ހުރިހާ ކުޅުންތެރިންގެ ތެރެއިން ހުސައިން؛ މެޗުގެ ބަތަލަކީ މިއީ
ހުރިހާ ކުޅުންތެރިންގެ ތެރެއިން ހުސައިން؛ މެޗުގެ ބަތަލަކީ މިއީ

ސާފް ޗެމްޕިއަންޝިޕްގައި ރޭ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި، ޓީމެއްގެ ގޮތުގައި ރާއްޖެއިން ދެއްކި ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ. އެކަމަކު އުނދަގުލާ އެކު ވެސް ރާއްޖެ އަށް މެޗުން ތިން ޕޮއިންޓް ލިބުމުން އުފާވެރިކަން އެބައޮތެވެ.

ހުރިހާ ކުޅުންތެރިންގެ ތެރެއިން ހުސައިން؛ މެޗުގެ ބަތަލަކީ މިއީ
ހުރިހާ ކުޅުންތެރިންގެ ތެރެއިން ހުސައިން؛ މެޗުގެ ބަތަލަކީ މިއީ

މެޗުގައި ގޭމް ކުޅޭނެ ގޮތުގެ ޕްލޭނެއް ނެތި ކުޅެމުން ދިޔަ ދިވެހި ޓީމުގެ ކުޅުންތެރިންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ބަންޑުންވީ، ކީޕަރު ހުސައިން ޝަރީފަށެވެ. ބޫޓާނުގެ ޓީމުން ރާއްޖެ އަށް ބާރުބޮޑު ކުރަމުން ދިޔައިރު ހުސައިން މުހިންމު ސޭޗްތަކެއް ކުރި އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމުގައި ހުސައިން ކުޅޭ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން އެކުވެރިކަމުގެ މެޗުތަކުގައި ހުސައިން ވަނީ ގޯލް ބަލަހައްޓައިފަ އެވެ. މުބާރާތް ކައިރިވެފައި ވަނިކޮށް އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ކަކުލަށް އަނިޔާވުމުން އޭނާ ސްކޮޑުން ބާކީ ކުރަން ޖެހުނެވެ. އެކަމަކު ހުސައިން އަށް އިތުބާރުކޮށް އޭނާ އަށް މުބާރާތުގެ އެއްވަނަ ކީޕަރުގެ މަގާމު ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ދިނީ ކުރިން ކުޅުނު މެޗުތަކުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ރާއްޖޭގެ ޓީމަށް ނަތީޖާ ހިފެހެއްޓުނީ ކީޕަރު ހުސައިންގެ ސަބަބުން ކަމަށެވެ.

"ވަން އޯ ވަން ފުރުސަތުތަކުގައި ވެސް އޭނާ ވަރަށް ރަނގަޅަށް އެބަ ވިއްދާ. މެޗު ވިނިން ޕާފޯމަންސެއް ހުސައިން އެ ދައްކަނީ،" ޔެސް ޓީވީން ގެނެސް ދިން މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ވާހަކަ ދައްކަމުން ސޮބާ ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، ޕޯޗުގަލްގެ ސިމާއޯ ކޯސްޓާ ފޭސްބްކްގައި ލިޔުނު ރާއްޖޭގެ މެޗުގެ އެނަލިސިސްއާ ގުޅިގެން، "މިހާރު" އިން ގުޅުމުން އޭނާ ބުނީ ޓީމެއްގެ ގޮތުގައި ނުކުޅެވުނަސް ރާއްޖޭން މޮޅުވީ ތިން ހަތަރު ކުޅުންތެރިޔެއްގެ އިންޑަވިޖުއަލް ހުނަރު ބޭނުން ކޮށްގެން ކަމަށެވެ. އެ ލިސްޓްގައި އޭނާ، ހުސައިންގެ ނަން ވެސް ހިމަނަ އެވެ.

"ރާއްޖެ އަށް ވަރަށް މުހިންމު ބައިކޮޅަށް ލަނޑެއް ނުވަދެ މެޗު ނިމުން. އެކަން އޭނާ ކޮށްފި. ކުރިއަރަމުން އަންނަ ރަނގަޅު ކީޕަރެއް،" ސިމާއޯ ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ ޖަޕާނުގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ދަތުރާ ހމައިން ގައުމީ ޓީމުގެ ގޯލްކީޕިން ޓްރޭނިންތަކާ ހަވާލުވީ ކުރީގެ ކީޕަރު އިބްރާހިމް "މެޓާ" ސަލީމެވެ.

މާޒިޔާގައި ހުސައިން އަށް ކޯޗު ކޮށްދެމުން އަންނަ އެ ކްލަބްގެ ގޯލްކީޕަރު ކޯޗު މުހައްމަދު ސުވެއިދު (ސުވެޓޯ) ބުނީ ކީޕަރަކު މެޗުން ޓީމު މޮޅުކޮށް ދޭން ކުރާ މަސައްކަތް ރޭ ގެ މެޗުން ހުސައިން ދެއްކި ކަމަށެވެ.

"އަބަދު ވެސް އިވޭނީ ކުޅުންތެރިޔަކު ލަނޑު ޖަހައިގެން ޓީމު މޮޅުކޮށްދިން ވާހަކަ. އެކަމަކު ރޭ ރާއްޖެ މޮޅުކޮށް ދިނުމުގައި އެންމެ މުހިންމު ކުޅުންތެރިޔަކީ އޭނަ، ކްލަބް ފުޓްބޯޅައިގައި 2016 އިން ފެށިގެން ހުސައިން އަށް ޓްރޭނިން ދެމުން އަންނަ ސުވެޓޯ ބުންޏެވެ.

"ޕްރެކްޓިހުގައި ވެސް ވަރަށް މަސައްކަތް ކުރާ ކީޕަރެއް ހުސައިން އަކީ. މިހާރު ރާއްޖޭގައި ތިބި އެންމެ މޮޅު ދެ ކީޕަރުންނަކީ އޭނަ އާ ފައިސަލް."