24 ޖޫން 2023 - 21:18

ވާދަވެރި ކުޅުމަކަށް ފަހު، ދެވަނަ ހާފުގައި ޖެހި ގޯލުތަކުން 2-0 އިން ނޭޕާލް ބަލިކޮށް އިންޑިއާ، ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މި މޮޅާ އެކު އިންޑިއާ އާއި ކުވެއިތު ވެސް ވަނީ ގުރޫޕް އޭ އިން ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ. އިންޑިއާ އިން ފުރަތަމަ މެޗުގައި ޕާކިސްތާން ބަލިކުރި އިރު، ކުވެއިތުން ވަނީ މިއަދު ހަވީރު ކުޅުނު މެޗުގައި ޕާކިސްތާން ބަލިކޮށްފަ އެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި ކުވެއިތުން ވަނީ ނޭޕާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ނޭޕާލުން މިރޭ އިންޑިއާގެ މައްޗަށް ކުރި ހޯދި ނަމަ، ގުރޫޕްގެ ހަތަރު ޓީމަށް ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް އޮތީހެވެ. ނަމަވެސް އިންޑިއާ މޮޅު ވުމާ އެކު ނޭޕާލާއި ޕާކިސްތާން ވެސް ވަނީ ބާކީ ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި މުބާރާތުން ކަޓައިފަ އެވެ.
ގުރޫޕްގެ އެއްވަނަ ޓީމެއް ޔަގީން ކުރަން މި ގުރޫޕްގެ ފަހު މެޗުގައި އިންޑިއާ އާއި ކުވެއިތު އަންނަ އަންގާރަ ދުވަހުގެ ރޭ ބައްދަލު ކުރާނެ އެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި ރެފްރީކަން ކުރީ އޭއެފްސީ އެލީޓް ރެފްރީ، ރާއްޖޭގެ ހުސެއިން ސިނާން އެވެ. އަދި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރޮނގު ބެލެހެއްޓީ އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީ، ރާއްޖޭގެ ހަސަން އަހުމަދެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ ހެޑް ކޯޗު އީގޯ ސްޓިމަކް އަށް ރަތް ކާޑެއް ދައްކާފައި ވުމުން މި މެޗުގައި އިންޑިއާ ޓީމަށް އިރުޝާދު ދިނީ އެޓީމުގެ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނެވެ. މެޗުގެ 15 މިނިޓު ފަހުން އިންޑިއާގެ ސަހަލް އަބްދުއްސަމަދަށް ހަމަޖެހިލައިގެން ހަމަލާއެއް ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ފުރަތަމަ ހަމަލާ އިންޑިއާ އިން ފޮނުވާލި ނަމަވެސް ދެން ފެނުނީ ހާފު ނިމެންދެން ވެސް ނޭޕާލުން ޑޮމިނޭޓް ކޮށްގެން ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ތަނެވެ. އެޓީމުގެ އާރިކް ބިސްތާ ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ގުރުޕްރީތު ސިންގް ސާންޑޫ ދިފާއު ކުރި އިރު، އޭގެ ފަހުން އަޔުޝް ގަލަން ހުސްކޮށްލާފައި ދިން ބޯޅައެއް އެޓީމުގެ މަނީޝް ޑަންގީ އަށް އަތުވާ ވަރެއް ނުވި އެވެ. އަދި ލަކޭނޫ ލިމްބޫ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ވާގޮތެއް ނުވި އެވެ.
މަނީޝް ޑަންގީ، އިންޑިއާގެ އާކާޝް މިޝްރާ ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެ ބިމާލް ގާތީ މަގަރަށް ދިން ބޯޅަ އޭނާ ކޮންޓްރޯލް ކޮށްލުމުން އިންޑިއާ ޑިފެންޑަރުން ވަނީ އެ ބޯޅަ ކްލިއާ ކޮށްލައިފަ އެވެ. އަދި ސަނީޝް ސްރެޝްތާ ކުރިއަށް އަރައި ހުސް ކޮށްލައިފައި ދިން ބޯޅަ އަޔުޝް އަށް ނުލިބި ވަނީ ބޭކާރު ވެފަ އެވެ.
ނޭޕާލް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަންޖަން ބިސްތާ އަށް އަނިޔާ ވެގެން ހާފު ނިމެނިކޮށް ވަނީ ބަދަލު ކޮށްފަ އެވެ. މި ހާފުގައި އަންޖަން ބިސްތާ އަށް ދެ ފަހަރު ފަރުވާ ދޭން ޖެހުނެވެ.
ދެވަނަ ހާފު ފެށިގެން އިންޑިއާ އިން ބޮޑަށް ކުރިއަށް ޖެހިގެން ނޭޕާލްގެ ޑިފެންސަށް ނުރައްކާ ކުރަން ފެށިއެވެ. ނޭޕާލްގެ ޑިފެންސުން އިންޑިއާގެ ހަމަލާތައް ބްލޮކް ކުރި ނަމަވެސް 61 ވަނަ މިނިޓުގަައި މަހޭޝް ސިންގް ނޯރެމް ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމަށް ލީޑު ނަގައިދިނީ ސުނިލް ޗެތުރީ އެވެ.
މިއީ ޗެތުރީ ގައުމީ ޓީމަށް ޖަހައިދިން 91 ވަނަ ގޯލެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި އޭނާ ކާމިޔާބު ކުރި 22 ވަނަ ގޯލެވެ. ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިފައި ވަނީ ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
އިންޑިއާގެ ގޯލަށް ފަހު ދެން ފެނުނީ ދެ ޓީމުގެ ކުޅުންތެރިން ހޫނުވި މަންޒަރެވެ. ނޭޕާލްގެ ކީޕަރު ކިރަން ކުރިއަށް ފޮނުވާލި ބޯޅައެއް އިންޑިއާގެ ރާހުލް ސަންކަރު ބެހެކޭ ކައިރިން ބޮލުން ބިމާލް ގާތީ މަގަރު އެރި ވަގުތު ދެ ކުޅުންތެރިން ކޮންޓެކްޓް ވުމުން ރާހުލް ތެދުވެގެން އައިސް ބިމާލް ކޮއްޕާލުމުން ދަނޑުމަތީ ތިބި ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް އެއްވެ، ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. މެޗުގެ ރެފްރީ ސިނާން ވަނީ މިއާ ގުޅިގެން ދެ ކުޅުންތެރިންނަށް ވެސް ރީނދޫ ކާޑެއްދައްކައިފަ އެވެ.
މެޗުގެ 70 ވަނަ މިިނިޓުގައި ފެނުނު އިންޑިއާގެ ދެވަނަ ގޯލުގައި ވެސް ޗެތުރީގެ ދައުރު ބޮޑެވެ. ސަަހަލް އަބްދުއްސަމަދު ދިން ބޯޅައެއް ހިފައިގެން ޗެތުރީ އޭރިއާ ތެރެއަށް ވަދެ ރޯހިތު ޗާންދު ކައިރިން ނައްޓާލާފައި ފޮނުވާލި ބޯލަ ކީޕަރު ކިރަން އަތުގައި ޖެހިފައި ގޯލު ހުރަސް ދަނޑީގައި ޖެހިފައި ގޯލު ލައިން މައްޗަށް ވެއްޓެން ދިޔަ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މަހޭޝް ސިންގް ނޯރެމް އެވެ.