25 ޖޫން 2023 - 14:52

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ބަންގްލަދޭޝް އާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ފުރަތަމަ 11 އަށް ދެ ބަދަލު ގެނެސް، މުޅިން މާޒިޔާ ސްޕޯޓްސްގެ ކުޅުންތެރިން ހިމަނައިފި އެވެ.
މިއީ ފަހުގެ ތާރީހެއްގައި ވާދަވެރި މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓިމުގެ ފުރަތަމަ 11 ގައި އެއް ކުލަބެއްގެ ކުޅުންތެރިން ސްޓާޓް ކުރާ ފުރަތަމަ ފަހަރެވެ. މި އަހަރު ލ. ގަމުގައި ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ސްޓާޓް ކުރީ ވެސް މާޒިޔާގެ ކުޅުންތެރިން ހިމަނައިގެންނެވެ.
މީގެ ކުރިން 1987 ވަނަ އަހަރު އިންޑިއާގެ ކަލްކަތާގައި އޮތް ސާފް ގޭމްސް އަށް ދިޔަ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިންނެވެ.
ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ފެށި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) މިއަދުގެ މެޗުގައި ފަށާނީ ބެންޗުންނެވެ. ދެ ކުޅުންތެރިންގެ ބަދަލުގައި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ފުރަތަމަ 11 ގައި ހިމަނައިފައި ވަނީ އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު) އެވެ.
މުބާރާތަށް ހޮވި ގައުމީ ސްކޮޑުގައި މާޒިޔާގެ 14 ކުޅުންތެރިން ހިމެނުނެވެ. ނަމަވެސް މުބާރާތް ފެށުމުގެ ކުރިން ކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވުމާ ގުޅިގެން މިހާރު ސްކޮޑުގައި ތިބީ މާޒިޔާގެ 13 ކުޅުންތެރިންނެވެ.
ހުސެއިން ޝަރީފް (ގޯލްކީޕަރު)، ސަމޫހު އަލީ (ކެޕްޓަން)، އަހުމަދު ނޫމާން، ހުސެއިން ސިފާއު ޔޫސުފް، މުހައްމަދު އިރުފާން، އަލީ ފާސިރު، އިބްރާހިމް އައިސަމް، ނާއިޒް ހަސަން، ހަމްޒާ މުހައްމަދު، ހައިޝަމް ހަސަން، ހުސެއިން ނިހާން