25 ޖޫން 2023 - 10:27

ބުދަ ދުވަހާ ގުޅޭ
"އެއްވެސް ވަރަކަށް އަހަރެން ދެކެ ލޯބިވޭތަ؟" ރިންދާ ބުންޏެވެ.
އެ ސުވާލަށް ޖަވާބުދޭން ފައިސަލަކަށް ފަސޭހައެއް ނުވިއެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ރިންދާ ހީނގަތެވެ.
"އެންމެ ރަނގަޅު،" ރިންދާ ބުންޏެވެ. "ޑޫ ޔޫ ލައިކް މީ؟"
އެ ވަގުތު ސީމާ ވެސް ޒިޔާނަށް މުހިންމު ސުވާލެއް ކުރިމަތިކުރިއެވެ.
"ޒިޔާނަށް އެންމެ މިސްވަނީ ކޯޗެއް؟" ސީމާ އެހިއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ޒިޔާން އިންދައި، ރިންދާ ކޮތަޅު ދިއްކޮށްލުމުން ޒިޔާން އެ ކޮތަޅު ހުޅުވައިލިއެވެ. އޭގައި އޮތީ ކުޑަކުޑަ ދެ ކޭކެވެ. ގޭގައި ސީމާ އުޅުނު އިރު އެ ފަދަ ކޭކު ސީމާ ލައްވައި ހައްދައިގެން ޒިޔާން ކައެވެ.
"މައި ފޭވަރިޓް!" އުފާވެފައި ޒިޔާން ބުންޏެވެ. "ޑެޑީއަށް ވެސް ކަޕްކޭކް ވަރަށް މީރުވާނެ. ޑެޑީ އައިމަ ކާނީ."
"މިހާރު އެއް ކޭކު ކާލިޔަސް އޯކޭވާނެ. މީރުތޯ ވެސް ބަލަންޖެހޭނެއްނު،" ސީމާ ބުންޏެވެ. "ދައްތައޭ ތި ކޭކު ހެދީ. ރަހަ ތަފާތު ވެސް ވެދާނެ."
"ޒިޔާން އާދެ ކާން،" ހަޝްމާ ގޮވައިލި އަޑުއިވުނެވެ. "ފަހުން ޑެޒަޓް ކާނީ."
ސީމާގެ ހިތަށް ހީވީ ބިންހެލުމެއްއައިހެންނެވެ. ފުރަތަމަ ކަމަކީ، ސީމާ ދެއްކި ވާހަކަ ހަޝްމާ އަޑުއެހިކަން އެނގުމެވެ. ދެވަނަ ކަމަކީ، ސީމާއަށް ވުރެ ބޮޑަށް ޒިޔާނަށް ހަޝްމާ ބާރުފޯރުވަން އުޅޭހެން ހީވުމެވެ. ސީމާ ހިތަށްއެރިއެވެ. ހަޝްމާއަކީ އިހަށްދުވަހަކު އައި މީހެކެވެ. ސީމާއަކީ، މުސްތަގުބަލުގައި ޒިޔާންގެ ދޮންމަންމައެވެ.
"ޒިޔާން މިހާރު ކޭކުކާން ބޭނުމިއްޔާ، ހަމަ މިހާރު ކާނީ." އަމުރުވެރި ރާގަކަށް ސީމާ ބުންޏެވެ.
"ޔޭސް!" ފައިސަލް ބުންޏެވެ. "ލައިކުނުވާ މީހަކާ އެއްކޮށް އަހަރެން ކޮފީއަކަށް ނާންނާނެ. އެކަމަކު.."
"ތި ވަރު ފުދެޔޭ!" ހިނިތުންވެފައި ރިންދާ ބުންޏެވެ. "ފުދިފަ ބާކީ ވެސް ވެއްޖެ!"
ފައިސަލް ގެއަށް ވަން އިރު ޒިޔާން އިނީ ޓީވީބަލާށެވެ. ކައިރީގައި ހަޝްމާ އިނެވެ. އިރުކޮޅެއްވަންދެން ފައިސަލް ވެސް ޒިޔާން ކައިރީގައި ޓީވީބަލަން އިނެވެ. ޓީވީން ދެއްކީ ޒިޔާން އުމުރުގެ ކުދިން ބަލާ ކަހަލަ ފިލްމެކެވެ. އެހެންނަމަވެސް އިރުކޮޅަކުން ޒިޔާން އާފުރެން ފެށިއެވެ.
