30 ޖެނުއަރީ 2017 - 10:46

ބަންޖުލް (ޖެނުއަރީ 30) - ގެމްބިއާގެ ނަމުގައި ހިމެނޭ "އިސްލާމިކް" މި ބަސް ކަނޑާލާ، މީޑިއާގެ މިނިވަންކަން ދެއްވާނެ ކަމަށް އާ ރައީސް އަދަމާ ބާރޯ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔަހުޔާ ޖަމޭ ވެރިކަން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން އަވަށްޓެރި ސެނެގާލްގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ގައުމަށް ވަޑައިގެންނެވި ބާރޯ ދެއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ގައުމުގެ ނަމުގައި ހިމެނޭ "އިސްލާމިކް" ދެން ނުހިމެނޭނެ ކަމަށެވެ. ގެމްބިއާގެ ނަމަށް އިސްލާމިކް އިތުރުކޮށްފައި ވަނީ ކުރީގެ ރައީސް ޔަހުޔާ، 2015 ވަނަ އަހަރު އެވެ.
ބާރޯ ވިދާޅުވީ އާބާދީގެ 90 ޕަސެންޓަކީ މުސްލިމުން ނަމަވެސް "އިސްލާމިކް ރިޕަބްލިކް"" ގެ ބަދަލުގައި ނަމުގައި ދެން ހިމެނޭނީ "ރިޕަބްލިކް" އެކަނި ކަމަށެވެ.
އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ވެރިކަން ދޫކުރައްވަން ދެކޮޅު ހެއްދެވި ޔަހުޔާ އެންމެ ފަހު ވަގުތު މަގާމު ދޫކޮށްލައްވާ ގައުމުން ބޭރަށް ވަޑައިގެންނެވީ ހުޅަނގު އެފްރިކާގެ ގައުމުތައް ހިމެނޭ ލަޝްކަރަކުން އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ. ކުރީގެ ރައީސް ޔަހުޔާ 1994 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ އަސްކަރީ ބަޣާވާތެއްގަ އެވެ. އޭރު އޭނާ އަކީ 29 އަހަރުގެ ލެފްޓިނެންޓެކެވެ. ރައީސް ޔަހުޔާ ވަޑައިގެންނެވި އިރު ގައުމުގެ ޚަޒާނާ އިން 11 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.