24 ޖޫން 2023 - 11:21

ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގައި ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ މޯލްޑިވްސް ބަލިކޮށް ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޖޯލި މޯލްޑިވްސް ކުއާޓާ އަށް ދަތުރު ކުރީ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން މިލައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޯޔަލް އައިލެންޑް ރިސޯޓުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 2-2 އިން އެއްވަރު ވުމުން ޖޯލި މޯލްޑިވްސް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ މުހައްމަދު ޖުމާން އަހުމަދެވެ.
މިލައިދޫ އިން ނޮކައުޓް ބުރުގެ ޖާގަ ހޯދީ މިދިޔަ އަންގާރަ ދުވަހު ކުޅުނު ބ. އަތޮޅު ޒޯން ބުރުގެ ފައިނަލްގައި 1-0 އިން ސޮނެވާފުށި ރިސޯޓް ބަލިކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތު އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު އަކްރަމް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ މިލައިދޫގެ އުނެއިސް ޒުބެއިރެވެ.
ބ. އަތޮޅު ބުރުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މިލައިދޫގެ އާދަމް ނަސީރު، ހުސެއިން އީމާން، އަލީ ނަސީރު އަދި ސޮނެވާގެ މުހައްމަދު ނާއިލް އާއި މުހައްމަދު އަސްފާން އެވެ. މި ބުރުގައި ހަތަރު ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމް ހޯދީ ސޮނެވާގެ ނާއިލް އާއި އަސްފާންގެ އިތުރުން މިލައިދޫގެ އީމާން އެވެ.
ބ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މިލައިދޫގެ އުނެއިސް އެވެ. އަދި އެންމެ މޮޅު ކޯޗަކީ އެޓީމުގެ މުހުތާރު ނަސީރު (ޓޫކިލޯ) އެވެ.