"ނިދަންވީނު ދަރިފުޅާ!" ފައިސަލް ބުންޏެވެ.
"ދަތްއުނގުޅާ ހުރިހާ ކަމެއް ކޮށްގެނޭ އެ އިނީ ދޯ ޒިޔާން،" ހަޝްމާ ބުންޏެވެ. "ކޮޓަރި ވެސް ރެޑީކޮށްފަ ހުންނާނީ."
"ގުޑްނައިޓް ޑެޑީ!" ޒިޔާން ތެދުވެގެން ދަމުން ބުންޏެވެ.
ޒިޔާން ދިޔުމުން ވެސް ޓީވީގެ ޗެނަލް ބަދަލުނުކުރާތީ، ފެންނަމުންދިޔައީ ޒިޔާން ބެލި ފިލްމެވެ. ޓީވީއަށް ބަލަހައްޓައިގެން ތިއްބަސް، ފައިސަލާއި ހަޝްމާގެ ސިކުނޑީގައި އެނބުރުނީ ދެ ކަމެކެވެ. ފައިސަލް ވިސްނީ ރިންދާޔާ ދޭތެރޭގައެވެ. ލޯބިވާ ވާހަކަ ނުބުންޏަސް ލޯބިވާކަމުގައި، ގޮތަކަށް ފައިސަލަށް ބުނެވިއްޖެއެވެ. ރިންދާ އެހެނެއް ނުބުނެއެވެ. އޭގެ މާނައަކީ ކޮބައިބާއޭ ފައިސަލް ހިތަށްއެރިއެވެ.
"އަހަރެން ބޭނުން ވާހަކައެއް ބުނަން،" ނީނދެވިގެން ހަޝްމާ ބުންޏެވެ. "ވެދާނެ އަހަންނާ ނުބެހޭ ކަމަކަށް ވެސް. އެކަމަކު، ޒިޔާން ބަލަން ގެނެއްސަހުރި މީހެއްގެ ހައިސިއްޔަތުން ބުނަންޖެހޭ އެއްޗެއް ބުނަންޖެހޭނެ."
"އާނ! ބުނަންޖެހޭނެ!" ފައިސަލް ބުންޏެވެ. "ކިހިނެއްވީ؟ އޭނަ ނޯޓީކަމެއް ކުރީތަ؟"
"ނޫންނޫން!" ހަޝްމާ ވަގުތުން ބުންޏެވެ. "ޒިޔާންއަކީ ވަރަށް ބަސްއަހާ، ވަރަށް ވަރަށް ނައިސް ބޯއީއެއް. އެކަމަކު ޒިޔާނާ މީޓުކުރަން މިރޭ އައި ކުއްޖާ، ކީކޭތަ ކިޔަނީ؟ ސީމާ! އަހަންނަށް އެނގޭ ކުރިން މި ގޭގަ އެތައް ޒަމާނެއްވަންދެން އޭނަ އުޅުނުކަން. ޒިޔާން ބެލީ ވެސް އޭނަކަން. ޒިޔާން އެ ހުރިހާ އެއްޗެއް ކިޔައިދީފި. އެކަމަކު، ދެން ނޭނގެ، އަހަންނަށް ހީވަނީ ކޮންމެވެސް މައްސަލައެއް އުޅޭހެން. ކީއްވެ އޭނަ މި ގެއިން ދިޔައީ؟"
އެ ކަހަލަ ވާހަކަ، ކޮންމެކޮންމެ މީހެއް ގާތުގަ ދައްކާކަށް ފައިސަލް ބޭނުމެއް ނޫނެވެ. ވީ ކަމެއް ވެ ނިމިއްޖެއެވެ. އިތުރަށް ސީމާ ފަލީހަތްކުރުމުގެ ބޭނުމެއް ނެތެވެ.
