25 ޖޫން 2023 - 16:56

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖޭން ކުޅުނު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބަންގްލަދޭޝް އިން ފަހަތުން އަރައި 3-1 އިން މޮޅުވެ، ރާއްޖެ މާޔޫސް ކޮށްލައިފި އެވެ.
ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖޭން ނޭޕާލާ ވާދަކޮށް 2-0 އިން މޮޅުވި ނަމަވެސް ބަންގްލަދޭޝް ވަނީ 2-0 އިން ލެބަނަން އަތުން ބަލިވެފަ އެވެ.
މިއީ ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕްގައި 20 އަހަރު ފަހުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ އެ ގައުމުގައި 2003 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެންނެވެ.
ރާއްޖެ އަތުން މިއަދު ހޯދި މޮޅާ އެކު ބަންގްލަދޭޝް އިން މިވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ އުންމީދު ބޮޑު ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭން ނުކުންނާނީ ލެބަނަން އާ ދެކޮޅަށެވެ. ރާއްޖޭން ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ލެބަނަން އަތުން މޮޅުވުން މަޖުބޫރެވެ.
ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ކުރީކޮޅު ބަންގްލަދޭޝްގެ ސޮހޭލް ރާނާ ބޮލުން ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން 17 ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް އޭރިއާ ބޭރުގައި ހުރެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ރާއްޖެއަށް ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ރާއްޖޭގެ ގޯލަށް ފަހު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ފުރުސަތުތަކެއް ހޯދީ ބަންގްލަދޭޝް އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 42 ވަނަ މިނިޓުގައި އެޓީމަށް ނަތީޖާ އެއްވަރު ކޮށްދިނީ ރާކިބް ހުސެއިން އެވެ.
ދެވަނަ ހާފުގެ 67 ވަނަ މިނިޓުގައި ބަންގްލަދޭޝް އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޑިފެންޑަރު ތާރިގް ކާޒީ އެވެ. އަދި 90 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޝޭހް މޮރްސަލީން އެވެ.