ދައުރުން ބޭރުން ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހަޅައިފި
ދައުރުން ބޭރުން ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ދައުރުން ބޭރުން ބާއްވަން މެޖޯރިޓީ ޕާޓީ އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް އެއްގޮތަކަށް ވެސް ނުބާއްވާ ދެ ދުވަހު އޮތުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެން ޖަލްސާއެއް ބާއްވައިފަ އެވެ.

އެ ޖަލްސާގައި ވެސް އެމްޑީޕީގެ މެންބަރުން ވަނީ ދައުރު ނުނިންމާ މަޖިލިސް ކުރިޔަށް ގެންދަން އެދިވަޑައިގެންފަ އެވެ. ނަމަވެސް ނަޝީދު ވަނީ އެ ފުރުސަތު ނުދެއްވާ ޖަލްސާ ނިންމާލައްވައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި މަޖިލީހަށް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ދައުރު ނިންމާލާފައި ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެހެންވެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ދައުރުން ބޭރުން ޖަލްސާތައް ބާއްވައި ދޭން އެމްޑީޕީން އެދުނެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެމްބަރުން ސޮއިކޮށް ހުށަހަޅައިފިނަމަ، ގިނަވެގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް މަޖިލީހުގެ ރައީސް ބާއްވަވަންވާނެ އެވެ. އެ މާއްދާގެ ދަށުން ގިނަ ޖަލްސާތަކެއް ބާއްވަން އެދުމަށް ވެސް ހުރަހެއް ނާޅަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ އޮގަސްޓު 16 ގަ އެވެ.