"މީހަކާ އިންނަންވެގެން،" ފައިސަލް ދޮގެއްހެދިއެވެ. "އަސްލު ކިހިނެއްވީ؟"
"ދެން ނޭނގެ!" ހަޝްމާ އުޅުނީ އެ ވާހަކަ ބުނަން އުނދަގޫވެގެންނެވެ. "އަހަންނާ ދިމާއަށް އޭނަ ބަލައިލި ގޮތާ، ޒިޔާނާ ކުރި ސުވާލުތަކާ، އަހަންނާ ވާހަކަދެއްކި ގޮތް ހަމަ ކަމުނުދިޔައީ. ކާއެއްޗެއް ވެސް ގެނައި. ސޮރީ މިހެން ހެދުނީތީ އެކަމަކު އަހަރެން ޒިޔާން އެ ކެޔަކަ ނުދެން. ފަހުންނޭ ކާނީ، ޓީވީބަލަން އަންނާށޭ ކިޔައިގެން އޭގެ މަތިން ޒިޔާން ހަނދާންނައްތުވައިލީ! ސީމާ ހާދަ ވަރަކަށް އުޅުނޭ އޭނަ ހުރެގެން ޒިޔާނަށް އެ ކާންދޭން. ކޮބާ އޭގެ ބޭނުމަކީ؟ އަހަރެން ވެސް މީހުންނަށް އެއްޗެހި ދެން. އެކަމަކު ހަމަ އެ ވަގުތު އެ ކާންދޭކަށް ނޫޅެން. ވެދާނެ އަހަރެންގެ މުސްކުޅި ހިޔާލު ހުންނަނީކަމަށް ވެސް އެކަމަކު އަހަންނަށް ހީވީ... ދެން ނޭނގެ. ވަރަށް އެހެން ކަހަލަ އެއްޗެއް އަހަރެން ހިތަށްއެރީ."
ހަޝްމާ ނުބުނަން އެ އުޅެނީ ކީކޭކަން ފައިސަލް ވިސްނުނެވެ. ޝައްކުގެ އިތުރު ބޮޅެއް ވާފަށަށް މަހައިލިއެވެ.
"ތި ހެދީ ރަނގަޅަށް،" ފައިސަލް ބުންޏެވެ. "މިހާރު ވަރަށް ރޯގާތައް ވެސް އެބަ އުޅޭ! ދެން ވެސް ތިހެން ހަދާ! ވައްޓާލާ ޑަސްބިނަށް. އެކަމަކު ޒިޔާނަށް ނުފެންނަ ގޮތަށް. ފަހުން ޒިޔާން ސުވާލުކޮށްފިއްޔާ ހަޝްމާ ވެސް އުޅޭ އެ ގެއްލިގެން. އަހަރެން ވެސް އުޅޭނަން ގެއްލިގެން."
ސަބަބު ނުބުނެ ފައިސަލް މައްސަލަ ހައްލުކުރިއެވެ. ފައިސަލް ހީކުރީ އެ ވަރުން ފުދޭނެކަމަށެވެ. ނިދަން އޮށޯވެ އޮވެގެން އާމިރާޔާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި ވިސްނާނެ އެހެން ކަމެއް ވެސް ފައިސަލަށް ލިބުނެވެ. އެއީ ރިންދާއެވެ.
"އަހަރެންގެ ހުރިހާ ޗެޕްޓަރެއް ކިޔައި ނިމުނު އިރު ވެސް ރިންދާގެ ފޮތް އޮތީ ލައްޕާ، ޓޭޕްއަޅާ، ފޮށްޓަކަށްލާ، މޮހޮރު ވެސް ޖަހާފަ،" ފޯނުން ވާހަކަދައްކަމުން ފައިސަލް ބުންޏެވެ. "އަހަރެން ބޭނުން ތި ފޮތް ހުޅުވަން. ދަސްކުރަން."
