24 ޖޫން 2023 - 14:04

ފްލޮރިޑާ (ޖޫން 23) - ބާސެލޯނާގައި 18 އަހަރު ހޭދަކުރުމަށް ފަހު ކްލަބް ދޫކޮށްލި ސާޖިއޯ ބުސްކެޓްސް، ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އެމެރިކާގެ ކްލަބް އިންޓަ މިއާމީ އަށް ބަދަލުވެއްޖެ އެވެ.
ފުޓްބޯޅަ ކްލަބެއްގެ ގޮތުގައި 2018 ވަނަ އަހަރު ވުޖޫދުވި އިންޓަ މިއާމީ އެމެރިކާ މޭޖަ ލީގު ސޮކާގައި ވާދަކުރަން ފެށީ 2020 ވަނަ އަހަރު އެވެ. ޑޭވިޑް ބެކަމް އެ ކްލަބުގެ ހިއްސާގެ ކޮންޓްރޯލް ހޯދީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ބުސްކެޓްސް، 34، އާއެކު ކުރިން ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ލިއޮނެލް މެސީ ވެސް ވަނީ އިންޓަ މިއާމީ އަށް ބަދަލުވެފަ އެވެ. އެ ދެ ކުޅުންތެރިން ވަނީ ބާސެލޯނާގައި 13 އަހަރު އެއްކޮށް ކުޅެފަ އެވެ.
ބުސްކެޓްސް އާއި މެސީ ވަނީ ބާސެލޯނާއާ އެކު ޔޫއެފާ ޗެންޕިއަންސް ލީގު ތިން ފަހަރު ހޯދައި ސްޕެނިޝް ލީގު އަށް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2008 އާއި 2021 އާ ދެމެދު އެވެ.
އިންޓަ މިއާމީގެ އިތުރުން ސައުދީ އަރަބިއާގެ ކްލަބްތަކުން ވެސް ބުސްކެޓްސް ހޯދަން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ބުސްކެޓްސް ނިންމީ މެސީއާ އެކު އިންޓަ މިއާމީ އަށް ބަދަލުވާށެވެ.
ބާސެލޯނާގެ ޔޫތު ޓީމުން 2005 ވަނަ އަހަރު ފުރުސަތު ހޯދުމަށް ފަހު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ބުސްކެޓްސް އަށް ސީނިއާ ޓީމުން ފުރުސަތު ލިބުނީ 2008 ވަނަ އަހަރު އެވެ. ބާސެލޯނާ އަށް 722 މެޗު ކުޅުނު ބުސްކެޓްސް އަކީ މި ޖީލު ދުށް އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
ސްޕެއިން ގައުމީ ޓީމުން ބުސްކެޓްސް ރިޓަޔާކުރީ މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ފަހު އެވެ. ބުސްކެޓްސް ވަނީ ސްޕެއިންއާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.