ޔާމީންގެ ނަން އޮންނާނެ، ކެމްޕޭން ދާނީ އިންތިޒާމުވެ ރަނގަޅަށް:  ކެމްޕެއިން މެނޭޖަރު
ޔާމީންގެ ނަން އޮންނާނެ، ކެމްޕޭން ދާނީ އިންތިޒާމުވެ ރަނގަޅަށް: ކެމްޕެއިން މެނޭޖަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮވެ ވާދަކުރައްވައި އިންތިހާބު ކާމިޔާބުވެސް ކުރައްވާނެ ކަމަށާއި އޭގެ ކުރިން އެމަނިކުފާނުގެ ކެމްޕޭން ވެސް ރަނގަޅަށް އިންތިޒާމުވެ ހިނގާނެ ކަމަށް ކެމްޕެއިން މެނޭޖަރު މުހައްމަދު އަމީން (ކެޕްޓަން އަމީން) މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ކެމްޕެއިން ޓީމުގެ ފަރާތުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ އޭނާ އާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިސްވެ ހުންނަވައިގެން ހިންގަވާ ކެމްޕެއިންގެ ހުރިހާ ކަމެއް ކުރިޔަށް ގެންދަވާނީ ވަރަށް ރަނގަޅަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެމްޕޭންގެ ހަރަކާތްތައް ހިންގާއިރު، ލިބިވަޑައިގަންނަވާފައިވާ ފައިސާ ހަރަދު ކުރާނީ ވެސް އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ބަޖެޓު އެލޮކޭޓު ކުރުމާއި ހަރަދު ކުރުމުގެ ކަންކަން ހިނގާނީ އުސޫލާ އެއްގޮތަށް އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގަވައިދަށް ފެތޭ ގޮތަށް ކަމަށާއި މިހާރު ވެސް އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފައިސާ އަށް ވާނުވާ ނޭނގި ނޫނީއްޔާ ހަރަދު ނުކުރެވި ދާނެ ކަމަކަށް ނުދެކެން. ލިބުނު އެންމެ ރަނގަޅު މިންވަރެއްގައި ކެމްޕެއިން ކުރިޔަށް ދާނީ ފައިސާ ވެސް ހަރަދު ކޮށްގެން،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އިންތިހާބުގައި ވާދަ ކުރުމަށް ޔާމީނަށް މިހާރު ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް އެމަނިކުފާނުގެ ނަން ކެނޑިޑޭޓުންގެ ތެރޭގައި އޮންނާނެ ކަމަށެވެ. އަދި އާ ރައީސްގެ ގޮތުގައި ޔާމީން ހުވާ ވެސް ކުރައްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

މީގެ ކުރިން ވަރަށް ބޮޑަށް ޕީޕީއެމް އާއި ޔާމީންގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދެވި ކުރީގެ އެމްޑީޕީ މެންބަރުން އަދި މިހާރު ޑިމޮކްރެޓްސް ޕާޓީ އުފައްދަވަން މަސައްކަތް ކުރައްވާ މެންބަރުންނާ ޕީޕީއެމް ގުޅިގެން މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި އެ ނިންމުމުގެ ސަބަބުން ޔާމީންގެ ކެމްޕެއިނަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ އެވެ.

ގިނަ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރާނަމަ ތާއީދު ބޮޑުވަމުން ދާނެ ކަމަށާއި ޕީޕީއެމް އިން ރިޔާސީ ޓިކެޓު އަރުވާފައިވާ ޔާމީނަށް ކާމިޔާބީ ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.