09 ޖޫން 2016 - 23:24

މޯބައިލް ފޯނު މެދުވެރިކޮށް ޔޫރޯގެ މެޗުތައް ވަގުތުން ބަލާލެވޭނެ ގޮތް އުރީދޫ އާއި އޯޕަން ޓީވީ ގުޅިގެން ހަމަޖައްސައިފި އެވެ.
މިއީ ރާއްޖޭގައި މޯބައިލް ޕްލެޓްފޯމެއްގައި ޔޫރޯ ބެލޭނެ ގޮތް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
އުރީދޫން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޯޕަން ޓީވީ މެދުވެރިކޮށް ކޮންމެ ތަނެއްގައި ތިބެގެން ވެސް ކަސްޓަމަރުންނަށް ސްމާޓް ފޯންތަކުންނާއި ޓެބްލެޓް އަދި ޕީސީ ބޭނުންކޮށްގެން ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ މެޗުތައް ލައިވްކޮށް ބަލާލެވޭނެ ކަމަށެވެ.
އުރީދޫން ވަނީ ޔޫރޯ 2016ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ވަރަށް ހެޔޮއަގުގައި ޔޫރޯގެ މެޗްތައް ލައިވްކޮށް ބެލޭނެ ހާއްސަ ޑޭޓާ ޕެކްތަކެއް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ. އުރީދޫގެ "ޔޫރޯ ޑެއިލީ ޕެކް" އަދި "ޔޫރޯ ސީޒަން ޕެކް" ނަމުގައި ތައާރަފްކުރި ޕެކޭޖުގައި އޯޕަން ޓީވީގެ ޔޫރޯ އަށް ހާއްސަކޮށްފައިވާ ޗެނަލަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނީ 150ރ. އަށް ޔޫރޯގެ ހުރިހާ މެޗްތަކެއް ވެސް ބަލާލުމުގެ ފުރުސަތު ލިބޭ އުރީދޫގެ ޔޫރޯ ސީޒަން ޕެކް ޕްރީބުކްކުރާ ފަރާތްތަކަށް، 300 އެމްބީގެ ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.
މި ޕެކަށް ޕްރީ ބުކް ކުރެވޭނީ މާދަމާގެ މެންދުރު 12:00 ޖެހުމުގެ ކުރިންނެވެ.
"މުޖުތަމައު އަށް މުހިންމުވާ މިފަދަ މުނާސަބާތަކުގައި ބައިވެރިވެ، ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަކީ އުރީދޫއިން ވަރަށް އިސްކަންދޭ ކަމެއް. އޯޕަން ޓީވީ އާ ގުޅިގެން، ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޔޫރޯ 2016ގެ މެޗުތައް ބަލާލުމުގެ ފުރުސަތު ހޯދައިދެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވި އެވެ.
"އޯޕަން ޓީވީ އާއި އުރީދޫގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޔުއެފާ ޔޫރޯ 2016 ގެ 51 މެޗު، އެ ބޭފުޅުންގެ މޮބައިލް ޑިވައިސްތަކުން ބަލާލުމުގެ ފުރުސަތު ހޯދައިދެވުންކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން." މީޑިޔާނެޓްގެ ސީއީއޯ، އަހުމަދު ޝަފީއު ވިދާޅުވިއެވެ.
ޔޫރޯ ޑެއިލީ ޕެކް ނެގުމަށް (EURO DAILY) ޖެހުމަށްފަހު 5505އަށް އެސްއެމްއެސް ކުރުމުން ޔޫރޯ ޑެއިލީ ޕެކަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. ޔޫރޯ ސީޒަން ޕެކް ނެންގެވުމަށް (EURO SEASON) ޖެހުމަށްފަހު 5505އަށް ފޮނުވުމުން ހިދުމަތް ލިބޭނެ އެވެ. #929* އަށް ޑައިލްކޮށްގެން ވެސް ކަސްޓަމަރުން ބޭނުންވާ ޕެކޭޖްއެއް ނެގޭނެ އެވެ.