ފައިސަލެވެ. ކިތަންމެ ބޭނުން ނޫނަސް، ގޭތެރެ ނާމާންވެއްޖެކަން ގަބޫލުކުރަން ފައިސަލަށް މަޖުބޫރުވިއެވެ. ވަމުންދާ ކަންތައްތަކަކީ ވަހުމެއް ނޫންކަމާއި، އެ ކަންކަމާ ކުރިމަތިލާން ޖެހިއްޖެކަން އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އެންމެ ފުރަތަމަ ފައިސަލަށް ކުރެވުނީ ހީއެކެވެ. ދެން އިވުނީ އަޑެކެވެ. އެއަށް ފަހު ލޮލަށް ފެނިއްޖެއެވެ. ބައްދަލުވެއްޖެއެވެ. ދެން ވާނީ ކިހިނެއްބާއޭ ވެސް ފައިސަލް ހިތަށްއެރިއެވެ.

ހަތަރުދަމު ހޭލައި އޮވެފައި ހެނދުނު ފައިސަލްގެ ކޮޓަރި ކައިރިއަށް ދިޔައެވެ. ދެ ފިކުރެއްގައި ހުރެގެން ދޮރުހުޅުވައިލިއެވެ. އެނދުއޮތީ ހުހަށެވެ. އެކަމަކު "ޒިޔާން" އޮތްތަން ހުރީ ފާޑަކަށް ކިލާވެފައެވެ. ފުހެ، ފޮޅައިހެދުމުން ވެސް އެ ފަނޑު ލައްގަނޑެއް ނުފިލިއެވެ. އަނެއްކާ ވެސް ކަމެއް ދިމާވަންދެން ފައިސަލަށް ހުރެވިދާނެއެވެ. ފައިސަލަކީ ގޮތުގައި ހިފާއްޓަން ބޭނުންވެއްޖެ ނަމަ، މަރުވަންދެން ވެސް ހުންނަ ކަހަލަ މީހެކެވެ. އެހެނަސް ޒިޔާނަށް ދެރަ ގޮތެއް ވެއްޖެ ނަމަ ދެން ކުރާނީ ކީއްބާއޭ ހިތަށްއެރިއެވެ.

ސިރާޖާއި ފައިސަލް ތިބީ ސައިކަލު ހުއްޓާލައިގެން، އެ މީހެއްގެ ސައިކަލުގައި އެ މީހަކު އިށީނދެގެން ވާހަކަދައްކާށެވެ. ކުދިން ބަލައި މަދަރުސާ ދޮށަށް އައި ބެލެނިވެރިން ވެސް އިންތިޒާރުގައި ތިއްބެވެ.

"އަހަންނަކީ ރުގުޔާކުރާ މީހެއް ނޫން،" ސިރާޖު ބުންޏެވެ. "އެކަމަކު އެނގޭ އެއްޗެއް ބުނެފާނަން. ޖިންނިއަވަލަވާނެ އޮންނާނީ ތިން ގޮތެއް. ފުރަތަމަ ގޮތަކީ އެ ގޮލާއަށް ގޯނާއެއް ކުރެވުން. އެ ވަރިހަމަ ނޭނގި ވިޔަސް. ދެވަނަ ގޮތަކީ، އެ ގޮލާ ލޯބިވުން. މިސާލަކަށް އޭގެ ތެރެއިން ކުޑަ ގޮލަޔަކަށް ކަލޭގެ ދަރި ފެނިގެން ކުޅެން އަތުވެދާނެ. ރައްޓެއްސަކަށް ވެދާނެ. ނޫނީ ލޯބި ވެސް ވެދާނެ. ތިންވަނަ ގޮތަކީ، ސިހުރެއް ހަވާލުކޮށްގެން އެ ހިފައިގެން އައިސް އިންސާނާގެ ގައިތެރެއަށް ވަނުން. އިންސާނަކު އެ ސިހުރުހަދާނީ. އެއީ އެންމެ އާންމު ގޮތް. އެހެން ދިމާވީމަ، އެ އިންސާނާއަށް އެކަނި އެ ޖިންނި ފެންނާނީ. ތި ކޮޓަރީގައި ފައިސަލް ކައިރީގަ އެހެން އިންސާނަކު ހުރި ނަމަ، އޭނައަކަށް އެ ކުއްޖާއެއް ނުފެންނާނެ. ވިސްނިއްޖެއްތަ މި ބުނާ އެއްޗެއް؟ ފައިސަލަށް ތިހިރީ ސިހުރެއްގެ އަސަރުކޮށްފަ."

