27 ޖޫން 2023 - 17:41

ޕާކިސްތާން 1-0 ން ބަލިކޮށް އެންމެ ފަހުގެ ރަނަރަފް ނޭޕާލުން، މިފަހަރު އެންމެ މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.
މެދުކެނޑުމަކަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ޕާކިސްތާން ކުޅުނު ތިން މެޗުން ބަލިވީ ލަނޑެއް ވެސް ނުޖެހި އެވެ. އެ ޓީމު ކޮޅަށް ނުވަ ލަނޑު ވަނެވެ.
ނޭޕާލަކީ އެންމެ ފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ވާދަކުރި ޓީމެކެވެ. އެޓީމު ފައިނަލުން ބަލިވީ އިންޑިއާއާ ވާދަކޮށް 3-0 އިންނެވެ. އެ މުބާރާތުގެ ލީގު ބުރުގައި ނޭޕާލުން ވަނީ ރާއްޖެ ވެސް ބަލިކޮށްފަ އެވެ.
މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ވެސް މި ދެ ޓީމު ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ނޭޕާޅް ފުރަތަމަ މެޗުގައި 3-1 އިން ކުވެއިތު އަތުން ބަލިވި އިރު ދެވަނަ މެޗުގައި އިންޑިއާ އަތްދަށުވީ 2-0 އިންނެވެ. ޕާކިސްތާނުން ކުވެއިތާއި އިންޑިއާ އަތުން ވެސް ބަލިވީ 4-0 އިންނެވެ.
ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރެފްރީކަން ކުރީ ރާއްޖޭގެ އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން އެވެ. އަދި ފަސްޓް އެސިސްޓޭންޓް ރެފްރީއަކީ އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީ، ރާއްޖޭގެ ހަސަން އަހުމަދެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު އިރު މެޗުގެ ވަރަށް ކުރީކޮޅު ނޭޕާލަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް ނޭޕާލް ކުޅުންތެރިޔާ އޭރިއާ ތެރެއަށް ވަނުމުގެ ކުރިން ޕާކިސްތާނުގެ ޑިފެންޑަރު ސައީދު ޝާހު ވަނީ ފައުލް ކޮށް ޕްރެޝަރު ފިލުވާލައިފަ އެވެ. ފައުލާ ގުޅިގެން ރެފްރީ ސިނާނު، ޕާކިސްތާނުގެ ކުޅުންތެރިޔާ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އޭރިއާ ރޮނގުމަތިން ލިބުނު ހިލޭޖެހުން ބިމާލް ގާތީ މަގަރު ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
އޭގެ ފަހުން މަނީޝް ޑަންގީ ފޮނުވާޅި ބޯޅައެއް ޑިފެންޑަރު އީސާ ސުލައިމާން ބްލޮކް ކުރިއިރު ބިމާލް ފޮނުވާލި ހަމަލާއެއް ކީޕަރު ޔޫސުފް ބަޓް ދިފާއު ކުރި އެވެ.
ފަހު ހާފުގައި މަނީޝް ޑަންގީ ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއު ކޮށްފައި ވަނިކޮށް ނޭޕާލުން ވަނީ ހިލޭޖެހުމަކުން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ދެވެންދުރަ ތަމަންގް ފޮނުވާޅި ހިލޭޖެހުން ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު އިރުކޮޅެއް ފަހުން ލިބުނު ހިލޭޖެހުމުން އާރިކް ބިސްތާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު އަރިމަތީ ދަނޑިއަށެވެ.
ނޭޕާލުން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އާޝިޝް ޗައުދަރީ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ނޭޕާލާއި ޕާކިސްތާޏް ހިމެނޭ ގުރޫޕް އޭ އިން ފުރަތަމަ ދެ މެޗު ކާމިޔާބު ކުރި އިންޑިއާ އާއި ކުވެއިތު ވަނީ ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ. ގުރޫޕްގެ އެއްވަނަ ޓީމެއް ޔަގީން ވާނީ އިންޑިއާ އާއި ކުވެއިތު މިރޭ ބައްދަލުކުރާ ގުރޫޕްގެ ފަހު މެޗަށް ފަހު އެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.