25 ޖޫން 2023 - 21:45

ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގެ ގުރޫޕް ބީގައި މިރޭ ލެބަނަން އިން ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ގޯލުތަކާ އެކު 4-1 އިން ބޫޓާން ބަލިކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ދައުވަތު ގަބޫލު ކޮށްގެން، މިއަހަރުގެ މުބާރާތުގައި ކުޅޭ ސަރަހައްދުން ބޭރު ދެ ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ ލެބަނަން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ބޫޓާންގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ ރާއްޖެ އަތުން 2-0 އިން ބަލިވެފަ އެވެ.
މިރޭގެ މޮޅާ އެކު ލެބަނަން ގުރޫޕްގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ރާއްޖެ އާއި ބަންގްލަދޭޝް އަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ބަންގްލަދޭޝް ވަނީ މިއަދު ހަވީރު 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. ދެ މެޗުން ބަލިވެ، ބޫޓާން ވަނީ މުބާރާތުން ކަޓައިފަ އެވެ.
މި ގުރޫޕްގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ. އެދުވަހުގެ ހަވީރު ރާއްޖެ އާއި ލެބަނަން ބައްދަލު ކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއި ބަންގްލަދޭޝް އެވެ. ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރު ވުމުން، ޓައި ބްރޭކާ އަކަށް ބަލާނީ ފައިދާ ގޯލަށެވެ. ރާއްޖޭން ސެމީގެ ޖާގައެއް ހޯދަން، ލެބަނަން އާ ދެކޮޅަށް ކުޅޭ މެޗުގައި ބޮޑު ތަފާތަކުން މޮޅުވުން މަޖުބޫރެވެ.
ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލެބަނަން އިން ޖެހި ހަތަރު ގޯލު ވެސް ޖަހައިފައި ވަނީ ފުރަތަމަ ހާފުގަ އެވެ. އެޓީމުން ލީޑު ނެގީ މެޗުގެ 11 ވަނަ މިނިޓުގައި އަލީ މަރުކަބާވީ ކާމިޔާޞު ކުރި ގޯލުންނެވެ. ލީޑު ފުޅާ ކުރީ އޭގެ 12 މިނިޓު ފަހުން ބޫޓަންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި އަލީ އަލް ހައްޖު ޖަހައިދިން ގޯލުންނެވެ.
ލެބަނަންގެ ތިންވަނަ ގޯލު 35 ވަނަ މިނިޓުގައި ޖަހައިދިނީ ހަލީލް ބަދަރު އެވެ. އަދި ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދިނީ މަހުދީ ޒީން އެވެ. މި ހާފުގެ އިތުރު ވަގުތުގައި ބޫޓާނަށް ލިބުނު ހިލޭޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެޓީމުގެ ޑޯޖީ ބޮލުން ފޮނުވާލި ނަމަވެސް ލެބަނަންގެ ކީޕަރު އެންޓޮއިން އަލްދުއައިހީ ވަނީ ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.
ފުރަތަމަ ހާފުގައި ލެބަނަން އިން ގިނަ ގޯލުތަކެއް ޖެހި ނަމަވެސް ފަހު ހާފުގައި ބޫޓާނުން އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކުރި އެވެ. އެގޮތުން އެޓީމުގެ ސްޓާ ޕްލޭޔަރު ޗެންޗޯ ގިޔެލްޓްޝެން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އިރު ލެބަނަންގެ ކީޕަރު ވަނީ މޮޅު ޑަބަލް ސޭވް އެއް ވެސް ކޮށްފަ އެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން ލެބަނަންގެ ހުސެއިން ޒީން، ޗެންޗޯއަށް ފައުލް ކޮށްގެން ބޫޓާނަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ޗެންޗޯ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.
ބޫޓާނުން ސުން ކަނޑުވާލީ މެޗުގެ 79 ވަނަ މިނިޓުގަ އެވެ. ލެބަނަންގެ ޑިފެންޑަރު މެކްސިމް އައުން ކައިރިން އެއް ޓަޗުން ނައްޓާލާފައި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ބޫޓާނަށް މި ގޯލު ކާމިޔާބު ކޮށްދިނީ ޗެންޗޯ އެވެ. އޭގެ ފަހުން ބޫޓާންގެ ބަދަލު ކުޅުންތެރިޔާ ޕިޔުބް ތިންލޭ އިތުރު ގޯލެއް ޖަހަން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީި ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.