ބުނާނެ އެއްޗެއް ނޭނގިފައި ފައިސަލް އިނެވެ. އެއްވެސް ހެތްކެއް ނެތަސް، ފައިސަލް ތުހުމަތުކުރަނީ ސީމާއަށެވެ. ގެ ފަޅުކޮށްލާނެކަމަށް ބުނީ އޭނައެވެ. ސިހުރުވެރިޔަކާ ގުޅުންއޮތީ ވެސް އޭނައެވެ. ފައިސަލް ފެނުމުން ފިލަންއުޅުނީ ވެސް އޭނައެވެ. އެ ވަގުތު އެ މަގުން ރިންދާ ދިޔައެވެ. ސިރާޖު ލޮލުން ރިންދާ ދައްކައިލިއެވެ.

"ތީ އަނެއް ކަންތައް،" ފައިސަލް ބުންޏެވެ. "ރައްޓެހިވެގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން. ބޭނުމީ އިންނަން. އެކަނި އުޅުމަކީ ފަސޭހަކަމެއް ނޫން ދޯ! މި ބުނީ އަނެއްހެން އުނދަގޫވާ ވާހަކައެއް ނޫން. އަހަރެން ބިޒީކޮށް އެތައްމިތާ އުޅޭ އިރު ޒިޔާނަށް ކެއާކުރަން މަންމައެއް ހުންނަން އެބަ ޖެހޭ! ޒިޔާނަށް ކަމެއްވެދާނެތީ އަހަރެން ހާދަ ބިރުގަނެޔޭ!"

"ކަލެއަށް ރިންދާ ހަމަ ކަމުދޭތަ؟" ސިރާޖު އެހިއެވެ. "ޔަގީންތަ؟"

"އާނ! އޭނަ ކިހާ މަޖާ؟ ކިހާ ނައިސް؟" ފައިސަލް ބުންޏެވެ. "ޔަގީންހޭ ތި އަހާލި ގޮތުން ހީވަނީ އަހަންނަށް ނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް އުޅެނީހެން. ރަނގަޅަށްތަ މި ހީވީ؟"

"ކޮންމެ މީހަކާ ވެސް ރައްޓެހިވެގެން އުޅެންވީ. އެކަމަކު އިންނަންޏާ އެބަ ޖެހޭ ޝަރުތުތަކެއް ހަމަވާން ދޯ!" ސިރާޖު ބުންޏެވެ. "މިސާލަކަށް، ފުރަތަމަ ޝަރުތަކީ ލޯބިވުން. އިންނަ މީހާ ދެކެ ލޯބިވާން ޖެހޭނެ."

ސިރާޖު ބުނަން އެ އުޅޭ އެއްޗެއް ފައިސަލަކަށް ނުވިސްނުނެވެ. އެ ކަން ސިރާޖަށް އެނގުނީ ފައިސަލްގެ މޫނުމަތިންނެވެ.

"ބަލަމާ ހިނގާ އަހަރެންގެ އަންހެނުން ސަތޫ،" ސިރާޖު އިތުރަށް ތަފުސީލުކޮށްދިނެވެ. "ކަލޭ ކައިރީގަ ބުނަން ނުކެރޭ އެއްވެސް ވާހަކައެއް ނޯންނާނެ. ސަތޫ ދެކެ އަހަރެން ލޯބިވޭ! ވަރަށް ތެދަށް މި ބުނީ. އެކަމަކު އޭނަގެ ތަނަވަސްކަމަށް ވެސް އަހަރެން ބެލިން. ކުރިން އަހަރެން ރައްޓެހިވި ކުދިންނަށް ވުރެ ސަތޫ ތަފާތުވީ ވެސް އެހެންވެ. މި ޒަމާނުގަ، ދެމަފިރިންގެ ވެސް މާލޭގަ ގެދޮރު ހުންނަން އެބަ ޖެހޭ. ކުދިކުދި ތަންތަންކޮޅަށް ކުލިދައްކައިގެން ދެކޮޅެއް ނުޖެއްސޭނެ. މާލޭގަ ގެދޮރު ހުރުން އެއީ ދެވަނަ ޝަރުތު."

"ތިންވަނަ ޝަރުތަކީ؟" ފައިސަލް އެހިއެވެ.

