25 ޖޫން 2023 - 16:52

މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދަތުރުކުރި "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އެރުމުން މީހުން ސަލާމަތްކުރި ފަހުން ލޯންޗް ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ 30 މީހުންނާ އެކު މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރި އެ ލޯންޗު ބަންޑުންޖަހާލީ ރާޅެއް އަރައި އަޑިއަށް ދިއުމުގެ ސަބަބުން ކަމަށެވެ. ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ލޯންޗް ބަންޑުން ޖަހާނީ މީހުން ސަލާމަތްކުރި ފަހުން ކަމަށް ވާތީ، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ލޯންޗަށް ރާޅު އެރީ ނ. އަތޮޅުގައި އޮންނަ ރަންދެލި ރިސޯޓު ކައިރިނެވެ. އެ ރާޅު އެރުމާ އެކު ލޯންޗު ވަނީ ރަންދެލި ރިސޯޓަށް ވަދެފަ އެވެ. އަދި ލޯންޗު އެއްކޮށް އަޑިއަށް ގޮސް ބަންޑުން ޖަހާލީ އޭގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބި ފަހުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާއިރު މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް މޫސުން ގޯހެވެ. މިހާރު ވެސް ހއ. އަތޮޅުން ފެށިގެން ތ. އާ ހިސާބަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރާ ގޮތުގައި އެ ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.