23 ޖޫން 2023 - 18:34

މި އަހަރުގެ ބޮޑު ބަންދާ ދިމާކޮށް މި މަހުގެ މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދައިފި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ އެކު އީދު ބަންދު އިއްޔެ ފެށި ގިނަ ބަޔަކު ވަނީ ރާއްޖެ އިން ބޭރަށް ވެސް ފުރަން ފަށައިފަ އެވެ.
އިމިގްރޭޝަނުން "މިހާރު" އަށް ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ދޫކުރީ 31،434 ޕާސްޕޯޓެވެ. އެކަމަކު ބަންދާ ދިމާކޮށް ތިން ހަފުތާ ތެރޭގައި 6،999 ޕާސްޕޯޓް ދޫކުރަން ޖެހުނެވެ.
މި މަހުގެ މިހާތަނަށް އެކަނި ވެސް 6،000 ޕާސްޕޯޓް ދޫކުރަން ޖެހުމަކީ އެވްރެޖްކޮށް ޕާސްޕޯޓް ހައްދާ ވަރަށް ވުރެން އެތައް ގުނައެއް އިތުރު އަދަދެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އާންމުކޮށް ކޮންމެ ދުވަހަކު ހަދަނީ 200 ޕާސްޕޯޓެވެ. ނަމަވެސް އިއްޔެ އެކަނި 653 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށާއި މިދިޔަ ހަފުތާ 2،450 ޕާސްޕޯޓް ދޫކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ އަހަރު ބޮޑު ޗުއްޓީގައި ވެސް ޕާސްޕޯޓު ހިދުމަތަށް ބާރު ބޮޑުވެ ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހަދަން ހުށަހެޅި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ މިއަދަށް އެކަނިވެސް 56 ފްލައިޓް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އިއްޔެ އެ އެއާލައިންގެ ޑޮމެސްޓިކް 50 ފްލައިޓް އެކި ތަންތަނަށް ދަތުރުކުރި އެވެ.