"އިސްލާންދީނަށް ލޯބިކުރަންޖެހޭނެ!" ސިރާޖު ބުންޏެވެ.

"ބަލަ އެއީ ފުރަތަމަ ޝަރުތަކަށް ނޫންތަ ވާންޖެހޭނީ؟" ފައިސަލް އެހެން ބުނުމުން ސިރާޖު ވިސްނައިލިއެވެ. ފައިސަލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "މަށަށް ހީވަނީ ކަލޭ އަލުން ޝަރުތުތައް ތަރުތީބުކުރަންވީހެން. ތިއޮތީ މުޅިން އޮޅުންބޮޅުންވެފަ."

"އާނ! ތިހެން ބުނީމަ މަށަށް ވެސް އެބަހީވޭ ތިހެން." ސިރާޖު އެއްބަސްވިއެވެ.

ފައިސަލް ހީނގަތެވެ. އެ ވަގުތު ރަނގަބީލުޖެހި އަޑުއިވުނެވެ.

"މަގޭ ފުރަތަމަ ޝަރުތު ބުނަން؟ ޒިޔާންގެ ރުހުން ލިބުން،" ފައިސަލް ބުންޏެވެ. "އަދި އެބަ އޮތޭ އެހެން ސުވާލެއް. އާމިރާ ވަރިކޮށްފަތަ ރިންދާޔާ އިންނަންވީ؟"

އެ ވަގުތު ޒިޔާން ސްކޫލުން ނުކުތްތަން ފެނިގެން ފައިސަލް އަތްނެގިއެވެ. ޒިޔާނަށް ފައިސަލް ފެނިގެން އައެވެ. ސިރާޖު އެ ހިސާބުން ވަކިވީއެވެ.

"އޯކޭ މަ ކަނޑާލިއްޔޭ! އަދި ޖެހޭނެ މި ވާހަކަދައްކަން." ސިރާޖު ދަމުން ބުންޏެވެ.

ޒިޔާން އައިސް ފައިސަލްގެ ސައިކަލު ފަހަތަށް އެރިއެވެ. ސައިކަލު ދުއްވައިލިއެވެ. ފުރަތަމަ ދިޔައީ އައިސްކިރިމުބޯށެވެ. ދެން ދިޔައީ ބުރެއްޖަހައިލާށެވެ.

ރޭގަނޑުގެ ވަގުތެވެ. މަންސޫރު ކައިރީގައި ސިރާޖާއި ފައިސަލް ތިބި އިރު ހީވަނީ ބަސްއަހާ ދެ ދަރިވަރުން މުދައްރިސް ގާތުގައި ތިބިހެންނެވެ. މަންސޫރަކީ ރާގީއެކެވެ. ހުއްދަ ފަންޑިތަހަދާ މީހެކެވެ. ފައިސަލްގެ ވާހަކަތައް އަޑުއަހައިފައި މަންސޫރުގެ މޫނުމަތިން ފާޅުވީ ކަންބޮޑުވުމުގެ އަސަރެވެ.

"ތީ އެހާ ބޮޑުކަމެއް ނޫން. ހީކުރާހާ ކުޑަކަމެއް ވެސް ނޫން،" މަންސޫރު ބުންޏެވެ. "ޔަގީނުން ވެސް ތީ ސައިތާނީ އުނދަގުލެއް. އެކަމަކު ވެދާނެ އެސްފީނާ ހަސަދައަކަށް ވެސް. ޖިންނިއެއް އަވަލެވީކަމަށް ވެސް. ނޫނީ ސިހުރެއްކަމަށް ވެސް. އަލާމާތްތަކަށް ބަލާފަ މި ބުނަނީ. ހަމަ ހުރެފަ އަހަންނަކަށް ނުބުނެވޭނެ ތީ ތި ބުނާ ކުއްޖަކު ކުރާ ކަމެކޭ. އެހެން ހީކޮށްގެން ވެސް ނުވާނެ. ވަރަށް ގިނަ ފަހަރު އެބަހުރި ހީކުރާ ގޮތް ނުވެފަ."

"އެހެންވީމަ ދެން ކިހިނެއް ހަދަންޖެހޭނީ؟" ސިރާޖު އެހިއެވެ.