"މަ މީ ޓެކްސްޓް ފޮތެއްތަ؟" ހީނގެންފައި ރިންދާ ބުންޏެވެ. "އަހަންނާ ބެހޭ ގޮތުން ދަސްކުރާނެ މާ ގިނަ އެއްޗެއް ނޯންނާނެ. އަހަރެންގެ ނުހުންނާނެ ބިޓެއް ވެސް. މާލޭގަ ގެއެއް، އެކައްޗެއް ވެސް ނުހުންނާނެ. ދައްތައެއް ކައިރީގަ މި އުޅެނީ. ދައްތަ ވެސް ތަނެއް ރެންޓަށް ނަގައިގެން އުޅެނީ. މަންމަ އުޅެނީ ރަށުގަ. ބައްޕަ އެހެން މީހަކާ މެރީކޮށްގެން މިހާރު ނޭނގެ ވީ ހިސާބެއް ވެސް. ދޭތެރެއަކުން ގުޅާލާނެ. ދަމަކުން ބަޑިއެއްޖަހާހެން."
"ދެން ކީއް ތި ކުރަނީ؟" ފައިސަލް އެހިއެވެ. "ހަމަ ގޭގަ ހުންނަނީ؟"
"ނޫން! އޭރުން އަނގަޔާ އަތާ ދިމާކުރާނީ ކިހިނެއް؟" ރިންދާ ބުންޏެވެ. "އެންމެން ތިހާ ރިޗެއް ނުވާނެއްނު! ތިހާ ލަކީއެއް ވެސް ނުވާނެ."
"ކިހާ ލަކީ؟" ތަނަވަސްކަމާ މެދު ފަހުރުވެރިނުވާ ކަހަލަ ރާގެއްގައި ފައިސަލް ބުންޏެވެ. "އެކަނިމާ އެކަނި މި އުޅެނީ. ބާރަ އަހަރުގެ ދަރިފުޅު އަބަދު އެ ދައްކަނީ އޭނަގެ މަންމަގެ ވާހަކަ. މަންމަ ބޭނުމެއް ނޫން މާލެޔާ ވީ ފަރާތަށް ބޯ ވެސް ލާކަށް. މިހާރު ކިހާ ދުވަހެއް؟ ދަރި މިހާރު އެހެރީ ޑިޕްރެޝަންއަށް ދާ ހިސާބުގަ. ބުނީމެއްނު، ކުރީ ދުވަހު ސްކޫލްގަ ހުއްޓާ އޭނަ ވެއްޓިގެންނޭ އަހަރެން ކުއްލިއަކަށް ދާންޖެހުނީ. އަދި ހަނދާންނެތިފައޭ މިހިރީ. ކިހާ ވަރެއްތަ ބިލަށް އެރީ؟"
"ދެން ކޮންމެހެން ސިކްސްޓީ ރުފިޔާ އަހަންނަށް ޓްރާންސްފާ ކުރާނެކަމެއް ނެތް،" ސަމާސައިގެ ރާގެއްގައި ރިންދާ ބުންޏެވެ. "ކިހިނެއް މިހާރު ޒިޔާން؟"
ފައިސަލް ބޭނުންވަނީ ރިންދާ ފަދައިން އާމިރާ ވެސް ޒިޔާނާ ދޭތެރޭ ވިސްނާށެވެ. ހާލުބަލާށެވެ. ދެން ހިތަށްއެރިއެވެ. އެއީ ހަމަ ރިންދާގެ މިޒާޖު ހެއްޔެވެ؟ އާމިރާޔާ ވެސް ރައްޓެހިވެގެންއުޅުނު އިރު ފެނުނީ އެހެން ސިފައެކެވެ. ފަހުން އެހެން ސިފައެކެވެ. އެ ތަޖުރިބާގެ ބޭނުން ފައިސަލް ހިފަންޖެހޭނެއެވެ. ދެ ފަހަރަށް އެއް ހަރަކުން ކަށިޖެހިޔަދީގެން ނުވާނެއެވެ.
"އަނެއްހެން އޯކޭ! އެކަމަކު މުޅީން އޯކޭއެއް ނުވާނެދޯ؟" އެހެން ބުނެފައި ފައިސަލް މައުލޫ ބަދަލުކޮށްލިއެވެ. "ކީއްވެ ރިންދާ ސިންގަލްކޮށް ތި ހުންނަނީ؟ ރީތި ބިޓެއް ނުފެންނަނީ؟"
"ފިރިހެނަކު ހަމަ އެކަނި ރީތިވިޔަކަސް އަހަންނަކަށް ކަމަކުނުދާނެ،" ރިންދާ ދިނީ ވަރުގަދަ ޖަވާބެކެވެ. "ހަމަ އެކަނި މުއްސަނދިވެގެން ވެސް ކަމަކުނުދާނެ. އަހަރެންގެ ހުންނާނެ ޝަރުތުތަކެއް."
