25 ޖޫން 2023 - 12:07

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ސްކޫލު ކުދިންގެ ލަވަ މުބާރާތުން އެއްވަނަ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު އާއިޝަތު ޖޫނީ ޖިނާހް ހޯދައިފި އެވެ.
ސްކޫލު ކުދިންގެ ލަވަ މުބާރާތަކީ މާލޭގެ ސްކޫލުތަކާއި އަތޮޅުތަކޮޅުގެ ސްކޫލުތައް ހިމެނޭ ގޮތަށް ގިނަ ދަރިވަރުންތަކެއް ބައިވެރިވަމުން އައި ފޯރިގަދަ މުބާރާތެކެވެ.
މިފަހަރުގެ މުބާރާތުގައި 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރުން ބައިވެރިވިއިރު އެ މުބާރާތް ކުރިއަށް ގެންދިޔައީ ހަ އުމުރުފުރައަކަށް ބަހާލައިގެންނެވެ.
އޮލިމްޕަހުގައި ރޭ ބޭއްވި ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި މުބާރާތުން އެއްވަނަ ހޯދި ޖޫނީއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާއި އިނާމާއި ޕީއެސްއެމްދޭ ފައިސާގެ އިނާމާއި ޓްރޮޕީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީންދޭ އިނާމު ހަވާލުކޮށްފަ އެވެ. އެ އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މުބާރާތުން ދެވަނަ ލިބުނީ ޖަމާލުއްދީން ސްކޫލުގެ އާއިޝަތު ޒަޔާ ޝަހީމަށެވެ. އަދި ތިން ވަނަ ހޯދީ ކަލާފާނު ސްކޫލުގެ މަރިޔަމް ހަލީސާ އަހުމަދެވެ.
ސްކޫލުތަކުގެ މެދުގައި ވާދަވެރިކަމާ އެކު ކުރިއަށްދިޔަ އެ މުބާރާތުގައި އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އަދި ދެވަނައަށް އެންމެ މޮޅު ސްކޫލަކީ ތިނަދޫ ސްކޫލެވެ. އަދި ތިން ވަނަ ލިބުނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށެވެ.
އޭގެ އިތުރުން ވެސް އެކި އުމުރުފުރާތަކުން ވަނަތައް ހޯދި ދަރިވަރުންނަށް ވަނީ އިނާމާއި ޓްރޮފީ ހަވާލުކޮށްފަ އެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމުކުރީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ސްޕްޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ އިތުރުން ނޭޝަނަލް ސެންޓަ ފޯ ދަ އާޓްސް އަދި ޕީއެސްއެމް ގުޅިގެންނެވެ.
ސްކޫލު ކުދިންގެ މެދުގައި ލަވަކިޔުމުގެ ހުނަރު އާލާކޮށް ލަވަކިޔުމުގެ ދާއިރާއަށް ކުދިން އުފެއްދުމުގެ މަގްސަދުގައި މި މުބާރާތް ފެށީ 1988 ގަ އެވެ. އެކަމަކު 2015 ގައި މުބާރާތް ބޭއްވި ގޮތަށް އެ މުބާރާތް މެދުކަނޑާލީ އެވެ.