24 ޖޫން 2023 - 07:46

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 23 ގައި ހުޅުވާލައި، ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ޖުލައި23 އިން އޮގަސްޓް 7އަށް އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ބަލައިގަންނާނެ ކަމަށެވެ.
އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން ކުރިން ދެނީ 10 ދުވަހެވެ. އެކަމަކު ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް ވަނީ ބަދަލުކޮށްފަ އެވެ.
ހަބީބް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އެޕްލިކޭޝަން ބަލައިގަތުމުގެ އިސްލާހާ އެކު ކުރިމަތިލުމުގެ މުއްދަތު އިތުރުވިޔަސް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ އެވެ.
ގުރުއަތުލުން އޮންނާނީ، އޭނާ ވިދާޅުވި ގޮތުގައި، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ގަ އެވެ.
އިންތިހާބު ކުރިއަށް ގެންދަން އީސީން ކަނޑައަޅާފައިވާ ތާވާލާ އެއްގޮތަށް މިހާރު ވަނީ ވޯޓާސް ލިސްޓް ވެސް އާއްމުކޮށްފަ އެވެ. މިފަހަރުގެ އިންތިހާބުގައި 283،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ މުހައްމަދު ނާޒިމެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޔާމީނަށް ޓިކެޓް ހަވާލުކޮށްފައި ވިޔަސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަން ކަށަވަރުވާނީ އިސްތިއުނާފް ނިމުމުންނެވެ.
އަލަށް އުފައްދަން މަސައްކަތްކުރާ ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
މި ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފަ އެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވަ އެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ނުޖެހި ކެންޑިޑޭޓަކު ކަނޑައެޅުނީ އެންމެ ފަހުން ބޭއްވި 2018ގެ އިންތިހާބުގަ އެވެ. ސިޔާސީ ގިނަ ޕާޓީތަކުން ކޯލިޝަން ހަދައި ފުރަތަމަ ބުރުން އިންތިހާބު ނިންމިއިރު، އޭގެ ކުރިން ކޮންމެ ފަހަރަކު ވެސް ރައީސަކު ކަނޑައެޅެނީ ދެ ވަނަ ބުރުގަ އެވެ.