"މިސާލަކަށް؟" ފައިސަލް ސުވާލުކުރިއެވެ.
"މިރޭގެ ލެސަން މިހާ ހިސާބުން ނިމުނީ." ހީނގެންފައި ރިންދާ ބުންޏެވެ.
ފޯނުކޯލު ނިންމައިލައިފައި ފައިސަލް ނިދި އިރު އެކެއް ޖަހައި ބޮޑުވެއްޖެއެވެ. ފައިސަލަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ގަޑި ބަލައިލި އިރު ދަންވަރު ދޭއްޖަހައި އިރުކޮޅެއް ވެއްޖެއެވެ. ފައިސަލް ހިތަށްއެރިއެވެ. ޒިޔާން ޓަތްކެއް ނުޖަހާނެއެވެ. ދޮރު ހުޅުވައިފައި ވަންނާނީއެވެ. ސީމާއަށް ވީ ގޮތް ހަޝްމާއަށް ވެސް ވީބާއެވެ؟ ނޫނެކެވެ. ހިތާހިތުން ފައިސަލަށް ބުނެވުނެވެ. އެހެނެއް ނުވާނެއެވެ. ފައިސަލް ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ޒިޔާންއެވެ. އިސްޖަހައިލައިގެންނެވެ. ފައިސަލަކަށް ނުވެސް ބަލައެވެ.
"ދަރިފުޅަށް އެނގޭނެ ދޮރު ލޮކްނުކުރާކަން،" ފައިސަލް ބުންޏެވެ. "ކީއްވެ މި ފަހަރު ތި ޓަކިޖެހީ؟"
ޒިޔާން އެއްޗެއް ނުބުނެއެވެ. ހުރި ގޮތަށް ހުރީއެވެ. ފައިސަލް ހީކުރީ ހުވަފެނުން މަންމަ ފެނުނީ ކަމަށެވެ.
"ވަދެބަލަ އެތެރެއަށް،" ފައިސަލް ހުއްދަދިނެވެ. "ނޫނީ ޒިޔާންގެ ކޮޓަރިއަށް ބައްޕަ ދާން.."
ފައިސަލް އެ ހިސާބަށް ބުނި ތަނާ ޒިޔާން އެތެރެއަށް ވަދެފައި ދޮރު ތަންޑުއެޅިއެވެ. ދެން ފުރަގަސްދީގެން ހުއްޓިގެން ހުރީއެވެ.
"އައި ހޭޓް ހަޝްމާ!" ޒިޔާން ބުނި އަޑުއިވުނެވެ. "ސީމާ މާ ރަނގަޅު. އޭނަ ގެނޭ!"
"އެއީ ކިހިނެއްވީ؟" ފައިސަލް ބުންޏެވެ. "ބައްޕަ ހީކުރީ ހަޝްމާ މާ ރަނގަޅު.."
ފައިސަލް ވާހަކަދައްކަމުން ޒިޔާންގެ ކުރިމައްޗަށް އަރަންއުޅެނިކޮށް ޒިޔާން ގޮސް އެނދުގައި އޮށޯވެފައި ބިއްދޮށަށް އެނބުރުނެވެ. ފައިސަލަށް ޒިޔާންގެ މޫނު ނުދައްކަންއުޅޭ ކަހަލައެވެ. ހަމަ އެ ވަގުތު މީހަކު ދޮރުގައި ހިފިއެވެ. ފައިސަލް ހިތަށްއެރިއެވެ. ޔަގީނުން ވެސް އެއީ ހަޝްމާ ނޫން އެހެން މީހަކަށް ނުވާނެއެވެ.
"ދޮރު ނުހުޅުވާތި!" ޒިޔާން ބުނި އަޑުއިވުނެވެ.
ފައިސަލް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ޒިޔާނެވެ.
ނުނިމޭ