22 ޖޫން 2023 - 17:38

ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ލެބަނަން އިން ފަހު ވަގުތު 2-0 އިން ބަންގްލަދޭޝް ބަލިކޮށްފި އެވެ.
ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް، ލެބަނަން އަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ހަސަން މާތޫކް އެވެ.
ލެބަނަންގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅޭދީ، އެންމެ ގިނަ ގޯލު ޖަހައިދީފައިވާ މާތޫކު ކުޅެން އެރީ ދެވަނަ ހާފުގަ އެވެ. މި މެޗުގައި ގޯލު ޖެހުމުގެ ކުރިން އެޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ވަނީ މާތޫކާއި ކުރީގެ ސްޓްރައިކަރު ވަރުދާން ގަޒަރުޔާން އެވެ. ނަމަވެސް މިއަދުގެ ގޯލާ އެކު 22 ގޯލު ހަމަކޮށް މާތޫކް ވަނީ ރެކޯޑް މުގުރާލައިފަ އެވެ.
ލެބަނަން އިން ލީޑު ފުޅާ ކުރީ މެޗުގެ އިތުރު ވަގުތުގައި، ހަލީލް ބަޑާ ކާމިޔާބު ކުރި ގޯލުންނެވެ.
މިއަދުގެ މެޗުގެ އޮފިޝަލުންގެ ތެރޭގައި ރާއްޖޭގެ ދެ އޮފިޝަލުން ހިމެނެ އެވެ. އެއީ މެޗުގައި ލައިން ބެލެހެއްޓި އެލީޓް އެސިސްޓެންޓް ރެފްރީ ހަސަން އަހުމަދާއި ހަތަރުވަނަ އޮފިޝަލްކަން ކުރި ރާއްޖޭގެ އެލީޓް ރެފްރީ ހިުސެއިން ސިނާން އެވެ.
މެޗު ފަށައިގެން ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ކުޅެމުން ދިޔަ ނަމަވެސް މާ ރަނގަޅު ހަމަލާއެއް ކުރީކޮޅު ފޮނުވައެއް ނުލެވުނެވެ. ލެބަނަން އިން ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ހުރަސް ކޮށްގެން ހަމަލާއެއް ފޮނުވާލެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބާމަން އާއި ގޯލްކީޕަރު އަނީސުއްރަހްމާން ފެނުނީ މާ ހުށިޔާރު ކޮށެވެ.
ދެވަނަ ހާފުގައި ބަންގްލަދޭޝް އަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. އެޓީމުގެ އެމްޑީ ފޮއިސަލް އަހުމަދު ފަހީމް ހުސްކޮށް ބޯޅަ ހިފައިގެން ކުރިއަށް އަރައި ފޮނުވާލި ނަމަވެސް ލެބަނަންގެ ކީޕަރު އަލީ ސަބީހް ވަނީ ހަމަލާ މަތަކޮށްފަ އެވެ.
މި ގުރޫޕުގައި ދެން ހިމެނޭ ރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.