29 ޖެނުއަރީ 2017 - 19:08

ހޮންޑާ މޯލްޑިވްސްގެ ރަސްމީ ވެބްސައިޓް މިއަދު ލޯންޗްކޮށް، ހޮންޑާ ސައިކަލުގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދޭނެ ގޮތް ހަމަޖައްސައިފި އެވެ.

މި ވެބްސައިޓް ލޯންޗްކޮށްފައި ވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފުލާގައި، ހޮންޑާ ބްރޭންޑްގެ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ، ޝީޝާގެ ވެރިންނާއި އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އާ ވެބްސައިޓް މެދުވެރިކޮށް ހޮންޑާ ސައިކަލާއި ސައިކަލުގެ އިންޖީނުގެ އެކި ވައްތަރުތަކާ ބެހޭ މައުލޫމާތުތަކާއި އަގުތައް ބަލައިލެވެ އެވެ. އަދި އެކި ވައްތަރުތަކުގެ ސައިކަލު އަޅާކިޔާ، އެ މީހަކަށް އެންމެ ކަމުދާ ސައިކަލަކީ ކޮބައިކަން ދެނެގަނެވެ އެވެ.
އާ ސައިކަލުގެ އިތުރުން، ކުރިން ބޭނުންކުރުމަށް ފަހު މަރާމާތުކޮށްފައި ހުންނަ ހޮންޑާގެ "އެކްސް ބައިކްސް"ތަކާ ބެހޭ މައުލޫމާތު ވެސް މި ވެބްސައިޓުން ފެންނަން ހުރެ އެވެ.
ޑެސްކްޓޮޕް އަދި ލެޕްޓޮޕާއި ފޯން އަދި ޓެބްލެޓް ފަދަ މޮބައިލް ޑިވައިސްތަކުން ފަސޭހައިން ބަލައިލެވޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ވެބްސައިޓްގެ އެންމެ ހާއްސަ ދެ ކަމަކީ ޝީޝާގެ އިންސްޓޯލްމަންޓް ސްކީމްގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް އޮންލައިންކޮށް ހުށަހެޅުމާއި ހޮންޑާގެ "އީޒީ ސާވިސް" ހިދުމަތަށް ބުކިން ހެއްދުމުގެ ފުރުސަތު ފަހިކޮށްދީފައިވުމެވެ. އެހެންކަމުން، ޝީޝާގެ ސާވިސް ސެންޓަރަށް ސައިކަލު ގެންދިޔުމުގެ ކުރިން، މިހާރު އެ މީހަކު ބޭނުން ދުވަހަކު ސައިކަލު ސާވިސްކުރުމަށް އޮންލައިންކޮށް ބުކިން ހެއްދޭނެ އެވެ.
ހޮންޑާ ސަައިކަލުތަކަކީ ރާއްޖޭގައި އެންމެ މަގުބޫލް ސައިކަލް ބްރޭންޑެވެ. ހޮންޑާގެ ތަފާތު ވައްތަރުތަކުގެ ސައިކަލު މާލެ، ހުޅުމާލެ އަދި އައްޑޫގައި ހުންނަ ހޮންޑާގެ ފިހާރަތަކުން ވިއްކާ އެވެ. އަދި ޝީޝާ އިން ހޮންޑާ ސައިކަލުގެ އެކި ޕްރޮމޯޝަންތައް ވެސް ހިންގަ އެވެ.