29 ޖެނުއަރީ 2017 - 16:19

ނިއު ދިއްލީ (ޖެނުއަރީ 29) - ގައުމުގެ އެއްވެސް ހިސާބެއްގައި ގެރި ކަތިލުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން އަނބުރާ ފޮނުވާލައިފި އެވެ.
އެކްޓިވިސްޓުންތަކެއް ހުށަހެޅި ޕެޓިޝަނާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމި ނަމަ އިންޑިއާގެ 1.25 ބިލިއަން މީހުން ގެރި މަސް ބޭނުން ކުރުން ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ އެވެ.
ގެރި އަކީ އިންޑިއާގެ އަޣުލަބިއްޔަތު އޮންނަ ހިންދޫންގެ ބައެއް މީހުން އަޅުކަންކުރާ ޖަނަވާރެކެވެ. އެހެންވެ ގެރި ކަތިލާ، ގެރި މަސް ކެއުމަކީ ހިންދޫން ދެކޭ ގޮތުގައި އެ މީހުންގެ ދީނަށް ކުރާ ފުރައްސާރަ އެކެވެ. އެކަމަކު އިންޑިއާގެ އާބާދީގައި މުސްލިމުންނާއި ކްރިސްޓިއަނުން ހިމެނުނު ނަމަވެސް ގިނަ ސްޓޭޓްތަކުގައި މިހާރު ވެސް ވަނީ ގެރި ކަތިލުން މަނާކޮށްފަ އެވެ. އިންޑިއާގެ 29 ސްޓޭޓުގެ ތެރޭން ގެރި ކަތިލުމުގެ ހުއްދަ އޮންނަނީ އަށް ސްޓޭޓުގަ އެވެ.
"އެއް ސްޓޭޓުގައި ގެރި ކަތިލުން ހުއްދަކޮށްފާނެ. އަނެއް ސްޓޭޓުގައި މަނާކޮށްފާނެ. ސްޓޭޓްތަކުގެ ގާނޫނަށް ސުޕްރީމް ކޯޓުން ހުރަހެއް ނާޅާނެ،" ޕެޓިޝަނާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމި ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި އެނޫން ވެސް ހިންދޫ ގްރޫޕްތަކުން ދަނީ އިންޑިއާގައި ގެރި ކަތިލުން މަނާކުރުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. ބީޖޭޕީގެ ބާރު އޮންނަ ބައެއް ސްޓޭޓްތަކުގައި މިހާރު ވެސް ވަނީ ކެރި ކަތިލާ ނުވަތަ ގެރި މަސް ބޭނުންކޮށްފި ނަމަ ހަރުކަށި އަދަބު ދެމުންނެވެ. ގެރި މަސް ކޭ ކަމުގެ ތުހުމަތުގައި 2014 ވަނަ އަހަރު، 50 އަހަރުގެ މުސްލިމަކަށް ހިންދޫންގެ ގްރޫޕަކުން ހަމަލާދީ އޭނާ މަރާލައިފަ އެވެ.