27 ޖޫން 2023 - 11:52

ވިއޭނާ (ޖޫން 26) - ކޮކެއިންގެ ޑިމާންޑާއި ސަޕްލައި އިތުރުވެ، މެޓައެމްފެޓަމިން އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އދ. ގެ އޮފީސް އޮން ޑްރަގްސް އިން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ އަހަރީ ޑްރަގް ރިޕޯޓުގައި ބުނެފި އެވެ.
ރިޕޯޓުގައި ވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ޑްރަގް ޓްރެފިކިންގެ ތެރެއިން ކޮކެއިންގެ ޑިމާންޑާއި ސަޕްލައި އިތުރުވެ، މެތައެމްފެޓަމިން ޓްރެފިކްކުރުމުގެ ބާޒާރުތައް ފުޅާވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން މެޓައެމްފެޓަމިން އެންމެ ފުޅާކޮށް އުފައްދާ ގައުމެއްގެ ގޮތުގައި އަފްގާނިސްތާން ހިމަނައިފައިވެ އެވެ.
ކޮކެއިން އުފައްދާ ނިސްބަތުގެ ޖުމްލަ އަދަދު 2021 ވަނަ އަހަރު ހުރީ ރެކޯޑް އަދަދެއްގަ އެވެ. އެ އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮކެއިން ބޭނުންކުރާ މީހުންގެ އަދަދު 22 މިލިއަނަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އެ އަދަދު އަދި އިތުރުވާނެ ކަމަށް ރިޕޯޓްގައި އަންދާޒާ ކޮށްފައިވެ އެވެ.
ކޮކެއިން އުފައްދާ މިންވަރަށްވުރެ ކޮކެއިން އަތުލައިގަންނަ މިންވަރު އިތުރުވެ، ޖުމްލަ ސަޕްލައި އިން ކޮންމެވެސް މިންވަރެއް މަދުކުރެވިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން 2000 ގެ އަހަރުގެ މެދުތެރޭގައި ކޮކެއިން ސަޕްލައި ކުރެވިފައިވާ މިންވަރުގެ އެންމެ މަތީ އަންދާޒާ، ފަހުގެ އަހަރުތަކުގައި ކޮކެއިން ސަޕްލައި ކުރެވިފައިވާ އަންދާޒާ އަށް ވުރެ ބޮޑެވެ.
ކޮކެއިންގެ ޑިމާންޑާއި ސަޕްލައިގެ ސާޖެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަޖުރިބާކުރަމުން ދާއިރު، އެކަމުގެ ސަބަބުން ކޮކެއިންގެ މާކެޓްތަކަށް އާ އުފެއްދުންތައް ނުކުތުމާއި، މާކެޓްތައް އިތުރަށް ފުޅާކުރުމަށް ބާރަކަށް ވާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ކޮކެއިންގެ މާކެޓް އަދިވެސް ކުރިއަރާފައި ވަނީ އެމެރިކާ އާއި ހުޅަނގު ޔޫރަޕާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގަ އެވެ. އެހެންނަމަވެސް ނިސްބަތުން ބަލާއިރު، ކުޑަކޮށް ފެށި ނަމަވެސް، އެފްރިކާ އަދި އޭޝިއާގެ ސަރަހައްދުތަކުގައި އެ މާކެޓަކީ އެންމެ ހަލުވިގޮތެއްގައި ތަރައްގީވަމުން އަންނަ މާކެޓެވެ.
މުޅި ދުނިޔެއިން މެތައެމްފެޓަމިންގެ 90 އިންސައްތަ އަތުލައިގަނެވޭ އެންމެ ބޮޑު ދެ ސަރަހައްދަކީ އިރުމަތީ އަދި އިރުދެކުނު އޭޝިއާ އަދި އުތުރު އެމެރިކާ އެވެ. އެކަމަކު، އެ ބާވަތް އަތުލައިގަނެވޭ މިންވަރު ބަޔާންކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެޓައެމްފެޓަމިން ޓްރެފިކް ކުރެވޭ މިންވަރު އެންމެ މަތީ ދަރަޖަތަކުގައި ހުރީ މެދުއިރުމައްޗާއި ހުޅަނގު އެފްރިކާ ފަދަ ސަރަހައްދުތަކުގަ އެވެ.
އަފްގާނިސްތާނުގައި އުފައްދާ މެޓައެމްފެޓަމިންއާ ގުޅޭ ރިޕޯޓްތަކުން ބުނާ ގޮތުގައި މަސްތުވާތަކެތީގެ ބާވަތްތައް މާކްޓެކުރެވޭ މިންވަރާއި މަސްތުވާތަކެތީގެ އިގްތިސާދަށް އަފްގާނިސްތާނުގައި ބަދަލުތަކެއް އަންނަމުންދެ އެވެ. އެގޮތުން، ހެރޮއިން އުފެއްދުމަށް ބޭނުންކުރާ އޮޕިއަމް ޕޮޕީގެ ދަނޑުތަކުގެ 80 ޕަސެންޓް ހުރީ އަފްގާނިސްތާނުގަ އެވެ.