24 ޖޫން 2023 - 15:17

ރޮސްޓޯވް (ޖޫން 24) - ރަޝިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި، ވެގްނާ ގުރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން، ދިން އިންޒާތަކަށް ފަހު ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެކޮޅަށް "ބަޣާވާތެއް" ކޮށްފާނެ ކަމުގެ ބިރު ހީވުމުން، ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ވެގްނާ ގުރޫޕުން ރަޝިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަތިޔާރު ނަގާނެ ކަމަށް ބުނުމުން، އެ ގައުމުގެ ސަރުކާރުން އެކަން ސިފަކޮށްފައި ވަނީ "ސަރުކާރާ ދެކޮޅަށް ކުރާ ބަޣާވާތެއް" ގެ ގޮތުގަ އެވެ.

ވެގްނާގެ ލީޑަރު ޕްރިގޯޒިން ބުނީ ރަޝިއާގެ ސިފައިން އޭނާގެ ގުރޫޕުގެ ހާހަކަށް ވުރެ ގިނަ ހަނގުރާމަވެރި މަރާލަފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލު ހިފަން ރަޝިއާގެ އަސްކަރިއްޔާއާ ދެކޮޅަށް އޭނާ ވަނީ ހަނގުރާމަ އިއުލާންކޮށްފަ އެވެ.
ރަޝިޔާގެ އަސްކަރިއްޔާގެ މަދަދާ އެކު ހިންގަމުން އައި ވެގްނަ ގުރޫޕުން ރޭ އެކަން އިއުލާން ކުރުމުން، މިއަދު ހެނދުނު ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބުކުރައްވަމުން ޕުޓިން ވިދާޅުވީ ޕްރިގޯޒިން އަށް "ހަރުކަށި" އަދަބު ދެއްވާނެ ކަމަށެވެ. އަދި ޕުޓިން ވަނީ ވެގްނާ ގުރޫޕުން ރަޝިއާގެ ރައްޔިތުންގެ ބުރަކައްޓަށް ވަޅި ހެރީ ކަމަށް ސިފަކުރެއްވި އެވެ.
ރަޝިއާގެ ޗެޗެނިއާގެ ތަމްސީލުކުރާ ހަނގުރާމަވެރި ގުރޫޕްގެ ލީޑަރު ރަމަދާން ކަޑިރޯވް ބުނީ ވެގްނާގެ ކުލީ ސިފައިންގެ ވެރިޔާ ޕްރިގޯޒިން ގެންނަން މަސައްކަތް ކުރާ ބަޣާވާތް ރޫޅާލުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ އޭނާގެ ހަނގުރާމަވެރިން ތައްޔާރަށް ތިބި ކަމަށެވެ.
ރަޝިއާގައި ހަމަނުޖެހުންތަކުގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން އެ ގައުމާ އިންވެގެން އޮންނަ އެހެން ގައުމުތަކުން ވަނީ ބޯޑަރުގައި ސަލާމަތީކަންކަން ވަރުގަދަ ކޮށްފަ އެވެ.
އެސްޓޯނިއާގެ ބޮޑުވަޒީރު ކަޖާ ކަލާސް މިއަދު ވިދާޅުވީ ބޯޑަރު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ރަޝިއާގެ އެއްވެސް ސަރަހައްދަކަށް ދަތުރު ނުކުރުމަށް އެސްޓޯނިއާގެ ރައްޔިތުންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މަސްރަހު ހޫނުވެ ރަޝިޔާ ސިފައިން ވެގްނާ ގްރޫޕްގެ މަގާމުތަކަށް ހަމަލާތަކެއް ދީފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. އަނެއްކޮޅުން ހަނގުރާމަވެރިން ރަޝިޔާ ސިފައިންގެ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށް ބުނެ ވީޑިއޯތަކެއް ވަނީ އާންމުކޮށްފަ އެވެ.