24 ޖޫން 2023 - 20:30

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ވެވަޑައިގެންފިނަމަ، ހުޅުމާލޭގައި ސަރުކާރުން ދީފައިވާ ހުރި ފްލެޓުތަކުގެ ކުލި އެއްފަހަރާ މާފުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގަންނަވައިފި އެވެ.

މިއަދު ޕެރެޑައިސް ރިސޯޓުގައި ބޭއްވި ޖޭޕީ ކައުންސިލުގެ 158 ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.
މިގޮތުން، ހާއްސަކޮށް ހުޅުމާލެއިން އެއް ބަޔަކަށް ގޯތި ވިއްކާފައި އަނެއް ބަޔަކަށް ހިލޭ ގޯތި ދިނުމަކީ އިންސާފެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭގައި ދީފަ ހުރި ފްލެޓުތަކުގެ ކުލި އެއްފަހަރާ މާފުކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.
"މާފު. ބޮޑު ލާރިއެއް ވެސް ދައްކާކަށް ނުޖެހޭނެ."
އެކަމަކު އޭގެ އިތުރު ތަފްސީލަކަށް ގާސިމް ވަޑައެއްނުގަންނަވަ އެވެ.
ހުޅުމާލޭގައި ސަރުކާރުން ގާއިމުކޮށްފައިވާ ސޯޝަލް ހައުސިންގެ ތެރެއިން ކުލި ބޮޑުވެގެން ޝަކުވާ އެންމެ ބޮޑުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތަކުގެ އެވެ. ނަމަވެސް، ކޮންމެ އެޕާޓްމަންޓަކުން މަހު ކުލީގެ ގޮތުގައި މެއިންޓެނަންސް ފީ އާއެކު ނަގަމުން އައި 8،500ރ. މި މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ސަރުކާރުން ވަނީ 6،300ރ. އަށް ކުޑަކޮށްދީފަ އެވެ.
ގާސިމް މިއަދު ވަނީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ މިނިވަން މުއައްސަސާތަކަށް ވެސް ނުފޫޒު ފޯރުވަމުންނެވެ.
އެހެންކަމުން، ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމަށް މީހަކު އިސްކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވަރަށް ބޮޑަށް ވިސްނުމަށް ގާސިމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.