29 ޖެނުއަރީ 2017 - 16:26

އިދިކޮޅު އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރުމާއި ސިޔާސީ މުހިންމު ކަންތައްތަކަކާ ބެހޭ ގޮތުން އެ ޕާޓީގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ނަޝީދާ އެކު ބާއްވާ ބައްދަލުވުންތައް މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް ކޮލަމްބޯގައި ކުރިއަށް ގެންދާނެ ކަމަށެވެ.
"މި ބައްދަލުވުމަށް ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި ގައުމީ މަޖްލިސްގެ ވަރަށް ގިނަ ބޭފުޅުން ވަޑައިގަންނަވާނެ. އަދި އެ ބައްދަލުވުމުގައި ސިޔާސީ މުހިންމު ކަންތައްތަކަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވޭ،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި، ކުރިޔަށް ހުރި އިންތިހާބުތަކުގެ ކެމްޕެއިން ކުރިއަށް ގެންދިއުމާއި ރިޔާސީ ކެންޑިޑޭޓަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.
އެމްޑީޕީން ބުނިގޮތުގައި އަންނަ ބުރާސްފަތިދުވަހުގެ ހަވީރު 4:00 ން 6:00 އަށް އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނާ ނަޝީދު ބައްދަލު ކުރައްވާނެ އެވެ.
އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ލަންޑަންގައި އުޅުއްވަމުން ގެންދަވާ ނަޝީދު މިދިޔަ އަހަރުގެ އޯގަސްޓްމަހު ވެސް ލަންކާ އަށް ވަޑައިގަތެވެ. އެ ފަހަރު ހަފުތާއެއްހާ ދުވަސް އެމަނިކުފާނު ލަންކާގައި ހޭދަކުރެއްވި އެވެ.