"ހަދަންޖެހޭނެ ގޮތަކީ، ޝައްކު ޔަގީނަށް ބަދަލުކުރުން،" މަންސޫރު ބުންޏެވެ. "ފައިސަލް ނޫނީ ދަރިފުޅު، ކޮންމެވެސް އެކަކަށް ކިޔަވަންޖެހޭނީ. ކިޔަވާ ވަގުތު އެ ފެންނަ އަލާމާތްތަކަށް ބަލާފަ ދެން ގޮތެއް ނިންމޭނީ. ދެން ކުރަންވީ ކީއްކަން އެނގޭނީ ވެސް އޭރުން. އެހެންވީމާ ނިންމާ ކިޔަވަންވީ ކާކަށްކަމާ، ކޮން ދުވަހަކުކަން. އަދި އެއް ވާހަކަ. ވަރަށް އަވަހަށް ވެސް ތި ކަން ހައްލުވެދާނެ. ވަރަށް ގިނަ ދުވަސް ވެސް ނަގާފާނެ. އެކަމަކު މީ ވަންވޭއެއް. ފެށުމަށް ފަހު، ތި ކަމުން މިންޖުނުވަނީސް، ހުއްޓާލައިގެން ނުވާނެ. ދާ ގޮތަށް ގޮސް ކޮޅެއްގަ ޖެހޭނެ ޖައްސަން. އެހެންނޫނީ އަހަރުމެން އެންމެންގެ ވަގުތު ވެސް ވާނީ ބޭކާރު. ދެން އެ މީހުން ކުރާ ގޯނާ ވެސް އިތުރުވާނެ. ޖެއްސުން ވެސް ބޮޑުވާނެ."

ގޭގެ ސޯފާގައި އޮށޯވެގެން، ހިޔާލަކަށް ގެއްލިފައި ފައިސަލް އޮތެވެ. އެއްކޮޅުން ކައިވެންޏެވެ. އަނެއްކޮޅުން ވަރިއެކެވެ. އަނެއްކޮޅުން ރުގުޔާކުރުމެވެ. އިސްކޮށްފައި ފަސްކުރާނެކަމެއް ފައިސަލަކަށް ނޭނގެއެވެ. ސިރާޖު ލައްކަ ހިޔާލުދީފިއެވެ. ދެން އޮތީ ފައިސަލް ގޮތެއް ނިންމުމެވެ. ދެއަންބަށް އިންނަން ރިންދާ އެއްބަސްވަންޏާ، އެ ގޮތް ވެސް ފައިސަލަށް ރަނގަޅެވެ. އާމިރާއަކީ ހުއްޓަސް ނެތް މީހެކެވެ. އޭނަގެ އެއްވެސް އުނދަގުލެއް ރިންދާއަކަށް ނުޖެހޭނެއެވެ. ޒިޔާން ބޮޑަށް ފިކުރުކުރަން ނުޖެހޭނީ ވެސް އެ ގޮތެވެ. އެހެނަސް، އާމިރާއަށް ސިއްރުން މީހަކާ އިންނާކަށް ފައިސަލް ބޭނުމެއް ނޫނެވެ. މަސްލަހަތަށް ޓަކައެވެ. ފުރަތަމަ ފައިސަލް އުޅުނީ އާމިރާއަށް މެސެޖެއް ލިޔާށެވެ. ލިޔުނު ވަރަކަށް މެސެޖު ދިގުވަމުންދިޔައެވެ. ކުރުކޮށް އެ ވާހަކަ ލިޔެވޭނެ ގޮތެއް ނެތެވެ. އެ ކަން ހުއްޓައިލައިފައި އާމިރާއަށް ފޯނުކުރިއެވެ. ފޯނު ރަނގަބީލުވާ އަޑު އިވެއެވެ.

"އަޅެ ޕްލީޒް! އެއްފަހަރު ފޯނުނަގާބަލަ!" ފައިސަލް މަޑުމަޑުން ބުންޏެވެ.

އާމިރާ ފޯނެއް ނުނެގިއެވެ. ޒިޔާން ނިކަން ބާރަށް ހީނގަތް އަޑުއިވުނެވެ. ފައިސަލް ފޯނުކަނޑައިލައިފައި ދުވެފައި ގޮސް ޒިޔާންގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ޒިޔާން އިނީ، ދެފައިވަށްކޮށްލައިގެން އެނދުގައި އިށީނދެގެންނެވެ. ފައިސަލް ވަންނަ އިރަށް ފައިސަލަށް ބަލައިލިއެވެ.

"ތީ ކާކު؟" އިނގެރޭސިން ޒިޔާން އެހިއެވެ.

ނުނިމޭ