23 ޖޫން 2023 - 21:19

ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމުގެ ހިދުމަތް ރާއްޖޭގައި އަލަށް އެމްއައިބީން ތައާރަފްކޮށްފި އެވެ.
ދިރިއުޅޭ ރަށުގައި ބޭންކެއް ނުހުންނަ ނަމަ އަކއުންޓެއް ހުޅުވުމަކީ ބޮޑު ތަކުލީފެކެވެ. ބޭންކެއް ހުންނަ ނަމަ ވެސް އެކައުންޓެއް ހުޅުވަން އެތައް އިރެއް ހޭދަވެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނި ގޮތުގައި އެ ދަތިކަމަށް ހައްލު ހޯދަން އެ ބޭންކުން މިރޭ ފަށާ ހިދުމަތަކީ އިންގިލާބީ ބަދަލަކަށް ވާނެ އެވެ. މިހާރު އެމްއައިބީ އެކައުންޓް ހުޅުވަން ބޭންކަށް ދާކަށް ނުޖެހޭނެ އެވެ. ކޮންމެތާކު ހުރެގެން ވެސް މިހާރު އެމްއައިބީ އެކައުންޓް ހުޅުވޭނެ އެވެ.
އެ ބޭންކުން ބުނި ގޮތުގައި އެމްއައިބީ އެޕްލައިނައު ޕޯޓަލް މެދުވެރިކޮށް އެކައުންޓް ހުޅުވަން ހުށަހެޅޭނެ އެވެ. ސަރުކާރުގެ އެކި ހިދުމަތް ހޯދަން ބޭނުންކުރާ އީފާސް މެދުވެރިކޮށް އެމްއައިބީ އެޕްލައިނައު ޕޯޓަލް އިން މިހާރު އެކައުންޓް ހުޅުވުމަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ފޯމު މެދުވެރިކޮށް އެމްއައިބީ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަކަށް ވެސް އެދެވޭނެ އެވެ.
އެމްއައިބީން ބުނީ އެކައުންޓް ހުޅުވުމުން އެމްއައިބީ ފައިސާނެޓް ނުވަތަ މޮބައިލް އެޕް- ފައިސާ މޮބައިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. މި ފަސޭހަތަކާ އެކު ރާއްޖޭގައި އެންމެ ފަސޭހައިން އިތުބާރާ އެކު ހިދުމަތް ދޭ ބޭންކަށް އެ ބޭންކް ވާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން ވަނީ ދާދިފަހުން ހުޅުމާލެ2 ގައި ފުރަތަމަ ފަހަރަށް އޭޓީއެމްއެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފަ އެވެ.