22 ޖޫން 2023 - 21:07

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ބޫޓާން އަތުން އުނދަލުން މޮޅުވެ ތިން ޕޮއިންޓް ހޯދައިފި އެވެ.
ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ރާއްޖޭން ފެށީ ވަރުގަދަ ކޮށެވެ. ފުރަތަމަ ހަ މިނިޓު ތެރޭ ރާއްޖެއަށް ލިބުނު ޕެނަލްޓީން ލީޑު ހޯދި ނަމަވެސް ދެން ފެނުނީ ޕްރެޝަރުގައި ކުޅުނު މަންޒަރެވެ.
ރާއްޖެ އަށް ޕެނަލްޓީއެއް ލިބުނީ ދަނޑުގެ މެދަކާ ހަމައިން ހަމްޒާ މުހައްމަދު (ހަމްޕު) ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، އިތުރު ކުޅުންތެރިއެއް ކައިރިން ނައްޓާލައި ބޯޅަ ފޮނުވާލަން އުޅުނު ވަގުތު ހަމްޕު އަށް ފައުލްކުރުމުންނެވެ. ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ވެސް ހަމްޕު އެވެ. އޭގެ ފަހުން، އެންމެ ކުރިއަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ފޮނުވާލި ބާރު ހަމަލާއެއް ބޭރަށް ދިޔައީ ގޯލު ހުރަސް ދަނޑި ކައިރިންނެވެ.
އެއަށް ފަހު މުޅި މެޗުގައިހެން ރާއްޖޭގެ ޓީމު ފެނުނީ ޕްރެޝަރުގައި ކުޅުނު ތަނެވެ. ބޫޓާނުން ގިނަ ހަމަލާތަކެއް ފޮނުވާލި އިރު ކީޕަރު ހުސެއިން ޝަރީފަށް ވަނީ ގިނަ ހަމަލާތަކެއް ދިފާއުކުރަން ޖެހިފަ އެވެ.
ބޫޓާނުގެ ކެޕްޓަން ކަރުމާ ޝާރިންގް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ހުސެއިން ދިފާއުކުރި އިރު ރީބައުންސްވި ބޯޅަ ޔެޝީ ޑޯޖީ އަށް ފޮނުވާލެވުނީ ކީޕަރާ ދިމާއަށެވެ. އެޓީމުގެ ނިމާ ޝާރިންގް އާއި ޑޯޖީ ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
މި ހާފުގައި ލިބުނު ކޯނަރަކުން ބޫޓާންގެ ޝެލް ތްރިމް ނަމްގިޔެލް ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ފަހު ހާފުގައި ގެނައި ބަދަލުތަކާ އެކު ރާއްޖޭން ކުޅުން ރަނގަޅުކޮށް ގޯލު ޖަހަން ފުރުސަތުތަކެއް ހޯދި އެވެ. އެގޮތުން ލީޑު ފުޅާ ކުރީ 90 ވަނަ މިނިޓުގައި ނާއިޒް ހަސަން (ދާދު)، ބޫޓާންގެ ކީޕަރު ކައިރިން ނައްޓާލާފައި ޖެހި ގޯލުންނެވެ.